ބޮލީވުޑް

ކެޓްރީނާގެ އުފަންދުވަހު ހަދިޔާއަކަށް "ޒީރޯ"ގެ ޕޯސްޓަރެއް

ބޮލީވުޑްގެ ޑާންސިން ޑީވާ އަދި ބަތަލާ ކެޓްރީނާ ކައިފްއަށް އިއްޔެ ވަނީ 35 އަހަރު ފުރިފަ އެވެ. އުފަންދުވަހުގެ މުނާސަބަތުގައި ގިނަ ބަޔަކު އޭނާއަށް ދުވަހުގެ ތަހުނިޔާއާއި ހަދިޔާތައްވެސް ފޮނުވި އެވެ. މީގެ ތެރެއިން އެންމެ މުހިންމު ހަދިޔާއެއް ދިނީ ޝާހުރުކް ޚާން އެވެ.

ޝާހުރުކްއާއެކު ކެޓްރީނާ ކުޅޭ ފިލްމު "ޒިރޯ" ގައި ކެޓްރީނާ ހުންނަ ގޮތް ފެންނަ ޕޯސްޓަރެއް ޝާހުރުކް ވަނީ ދީފަ އެވެ. މިއީ އަނަންދު އެލް ރައީ ޑައިރެކްޓުކުރާ މި ފިލްމުގައި ކެޓްރީނާގެ ފަސްޓު ލުކް އެވެ. މި ޕޯސްޓަރާއެކު ޝާހުރުކް ވަނީ ކެޓްރީނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާ ކާޑެއްވެސް ޓުވިޓާ މެދުވެރިކޮށް ފޮނުވާފަ އެވެ.

ޝާހުރުކްގެ ޓުވީޓްގައި ލިޔެފައި ވަނީ، "ކެޓްރީނާގެ ވަރަށް ރީތި ފޮޓޯތައް ހުންނާނެ. އެކަމަކު މި ފޮޓޯއަކީ އޭގެ ތެރެއިންވެސް ވަރަށް ރީތީ ފުރިހަމަ ފޮޓޯއެއް. އެންމެންގެ ލޯބި މި ފޮޓޯއަށް ލިބޭނެ ކަމަށް އުއްމީދުކުރަން،" ކަމަށެވެ.

މި އަހަރު ރިލީޒްކުރާ އެންމެ ބޮޑު އެއް ފިލްމު ކަމަށްވާ "ޒީރޯ" ގެ ދެ ޓީޒާއެއް މިހާރު ވަނީ އާންމުކޮށްފަ އެވެ. ކެޓްރީނާއާއި ޝާހުރުކްގެ އިތުރުން އަނުޝްކާ ޝަރުމާވެސް މި ފިލްމުގައި މުހިންމު ރޯލަކުން ފެނިގެންދާނެ އެވެ. މި ފިލްމު ރިލީޒްކުރަނީ ޑިސެމްބަރު 21 ގަ އެވެ.