ކުޅިވަރު

ފޯކައިދޫ އަތުން ނިއުއަށް އުނދަގޫ މޮޅެއް

ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ކާމިޔާބު ކުރި ލަނޑުން، ށ. ފޯކައިދޫ އަތުން އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް އުނދަގޫ މޮޅެއް ހޯދައިފި އެވެ. މެޗުން ނިއު މޮޅުވީ 1-0 ންނެވެ.

ފުރަތަމަ ޑިވިޝަންގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންނާއެކު، ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރަމުން އަންނަ ފޯކައިދޫ ފާހަގަ ކުރެވިފައި ވަނީ ފުރަތަމަ ޑިވިޝަންގެ ޓީމުތަކަށް ބަލި ކުރަން އުނދަގޫ ޓީމެއް ކަމުގަ އެވެ.

އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި، ގްރީން ސްޓްރީޓް އަތުން މޮޅުވުމާ ވަރަށް ގާތަށް ދިޔަ އެވެ. އެ މެޗު 1-1 އެއްވަރުވީ ގްރީން އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރި ލަނޑުންނެވެ.

މިރޭ، ދިވެހި ޕްރިމިއާ ލީގްގައި ކުޅުނު މެޗުގައި، ނިއުގެ ލަނޑު ސެންޓޭ ކާމިޔާބު ކުރީ މެޗުގެ 25 ވަނަ މިނެޓް ގަ އެވެ. ސެންޓޭ ޖެހި ލަނޑަކީ، ނިއުގެ ހާފުގެ ތެރެއިން އެ ޓީމުން ކުރިއަށް ފޮނުވާލި ބޯޅަ، ފޯކައިދޫގެ ޑިފެންޑަރު ދިފާއު ކުރަން އުޅުނު ނަމަވެސް އޭނާ އަށް ރަނގަޅަށް ދިފާއު ނުކުރެވުމުން ސެންޓޭ ހޯދި ބޯޅައަކުން އޭނާ ކާމިޔާބު ކުރި ލަނޑެކެވެ.

ފޯކައިދޫގެ ޑިފެންޑަރު ފުރަގަހަށް އެނބުރިގެން ހުރެ އޭނާއަށް ދިފާއު ނުކުރެވުމުން އެ ބޯޅަ ސެންޓޭ ހޯދައި، އޭރިއާ ތެރެއަށް ވެދެ ފޯކައިދޫގެ ގޯލް ތެރެއަށް ފޮނުވާލީ ޕާކިސްތާންގެ ކީޕަރު ސާގިބް ހަނީފްއަށް ވެސް ފުރުސަތު ނުދީ އެވެ. ސާގިބް ބޯޅައަށް އެރި ނަމަވެސް ގޯލްގެ ތެރެއަށް ސެންޓޭ ބޯޅަ ޕުޝްކޮށްލީ ސާގިބް ގައިމަތިން އޮއްސިގެންދާ ގޮތަށެވެ.

މެޗުގައި، ނިއުގެ ކިޕްސަންއަށް ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ލިބިފަ އެވެ. ނަމަވެސް އެއިން ބޯޅައެއް އޭނާއަށް ގޯލްތެރެއަށް ވައްދާލެވޭ ގޮތެއް ނުވި އެވެ. ފޯކައިދޫގެ މިސްރުގެ ފޯވަޑް މުސްތޮފާ މަހްމޫދުވެސް ވަނީ ނިއުގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.