ހަބަރު

ބޭރަށް ހިންގުން ފެތުރޭތީ ސަމާލުވާން އިލްތިމާސްކޮށްފި

Jul 17, 2018
3

މި ދުވަސްވަރު މާލެ އާއި އަތޮޅުތަކުގައި ބޭރަށް ހިންގުމާއި ހޮޑުލުން ފެތުރޭތީ އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

ބޭރަށް ހިންގުމަކީ ކާބޯތަކެއްޗާއި، ފެނުގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. އެޗްޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މިދުވަސްވަރު ބޭރަށް ހިންގުން އިތުރުވެފައިވާ ކަމަށެވެ.

ބޭރަށް ހިންގައި ހޮޑުލެވޭނަމަ ވީހާވެސް ގިނައިން ދިޔައި ތަކެތި ބޭނުން ކުރުމަށާއި ދިޔާތަކެތި ބޭނުން ކުރުމުގައި ފެނާއި ލޮނު ޕެކެޓާއި ސޫޕް ދެވިދާނެ ކަމަށެވެ. އަދި ދިޔާތަކެތި ބޭނުން ކުރުމުގައި ހަކުރު ގިނައިން ހުންނަ ތައްޔާރީ ޖޫހާއި ފިޒީ ޑްރިންކްސް ބޭނުން ނުކުރަން އެދިފައި ވެއެވެ.

ކެއުމުގައި އެތި އެތިކޮޅުން އަވަސް އަވަހަށް ކެއުމަށާއި ތެޔޮ، ކުޅި އަދި ހަވާދު ހިމެނޭ ކާއެއްޗެހި ބޭނުން ނުކުރުމަށެވެ. އަދި ތުއްތު ކުދިންނަށް އަވަސް އަވަހަށް ގާތުން ކިރު ދިނުމަށްވެސް އެޗްޕީއޭއިން އިލްތިމާސް ކޮށްފައި ވެއެވެ.

ބޭރަށް ހިންގުން ޖެހުމުން ރައްކާތެރިވުމަށް ފެން ކްލޮރިނޭޓްކޮށްގެން ބޭނުން ކުރުމަށާއި ވާރޭފެން ނެގުމުގައި ފުރާޅު ރަނގަޅަށް ސާފުކޮށްފައި ފެން ނެގުމަށް އެޗްޕީއޭ އިން އެދެ އެވެ.

އާދަޔާ ހިލާފަށް އަނގަތެރެ ހިކި، ކަރު ހިއްކާނަމަ ނުވަތަ ކުޑަކަމުދިއުން މަދު ނަމަ ލަސްނުކޮށް އަވަހަށް ޑޮކްޓަރަށް ދެއްކުމަށެވެ. އަދި މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުން ނުކުރެވޭނަމަ ނުވަތަ އާދަޔާ ހިލާފަށް ބަނޑުގައި ރިއްސާނަމަ ނުވަތަ ތުއްތު ކުދިން ހުއްޓާނުލާ ރުއިމާއި ހޮޑުލާއިރާއި ބޮޑުކަމުދާއިރު ލޭ އަންނަ ނަމަވެސް ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައި ވެއެވެ.