ހަބަރު

އަޅުގަނޑުގެ ސިޔާސަތުތަކުގައި މައްސަލައެއް ނެތް: ރައީސް ޔާމީން

ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް އައިސް ފައިސާ ހަރަދުކުރަނީ ސަރުކާރުގެ ސިޔާސަތަށާއި ސަރުކާރުން ކަންކަން ކުރާގޮތް އެމީހުންނަށް ގަބޫލުކުރެވޭތީ ކަމަށާއި އެހެންކަމުން މި އަދުގެ ހާލަތު ބަދަލުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އިހަވަންދޫގެ ނަރުދަމާގެ މަސައްކަތް ނިންމުމުގެ އުފާ ފާހަގަކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ، މީސްކޮޅު މަދު ކުޑަ ގައުމަކަށް ވެފައި، ރާއްޖެއަކީ އަބަދުވެސް ވާދަވެރި މާހައުލެއްގައި އުނދަގުލުން ކުރިއަށްދާންޖެހިފައި އޮތް ގައުމެއް ކަމަށެވެ. މިފަދަ ހާލަތެއްގައި މި ސަރުކާރުން ރާއްޖެ ތަރައްގީކުރަން ކުރާ މަސައްކަތުގައި ރާއްޖޭގެ މިސްރާބު ހުރި ދިމާ އެނގިގެން ކުރިއަށްދެވޭ ކަމަކީ ނަސީބެއް ކަމަށާއި އެކަމުން، ރާއްޖޭގެ މިސްރާބު ހުރީ ރަނގަޅު ދިމާއަށްކަން އެނގޭ ކަމަށެވެ.

އެތަކެއް ގައުމަކުން އަބަދު އިންވެސްޓަރުންނަށް ފާރަލައިގެން ތިބޭއިރު، ރާއްޖެ ފަދަ ގައުމަކަށް އިންވެސްޓަރުން އައިސް އިންވެސްޓު ކުރަނީ، ލޯނު ދެނީ، ގައުމުގެ އިގްތިސޯދަށް ކުރިއެރުމާއި ތަރައްގީ އަންނާތީކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އިހަށްދުވަހު އެނބޫދޫ ފަޅުގައި ހެދިގެންދިޔަ އިންވެސްޓްމެންޓް އެއިން ގައުމެއްގައި ހެދެން ބޭނުން ނުވާނީ ކޮން ދައުލަތެއްތޯ؟ އެއީ ގާތްގަނޑަކަށް އެއްހާސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް. އެކަހަލަ ކޮންމެ އިންވެސްޓްމަންޓެއް ރާއްޖެއާ ހަމައަށް އުތުރުން އަޔަސް، ދެކުނުން އަޔަސް، މި އަންނަނީ އެހެން ބައްރުތައް ހުރަސްކޮށްފައި. މިއިން ކޮންމެ ގައުމެއްގެ ސިޔާސަތުތައް ބައްޓަން ކުރަނީ ވިޔަފާރިއަށް ފަހި މާހައުލެއް އުފެއްދުމަށްޓަކައި. އެތަންތަނުގައި ހުރި މުއައްސަސާތަކަށް ބަލަންޏާ އެއީ އަޅުގަނޑުމެންނަށް ވުރެ މާ ދޮށީ މުއައްސަސާތައް. ޑިމޮކްރަސީއަށް ބަލަންޏާ އެކަން އޮތީ އެހެން. އަދި ރައްޔިތުންގެ ވިސްނުމާއި ހޭލުންތެރިކަމާއި ހޭލުންތެރިކަމާއި ތަހުޒީބުގެ މަގުން ހިނގާ މަގަށް ބަލާނަމަ އެކަން އޮތީ އެހެން. މިފަދަ ވާދަވެރިކަމެއްގެ ތެރޭގައި، މިފަދަ ގަދަ ކަނޑެއްގެ ތެރޭގައި އަޅުގަނޑުމެންގެ ނާ ދަތުރުކުރާ މިސްރާބު ހިފަހައްޓާލެވުމަކީ ﷲ މިންވަރުކުރައްވާ ނަސީބު،" ރައީސް ވިދާޅުވި އެވެ.

އިންވެސްޓަރުން ރާއްޖެއަށް އަންނަނީ، ރައީސް ވިދާޅުވި ގޮތުގައި މުޅި ސަރަހައްދުގައި ހުރި ވާދަވެރި ސިޔާސަތުތަކުގެ ތެރެއިން ރާއްޖޭގެ ސިޔާސަތުތަކަކީ ކުރި ހޯދާ ސިޔާސަތަކަށް ވާތީ އެވެ. އަދި ރާއްޖޭގައި ހުރި ކަންތައްތަކާއި ރާއްޖޭގެ ވެއްޓަކީ އެމީހުންނަށް ގަބޫލުކުރަން ފަސޭހަ ވެއްޓެއް ކަމަށް ގަބޫލުކުރެވޭތީ އެވެ.

ރާއްޖެއަށް މިހާރުވެސް ކުރިމަތިވެފައިވާފިއްތުންތަކަކީ ދިވެހިންތަކެއް އަޑީގައި ތިބެގެން ކުރުވާ ކަންތައްތަކެއް ކަމަށް މިއަދު ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އިހަވަންދޫގެ ނަރުދަމާގެ ހިދުމަތް ރަސްމީކޮށް ފެށުމަށްފަހު ރައީސް މިއަދު ވަނީ އެރަށުގެ ހުންނަ ސިއްހީ މަރުކަޒުގެ ނަން ވެސް ބަދަލުކުރައްވާފަ އެވެ. އެ ރަށުގެ ސިއްހީ މަރުކަޒުގެ ނަން ބަދަލުކޮށްފައިވަނީ "އާމިނާ ތަކުރުފާނު ސިއްހީ މަރުކަޒު" ގެ ނަމަށެވެ. އެއީ ރައީސް ވިދާޅުވި ގޮތުގައި، އެރަށުގެ ވަރަށް ގިނަ ބައެއްގެ އެދިވަޑައިގަތުމުގެ މަތިން، ރާއްޖޭގެ ތާރީހުގައި އެރަށަށް އުފަންވި ގައުމީ ދެ ބަތޮލުން، މުހައްމަދު ތަކުރުފާނާއި ހަސަން ތަކުރުފާނުގެ މަންމާފުޅުގެ ހަނދާނުގައި ދއްވަން ނިންމެވި ނަމެކެވެ.