ލައިފްސްޓައިލް

ގަޑިއަށް ނާދެވޭ ބައިވެރިޔަކާއެކު އުޅޭނީ ކިހިނެއް؟

Jun 1, 2015

ގަޑިއަށް ފަރުވާތެރިވުމަކީ އިޖްތިމާއީ ގޮތުންނާއި ޕްރޮފެޝަނަލް ގޮތުން ވެސް ވަރަށް އުޅުންހުރި ގޮތެކެވެ. އެއާ ހިލާފަށް ގަޑިއަށް ސަމާލު ނުވުން ބެލެވިފައި އޮންނަނީ އެމީހަކަށް ކުރެވޭ އިހުތިރާމް ކުޑަވެ، އެހެން ހުރިހާ ގުޅުން ތަކަށް ވެސް ބުރޫ އަރާ ފަދަ ކަމަށެވެ. އެފަދަ ބައިވެރިއަކާއި އެއްކޮށް އުޅޭނަމަ ދެމީހުންގެ ލޯތްބަށް ހުރަސް ނޭޅި އެކަން ހައްލު ކުރާނީ ކިހިނެތް ހެއްޔެވެ؟ މިއީ ވަރަށް ބޮޑު މައްސަލައެކެވެ.

ރުޅި އިސްކުރެވެން ފެށެނީ އިންތިޒާރު ކޮށްގެން ހުންނަ ގަޑީގައި ކުރެވޭ ސުވާލުތަކެއް ހިތަށް އަރާފައެވެ. އަބަދު ގަޑި ޖެހެނީ ކީއްވެގެން ހެއްޔެވެ؟ ގަޑިއަށް ފަރުވާތެރިވުން އެހާ ދަތި ކަމަކަށް އެވަނީ ކީއްވެ ހެއްޔެވެ؟ ގަޑިޖެހިގެން ދިޔުމަކީ އެހާ ނުރުހޭ ކަމަކަށް ވާއިރުވެސް ކޮންމެ ދުވަހަކު ލަހުން އެ އަންނަނީ ކީއްވެ ހެއްޔެވެ؟ "އަހަރެން" ކިހާ މުހިންމުކަން ނުވިސްނެނީ ކީއްވެގެން ހެއްޔެވެ؟

މިކަހަލަ ސުވާލު ހިތަށް އަރަރާ މީހާ ހުންނަނީ ސުވާލުން ފުރި މޮޔަވެފައެވެ.

ތަންކޮޅެއް ކުރިއަށް ވިސްނާލާށެވެ. ފުރަތަމަ ބައިވެރިޔާ އާއި އެއްކޮށް އުޅެން ފެށިއިރު ވެސް އޭނާ ގަޑިޖެހޭ ހެއްޔެވެ؟ ނޫނީ މިއީ ފަހަކަށް އައިސްގެން ވެގެން އުޅޭ ކަމެއް ހެއްޔެވެ؟ އެކުގައި އުޅޭތާ ގިނަ ދުވަސްވި ފަހުން ގަޑި ޖެހެން ފެށިނަމަ ދެމީހުންގެ ގުޅުން އެހެރީ އެކަކު އަނެކަކު ދަސްވެ އާދަވާ "ސްޓޭޖް" އަށް ދެވިފައެވެ. ކުރީންސުރެ ފަރުވާކުޑަ ކުރަމުން އައި މީހެއްނަމަ ރަނގަޅު ކުރަން އުޅުނަސް އެއާދަ އަކީ ކަށީގައި ހިފާފަ ހުރި ކަމަކަށް ވުމުން މަޑުމަޑުން އަނެއްކާވެސް ގަޑިޖެހެން ފަށައެވެ.

