ހަބަރު

ރައީސް އިހަވަންދުއަށް ވަޑައިގަތުމުން ހަމަނުޖެހުން ހިނގާ ބަޔަކަށް އަނިޔާ ވެއްޖެ

ރައީސް އަބްުދުﷲ ޔާމީން މިއަދު އިހަވަންދުއަށް ވަޑައިގަތް ވަގުތު ބަނދަރު ސަރަހައްދުގައި ހުރި ކެފޭ އެއްގެ ތެރޭގައި ތިބި ބަޔަކާއި ފުލުހުންނާ ދެމެދު ކުރިމަތިލުމެއް ހިނގައި އެ ރަށު އާންމުންގެ ތެރެއިން ބަޔަކަށް އަނިޔާވެއްޖެ އެވެ.

އިހަވަންދޫގެ ބަޔަކަށް އަނިޔާވެފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ލޯންޗްކޮޅު އިހަވަންދޫއަށް ލަފަން އުޅުނު ވަގުތުގައި އެތާ ކައިރީގައި ހުރި ކެފޭއެއްގައި ތިބި 15 ވަރަކަށް މީހުން އެތަނުން ބޭރުކުރަން އެސްއޯ ފުލުހުން އުޅުނު ވަގުތު ކަމަށް އެ ރަށު ވާހަކަ ދެއްކި ބައެއް މީހުން އަވަސް އަށް ބުންޏެވެ. އެ މީހުން ބުނި ގޮތުގައި އެ ކެފޭ އަކީ މީހުންނަށް ނުވަދެވޭ ސަރަހައްދުގެ ގޮތުގައި ކަނޑައަޅައި ފުލުހުން ޓޭޕް ދަމާފައިވާ ސަރަހައްދުން އެތެރޭގައި ހުރި ކެފޭ އެކެވެ. ކެފޭގައި އޭރު ތިބި މީހުންގެ ތެރޭގައި އެރަށުގެ ކައުންސިލްގެ ނައިބާއި، ކައުންސިލްގެ އިތުރު މެންބަރަކުވެސް ހިމެނެ އެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު މިރޭ "އަވަސް" އަށް ވިދާޅުވީ، ކެފޭގެ ތެރެއަށް ފުލުހުން މިއަދު ވަދެގަތްއިރު އެތަނުގައި ތިބި މީހުންނަކީ އެ ސަރަހައްދުގައި ޓޭޕް ދަމައި ބަންދު ކުރުމުގެ ކުރިން ކެފޭއަށް ކޮފީ ބޯން އަރާ ތިބި މީހުން ކަމަށެވެ. އަދި އެންމެ ފުރަތަމަވެސް ފުލުހުން އައިސް އެމީހުން އެތަނުން ބޭރުކުރަން އުޅެގަތީ "ވަރަށް ހަރުކަށިކޮށް" ކަމަށާއި ފުލުހުންގެ އަމަލުތައް ހުރި ގޮތުން ވަރަށް ގިނަ ބަޔަކު ވެއްޓި އެކި ވަރުގެ އަނިޔާވެފައިވާ ކަމަށެވެ.

މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި ފުލުހުންނާ ހިނގި ކުރިމަތިލުމުގައި ކެފޭގައި ތިބި މީހުންގެ ތެރެއިން ފަސް މީހަކަށް އަނިޔާވި އެވެ. އެންމެ ބޮޑު އަނިޔާތަކެއް ލިބިފައިވަނީ އެތަނުގައި އެގަޑީގައި ހުރި ވެއިޓަރަށް ކަމަށް ވެސް އޭނާ ބުންޏެވެ.

"ވެއިޓަރު އެތަނުން ބޭރުކުރަންވެގެން ފުލުސް މީހާ އައިސް އޭނާގެ ދެއަތުގައި ހިފައި، އަތް ވަރަށް ބޮޑަށް އަނބުރާލައި މެއާ ދިމާލުން ވަރަށް ބާރަށް ޖެހިގަތުމުގެ ސަބަބުން އޭނާއަށް ވަނީ ވަރަށް އަނިޔާވެފައި. އޭނާއަށް ދަނީ މިވަގުތު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން. އަނިޔާ ލިބިފައިވާ އަތުގެ އެކްސްރޭ އެއްވެސް ހަދަން ޑޮކްޓަރު ވަނީ ލަފާ ދީފައި،" އަހުމަދު ރަޝީދު ވިދާޅުވި އެވެ.

ރައީސް ޔާމީން މިއަދު އިހަވަންދުއަށް ވަޑައިގެންނެވީ އެރަށުގެ ނަރުދަމާގެ ހިދުމަތް ރަސްމީކޮށް ފެށިގެންދިއުމުގެ އުފާ ފާހަގަކުރެއްވުމަށެވެ.

މިކަމާ ގުޅޭ ގޮތިން ފުލުހުންނަށް ގުޅި ނަމަވެސް، އެއްވެސް ކޮމެންޓެއް ލިބޭ ގޮތެއް ނުވި އެވެ.