ދުނިޔެ

މިސްރު ސިފައިންނަށް ދައުވާ ނުކުރެވޭ ގޮތަށް ގާނޫނު ބަދަލުކޮށްފި

Jul 17, 2018
3

ކާއިރޯ (ޖުލައި 16) - މިސްރުގެ ވެރިކަން ވައްޓާލުމާއި ގުޅިގެން ކުރި މުޒާހަރާތަކުގައި އެތަކެއް ސަތޭކަ މީހުން މަރާލި ތުހުމަތު ކުރެވޭ ސިފައިންގެ އިސްވެރިންނަށް ދައުވާ ނުކުރެވޭ ގޮތަށް ގާނޫނެއް ފާސްކޮށްފި އެވެ.

މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރްސީގެ ސަރުކާރު 2013 ވަނަ އަހަރު ވައްޓާލީ މިހާރުގެ ރައީސް އަބްދުލް ފައްތާހު ސީސީ އިސްވެ ހުރެ ސިފައިން ގެނައި ބަޣާވާތެއްގަ އެވެ.

ހޯމަ ދުވަހު މިސްރުގެ ޕާލިމަންޓުން ފާސްކުރި ގާނޫނެއްގައި، ސީސީ ބޭނުންފުޅުވާ ވަކިވަކި ސިފައިންނަށް ބޮޑެތި އިމްތިޔާޒްތަކާއެކު ޖިނާއީ ދައުވާތަކުން ސަލާމަތް ކުރެވޭނެ ބާރުވަނީ ދީފަ އެވެ. މިގޮތުން، ސީސީ ބޭނުންފުޅުވެއްޖެ ނަމަ، 03 ޖުލައި 2013 އިން ފެށިގެން 08 ޖޫން 2014 މި މުއްދަތުގެ ތެރޭގައި ސިފައިން ހިންގާފައިވާ އެއްވެސް ކަމަކަށް ޖިނާއި ދައުވާ ނުކުރެވޭނެ އެވެ. ގާނޫނުގައި ލިޔެފައިވާ މި ތާރިހަކީ މުރްސީގެ ވެރިކަން ވައްޓާލައި ސީސީ ވެރިކަމަށް ވަޑައިގެންނެވުމަށް ހޭދަވި މުއްދަތެވެ.

އޯގަސްޓް 2013 ގައި މުރްސީގެ މުސްލިމް ބްރަދާހުޑްގެ ސަޕޯޓަރުން ކުރި މުޒާހަރާއެއް ސިފައިން ނިކުމެ ރޫޅާލުމުގެ ތެރޭގައި، 800 ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

މި ގާނޫނާއެކު، އެ ހާދިސާ އާއި ގުޅިގެން ސިފައިންގެ އެއްވެސް އިސްވެރިއަކަށް ދައުވާއެއް ނުކުރެވޭނެ އެވެ.