އަދި ވިސްނާލާށެވެ. ގަޑި ޖެހެނީ ހަމައެކަނި ތިމާ ތަނަކަށް ދާން އެދުމުންތޯ ނޫނީ އޭނަގެ އަމިއްލަ ކަންކަމުގަވެސް ގަޑިޖެހޭތޯ އެވެ. ކޮންމެ ގޮތެއް ވިޔަސް މިކަން އާދައަކަށް ވުމުން ކޮންމެ ފަހަރަކު މައާފު ކުރުން ވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. މިކަމުގައި އަބަދު މައާފު ކުރުމަކީ އިތުރަށް އެމީހަކަށް ލިބޭނެ ހިތްވަރެކެވެ.

ގަޑި ޖެހުމުގެ އާދަޔަކީ މުޖްތަމައުގެ އެއްވެސް ބަޔަކަށް ކަމުދާ އާދަޔަކަށް ނުވެ އެވެ. އެކަމަކު ގަޑިއަށް ލަސްވާ މީހުންގެ ސަބަބުން އެތައް ކަމަކާ ކުރިމަތިލާންޖެހެ އެވެ.

ބައެއް މީހުން ދެކޭ ގޮތުގައި ގަޑިއަށް ފަރުވާތެރި ނުވެވުމަކީ "ސްޓްރެސް"ގެ މިންވަރު އިތުރުވުމުން ވާކަމެކެވެ. އޭގެ ސަބަބުން ހުރިހާ ކަމެެއް ފުރިހަމަ އަށް ކުރަން އުޅެ، އެންމެން ހިތްހަމަ ޖެއްސުމަށްޓަކައި މަސައްކަތް ކުރަން އުޅެ އެންމެ ފަހުން އެކަކަށްވެސް ރަނގަޅަށް ކަމެއް ކޮށް ނުދެވެއެވެ. ފަހަރެއްގައި ކުޑައިރުއްސުރެ އުޅެމުން އައި ގޭތެރެއިން ފެނިގެން އައި އާދަ އަކަށްވުމުން ކުރެވެނީ އެވެ.

އަނެއްބައި މީހުން ބުނާ ގޮތުންނަމަ ލަހުން ތަންތަނަށް އާދެވޭ މީހުންނަކީ އަމިއްލަ އެދުން ބޮޑު އެހެން މީހުންނަށް އިހުތިރާމް ނުކުރާ، ތިމާއަށް ހެދެނީ ގޯހެއް ނޫންކަން ގަބޫލުކުރާ ބައެކެވެ. ގަޑި ޖެހެނީ އެންމެންގެ ސަމާލުކަން ހޯދަން ކަމަށް ވެސް ވެދާނެއެވެ. އެހެންނޫނީ ކަމަކާއި މާބޮޑަށް ރުޅި ގަދަވެ ހިތްހަމަ ނުޖެހުމުން ގަޑިއަށް ސަމާލުކަން ނުދެވުމަކީ ވެސް ވެދާނެ ގޮތެކެވެ.

އެންމެ ގިނައިން ގަޑިޖެހިގެން ތަންތަނަށް ދާނީ ތަނުގެ ވެރިންނެވެ. ފަހަރެއްގައި ތިމާގެ ބައިވެރިޔާ އާއި ތިމާއާ ދެމީހުންގެ ތެރެއިން އިސްކޮށް ހުންނަނީ، އޭނާކަން އަންގައިދޭން ވެސް ގަސްތުގައި ލަހުން އައިސްދާނެ އެވެ.

މީގެ އިތުރަށް ކުރެވޭނެ މާ ބައިވަރު ކަމެއް ނުހުންނާ އެވެ. މީގެ ސަބަބުން ދެ މީހުންގެ ގުޅުމަށް ބުރޫ އެރިނަމަވެސް އެންމެ ފުރަތަމަ އަންނަ ހިޔާލުގައި ދޫކޮށް ލާފައި ދާން ނުވިސްނާށެވެ. އެކަކު އަނެކަކަށް އެހީތެރިވެ، ކެތްތެރިވާން މަސައްކަތް ކުރާށެވެ. ދެމީހުން ބައިވެރި ވެގެން އެއްބަސް ވުމަކަށް އާދެވޭތޯ ބަލާނީ އެވެ.