ބޮލީވުޑް

އިންޑިއާގެ އެންމެ އަގުބޮޑު އެކްޓަރަކީ އަކްޝޭ

އިންޑިއާގެ ސެލެބްރިޓީންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރަކީ އަކްޝޭ ކުމާރްކަން، ފޯބްސް މެގަޒިންގައި ކޮންމެ އަހަރަކު އާންމުކުރަމުން އަންނަ އެންމެ އަގުބޮޑު 100 ސެލެބްރިޓީޒްގެ ލިސްޓުން ހާމަވެއްޖެ އެވެ. އަކްޝޭ ރޭންކުކޮށްފައި ވަނީ މި ލިސްޓުގެ 76 ވަނާގަ އެވެ.

އަކްޝޭއަށްފަހު އެންމެ ބޮޑު އާމްދަނީއެއް ލިބޭ އިންޑިއާގެ އެކްޓަރަކީ ސަލްމާން ޚާން އެވެ. ސަލްމާން ރޭންކުކޮށްފައި ވަނީ 82 ވަނާގަ އެވެ. އެ މެގަޒިންގައި ބުނެފައިވާ ގޮތުން އަކްޝޭގެ އާމްދަނީ އުޅެނީ 40.5 މިލިއަން ޑޮލަރުގަ އެވެ. އަދި ސަލްމާންގެ އާމްދަނީ އުޅެނީ 37.7 މިލިއަން ޑޮލަރުގަ އެވެ.

އެންމެ ހައިރާންކަން ގެނުވީ މި ލިސްޓުގައި ކޮންމެ އަހަރަކުހެންވެސް ނަން އޮންނަ ކުޅަދާނަ އެކްޓަރު ޝާރުކް ޚާންގެ ނަން ނެތުމުންނެވެ. މި އަހަރުގެ އެންމެ އަގުބޮޑު 100 އެކްޓަރުންގެ ތެރޭގައި އޭނާ ނުހިމެނެ އެވެ.

މި ލިސްޓުގައި ބުނެފައިވާ ގޮތުން މިހާރު އެންމެ އަގުބޮޑު އެމެރިކާގެ އެކްޓަރަކީ ޖޯޖް ކްލޫނީ އެވެ. ފާއިތުވި އަހަރު އޭނާއަށް ވަނީ 239 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. މި ލިސްޓުގައި ޖޯޖް ރޭންކުކޮށްފައި ވަނީ ދެ ވަނާގަ އެވެ. ޖޯޖްއާއި ދެން އެންމެ ގާތުން ވާދަކުރާ އެކްޓަރަކީ ކައިލީ ޖެންނާ އެވެ. ކައިލީއަށް ވަނީ 166.5 މިލިއަން ޑޮލަރު ލިބިފަ އެވެ.

ފޯބްސްގެ އެންމެ އަގުބޮޑު 100 ސެލެބްރިޓީޒްގެ ލިސްޓަކީ ދުނިޔޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ އެންމެ މަޝްހޫރު ފަރާތްތަކަށް އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީއަށް ބަލައިގެން ތައްޔާރުކުރާ ލިސްޓެވެ.

އެންމެ ބޮޑު އާމްދަނީއެއް ފާއިތުވި އަހަރު ހޯދައިގެން ލިސްޓުގެ އެއް ވަނަ ހޯދާފައި ވަނީ އެމެރިކާގެ ބޮކްސަރު ފްލޯއިޑް މޭވެދާ އެވެ. އޭނާއަށް ވަނީ 285 މިލިއަން ޑޮލަރު ލިބިފަ އެވެ.