ކުޅިވަރު

ފުޓްބޯޅައިގެ ހިދުމަތްތެރިޔާ ސައްތާރު އެފްއޭއެމުން ވަކިކޮށްފި

ގިނަ ދުވަސްތަކެއް ވަންދެން ދިވެހި ފުޓްބޯޅައަށް ހިދުމަތްތަކެއް ކުރި، އަބްދު ސައްތާރު އެފްއޭއެމްގެ ވަޒީފާއިން ވަކި ކޮށްފި އެވެ.

ގައުމީ ޓީމުގެ ކިޓް މެނޭޖަރުގެ ގޮތުގައި، ސައްތާރު އެފްއޭއެމްގެ ވަޒީފާ އަށް ވަނީ، 2015 ވަނަ އަހަރު ކުރީ ކޮޅު އެވެ. އެފްއޭއެމްގެ ވަޒީފާއިން އޭނާ ވަކި ކުރީ، މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކިޓް މެނޭޖަރުގެ ގޮތުގައި ސައްތާރު ވަނީ ހިލޭ ސާބަހަށް އެ ކުލަބަށް ގިނަ ހިދުމަތްތަކެއް ކޮށްފަ އެވެ. ކުލަބަށް ކުޅުނު ކޮންމެ ކުޅުންތެރިޔެއްގެ ހިތުގައި ސައްތާރަށް ބޮޑު އިހްތިރާމެއް އޮވެ އެވެ.

ވަޒީފާއިން ވަކި ކުރުމުން ސައްތާރު ބުނީ އޭނާއަށް އުނދަގޫތަކެއް އިހްސާސް ކުރެވުނު ކަމަށާއި ފުޓްބޯޅައިގައި މަސައްކަތް ކުރަމުން ދިޔައީ ވަރަށް ޝައުގުވެރި ކަމާއެކު ކަމަށެވެ.

"ވަޒީފާ ގެއްލުމަކުން އެހާ ދެރައެއް ނުވޭ، ނަމަވެސް ދެރަ ވަނީ ކުއްލިއަކަށް ފުޓްބޯޅައާ ދުރަށް ދާން ޖެހުނީމަ،" ސައްތާރު އޭނާގެ ސޫއޫރުތައް ހިއްސާ ކުރި އެވެ. "23 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އަޅުގަނޑު ފުޓްބޯޅައިގައި މަސައްކަތް ކުރަމުން ދާތާ، ކުއްލިއަކަށް އެ ކަމުން ދުރަށް ދާން ޖެހުމުން ނަފުސާނީ ގޮތުން އުނދަގޫތަކެއް އިހްސާސް ކުރެވުނު."

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، ގައުމީ ޓީމުން ސައްތާރު ވަކި ނުކުރާ ކަމަށާއި ނަމަވެސް އެފްއޭއެމްގެ ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށެވެ.

"ގައުމީ ޓީމުން ސައްތާރު ޑިސްމިސް ނުކުރޭ، ސަބަބަކީ ގައުމީ ޓީމުގެ މަގާމުތަކާ ބެހޭގޮތުން ހުރިހާ ނިންމުންތަކެއް ނިންމާނީ ނެޝަނަލް ޓީމު ކޮމިޓީން."

ސައްތާރު ބުނީ އެފްއޭއެމްގެ ހުރިހާ ވަޒީފާއަކުން ވަކި ކޮށްފައިވާކަން ސިޓީގައި ބެނެފައިވާ ކަމަށާއި ބުނީ، އޭނާގެ ބެލުމުގެ ދަށުގައި ހުރި، ގައުމީ ޓީމުގެ ސާމާނުތައް އެފްއޭއެމްއާ ހަވާލުވެސް ކޮށްފައިވާ ކަމަށެވެ.