ޓީވީ ސީރީޒް

ކޮމޮލިކާގެ ރޯލަށް ހީނާ، އަނޫރާގްއަކީ ޝަރަދް

ދެހާހުގެ ކުރީ އަހަރުތަކުގައި ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ލިބުނު ހިންދީ ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ގެ ދެ ވަނަ ސީޒަން އަންނަ އޮގަސްޓު މަހު ގެނެސްދޭނެ ކަމަށް އެ ސިލްސިލާގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރް ވަނީ ބުނެފަ އެވެ.

ދެ ވަނަ ސީޒަންގައި ފެނިގެންދާނެ ކާސްޓުންނާއި ބެހޭގޮތުން ތަފާތު ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. ސިލްސިލާގެ އެންމެ މުހިންމު އެއް ރޯލު، ބަތަލާ ޕްރޭނާގެ ރޯލުން ފެނިގެންދާނެ އެކްޓްރެސް ވަނީ މިދިޔަ ހަފްތާގައި ހާމަކޮށްފަ އެވެ. އެ ރޯލުން ފެނިގެންދާނީ ޓީވީ އެކްޓްރެސް އެރިކާ ފިނާންޑޭޒް އެވެ.

މި ސީޒަންގައި ސިލްސިލާގެ ބަތަލް އަނޫރާގް އާއި ވިލަން ކޮމޮލިކާގެ ރޯލުން ފެނިގެންދާ ތަރިން މިހާރު ހާމަވެފަ އެވެ. ޓައިމްސް އޮފް އިންޑިއާއިން މިއަދު ރިޕޯޓުކުރި ގޮތުގައި އަނޫރާގް ރޯލުން ފެނިގެންދާނީ ޝަރަދު މަލްހޯތްރާ އެވެ. ކޮމޮލިކާގެ ރޯލު ކުޅޭނީ ސްޓާ ޕްލަސްގެ ޑްރާމާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އެކްޓްރެސް ހީނާ ޚާން އެވެ.

ނަމަވެސް އަދިވެސް ބައެއް މީޑިއާތަކުން މި ރޯލުތަކަށް ނެގި ތަރިން ކަށަވަރު ނުވާކަމަށް އަންނަނީ ބުނަމުންނެވެ. އަނޫރާގްގެ ރޯލަށް މަޝްހޫރު ހިންދީ ޓީވީ އެކްޓަރުން ކަމަށްވާ ބަރުން ސޮބްތީ އާއި ޝަހީރް ޝެއިޚު ނަގާ ވާހަކަވެސްދެކެވުނެވެ.

ސީޒަން އެކެއްގައި ޕްރޭނާގެ ރޯލު ކުޅުނީ ސްވެތާ ތިވާރީ އެވެ. އަނޫރާގްގެ ރޯލުން ސިޒޭން ޚާން ފެނިގެންދިޔައިރު، ކޮމޮލިކާގެ ރޯލު ކުޅުނީ އުރްވަޝީ ދޮލާކިއާ އެވެ. ފުރަތަމަ ސީޒަން ގެނެސްދިނީ 2001 އަކުން ފެށިގެން 2008 ގެ ނިޔަލަށެވެ.