ހަބަރު

ހއ. ދިއްދޫގައި ހިންގި ހަތަރު މަޝްރޫއެއްގެ ނިމުން ފާހަގަކޮށްފި

ހއ. ދިއްދޫގައި ސަރުކާރުން ކުރިޔަށް ގެންދިޔަ ހަތަރު މަޝްރޫއެއްގެ ނިމުން ފާހަގަކޮށް، އެ މަޝްރޫއުތައް އިފްތިތާހުކޮށްފި އެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދިއްދޫއަށް މިއަދު ވަޑައިގެން އިފްތިތާހު ކޮށްދެއްވާފައި ވަނީ އެ ރަށުގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި މަގު ހެދުން އަދި ހައުސިން ޔުނިޓުތަކުގެ މަޝްރޫ އެވެ.

ސަރުކާރުން ދިއްދޫގައި ހިންގި ހަތަރު މަޝްރޫއަށް ޖުމުލަ 150 މިލިއަންއަށް ރުފިޔާއަށް ހަރަދުވި އެވެ. އެގޮތުން އެ ރަށް ގިރުމުގެ މައްސަލަ ދިމާވާތީ 2016 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށި އެވެ. އެގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ އެ މަޝްރޫގެ ތެރެއިން ދިއްދޫގެ 450 މީޓަރުގެ ގިރާ ސަރަހައްދުގައި ވަނީ ބޮޑު ހިލަ ޖަހާފަ އެވެ.

އޭގެ އިތުރުން ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ވެސް 2016 ވަނަ އަހަރު ފަށާފައިވާ އިރު އެ މަސައްކަތް ވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު 25 ގައި ނިންމާފަ އެވެ. އެގޮތުން ދިއްދޫގައި 20.15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމުކޮށް އެ ހިދުމަތް ވަނީ ދިއްދޫގެ 1210 ގެއަށް ދީފަ އެވެ.