ފިނިޕޭޖް

ޝުވެކަށް ދެން އަންނާނީ މި ފިލްމުތައް

ދަރްމާ ޕްރޮޑަކްޝަނުން ގެނެސްދޭ ލޯބީގެ ފިލްމު "ދަޅަކް" އާއި ޔުނިވާސަލް ފިކްޗާސުން ގެނެސްދޭ ފިލްމު "މަންމާ މިއާ: ހިއާ ވީ ގޯ އެގެއިން" އަދި ސޮނީ ޕިކްޗާސުން ގެނެސްދޭ ފިލްމު "އީކުއަލައިޒާ 2" އަންނަ ހުކުރު ދުވަހު ޝުވެކްގައި ޕްރިމިއާ ކުރާނެ އެވެ.

ޝުވެކްގައި ދެއްކުމަށް ހަމަޖެހިފައިވާ މި ފިލްމުތަކުގެ ޝޯތަކުގެ ޓިކެޓް ބުކްކުރުމާއި ޓިކެޓް ވިއްކުން މިހާރު ވަނީ ފަށާފަ އެވެ. މާލެ އާއި ހުޅުމާލެ ޝުވެކްގައިވެސް މި ފިލްމުތައް ދައްކާނެ އެވެ.

ދަޅަކް

މިހާރު އެންމެ އިންތިޒާކުރާ ބޮލީވުޑްގެ ފިލްމަކަށް ވާނީ މި ފިލްމެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. މި ފިލްމަކީ މިދިޔަ ފެބްރުއަރީ މަހު މަރުވި ބޮލީވުޑްގެ ސުޕަސްޓާ ބަތަލާ ސްރީދޭވީ ކަޕޫރްގެ ދަރިފުޅު، ޖާންވީ ކަޕޫރް ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ. ޖާންވީއާއެކު މި ފިލްމުގައި ލީޑުން ފެނިގެންދާނީ ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ކައްޓަރު އެވެ. މި ފިލްމަކީ އޭނާއަށްވެސް ހާއްސަ ފިލްމަކަށް ވާނެ އެވެ. ބޮލީވުޑްގެ ފިލްމެއްގައި އޭނާ ލީޑު ރޯލު ކުޅުނު މިއީ ފުރަތަމަ ފަހަރެވެ.

"ދަޅަކް" ގެ ޓްރެއިލާ.

މި ފިލްމަކީ މަރާތީ ސުޕަހިޓް ފިލްމެއް ކަމަށްވާ "ސައިރަތް" ގެ އެޑަޕްޓޭޝަނެކެވެ. ނަމަވެސް އެ ފިލްމާއި އަޅާ ބަލާއިރު، މި ފިލްމުގައި ބޮޑު ތަފާތެއް ފެނިގެންދާނެ ކަމަށް ޑައިރެކްޓަރު ޝަޝަންކު ކައިތަން ވަނީ ބުނެފަ އެވެ. ދަރްމާ ޕްރޮޑަކްޝަންގެ ކުޑައިގެ ދަށުން ގެނެސްދޭ މި ފިލްމުގެ ސްކްރީޕްލޭ ވެސް ތައްޔާރުކުރީ ޝަޝަންކު އެވެ.

މަންމާ މިއާ: ހިއާ ވީ ގޯ އެގެއިން

"މަންމާ މިއާ: ހިއާ ވީ ގޯ އެގެއިން" އަކީ 2008 ގައި ގެނެސްދިން މި ފިލްމުގެ ފުރަތަމަ ފިލްމު "މަންމާ މިއާ" ގެ ދެ ވަނަ ފިލްމެވެ. މިއުޒިކަލް ރޮމޭންޓިކް ކޮމެޑީ މި ފިލްމުގައި ގެނެސްދޭނީ ފުރަތަމަ ފިލްމު ނިމުނު ހިސާބުން އޭގެ ފަސް އަހަރުފަހުން ހިނގަމުންދާ ކަންކަމެވެ.

"މަންމާ މިއާ: ހިއާ ވީ ގޯ އެގެއިން" ގެ ޓްރެއިލާ.

މި ފިލްމުގައި ފެނިގެންދާނީ ފުރަތަމަ ފިލްމުގައި ލީޑު ކުޅުނު ޑޮނާ (މެރިލް ސްޓްރީޕް) ގެ ދަރިފުޅު ސޯފީ (އެމެންޑާ ސޭފްރައިޑް) ބަނޑުބޮޑުވުމަށްފަހު ހިނގަމުންދާ ކަންކަމެވެ. އެމެންޑާގެ ފިރިމީހާ ސްކައިގެ ރޯލުން ފެނިގެންދާނީ ޑޮމިނިކް ކޫޕާ އެވެ.

އޯލް ޕާކާ ޑައިރެކްޓުކުރި މި ފިލްމުގެ ފުރަތަމަ ފިލްމު ޑައިރެކްޓުކުރީ ފިލީޑާ ލޯއިޑް އެވެ. އެ ފިލްމަށް ވަނީ ބޮކްސް އޮފީހުގައި 615.7 މިލިއަން ޑޮލަރު ލިބިފަ އެވެ.

އީކުއަލައިޒާ 2

ތުރިލާ މި ފިލްމަކީ 2014 ވަނަ އަހަރު ނިކުތް "ދަ އީކުއަލައިޒާ" ގެ ސީކުއެލް ފިލްމެވެ. ޑެންޒެލް ވޮޝިންގްޓަން، ޕެޓްރޯ ޕަސްކަލް، އެސްޓަން ސެންޑާސް، މެލީސާ ލިއޯ އަދި ބިލް ޕުލްމަން މުހިންމު ރޯލުތަކުން ފެެނިގެންދާ މި ފިލްމު ޑައިރެކްޓުކުރަނީ އެންޓުއަން ފިއުކުއާ އެވެ.

"އީކުއަލައިޒާ 2" ޓްރެއިލާ.

މި ފިލްމުގައި ގެނެސްދޭނީ ސީއައިއޭ އިން ރިޓަޔާވެފައި ހުރި އޭޖެންޓެއް ކަމަށްވާ ރޮބާޓް މެކްކޯލް (ޑެންޒެލް ވޮޝިންގްޓަން) ގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ސޫސަން ޕްލަމާ ބަޔަކު އަޑީގައި ތިބެގެން މަރާލިކަން އޭނާއަށް އެނގުމާއެކު އެމީހުން ގާތުން ބަދަލު ހިފުމަށް ކުރާ ކަންކަމެވެ.