ހިޔާ މަޝްރޫއު

ހިޔާ ފްލެޓުގައި މަސައްކަތް ކުރަން ކުންފުނިތަކުން ބިދޭސީން ފިލަނީ

ހިޔާ ފްލެޓް ނިންމަން ގިނަ މަސައްކަތްތަކެއް ފެށުމާއެކު ކުންފުނިތަކުން ބިދޭސީން ފިލުމުގެ މައްސަލަތައް ބޮޑުވެ، ކުންފުނިތަކަށް ގެއްލުންވާން ފަަށައިފި އެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތް ތަމްސީލް ކުރާ ޖަމިއްޔާ، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ވާހަކަ ދެއްކި ސީނިއާ އޮފިޝަލަކު އަވަސް އަށް ވިދާޅުވި ގޮތުގައި ހިޔާފްލެޓުގެ ފިނިޝިން މަސައްކަތް ފެށުމާއެކު އެ ޖަމިއްޔާގައި ހިމެނޭ ގިނަ އަދަދެއްގެ ކުންފުނިތަކުގައި މަސައްކަތް ކުރާ ބިދޭސީން ފިލުމުގެ މައްސަަލަތަކެއް ނުކުންނަމުންދެ އެވެ. މިކަމުގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ހުއްޓިދާނެކަމުގެ ބިރު އެބައޮތް ކަމަށް އެ ޖަމިއްޔާގެ އޮފިޝަލް ވިދާޅުވި އެވެ.

"މައްސަލަ ދިމާވަނީ ރާއްޖޭގައި އުޅޭ އަންޑޮކިއުމެންޓެޑް ނޫނީ ގަވައިދާ ހިލާފަށް އުޅޭ މީހުންގެ ސަބަބުން، މި މީހުންގެ ފަރާތުން އެނގިގެން ނޫނީ އެ މީހުންނާ ބައިވެރިވެގެން މަސައްކަތް ކުރަން ކުންފުނިތަކުގައި ތިބި މީހުންވެސް މިދަނީ. އެހެންވެ މިއީ ބޮޑު މައްސަލައެއް،" އޮފިޝަލް ވިދާޅުވި އެވެ.

ގާތްގަނޑަކަށް ބައި ލައްކައެއްހާ މުވައްޒަފުން ތަމްސީލް ކުރާ މި ޖަމިއްޔާއިން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ ހިޔާ ފްލެޓަކީ ކުދި އަދި މެދުފަންތީގެ ކޮންސްޓްރަކްޝަން ކުންފުނިތަކަށް މި ހާލަތުގައި ލިބުނު ފުރުސަތެއް ނަމަވެސް ބިދޭސީންގެ ސަބަބުން މި މަސައްކަތް ކުންފުނިތަކަށް ގެއްލެމުންދާ ކަމަށެވެ.

"މިހާލަތުގައި ތިއްބައި ކުންފުނިތަކަށް ލިބުނު ރަނގަޅު ފުރުސަތެއް މިއީ. ނަމަވެސް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން މި ފުރުސަތު ވެސް ދިވެހިންނަށް ނުލިބި މިދަނީ. އެހެންވެ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މަސައްކަތް ހުއްޓުވައިދޭން ޖެހޭ،" އޮފިޝަލް ވިދާޅުވި އެވެ.

ހިޔާ ފްލެޓުގެ ބައެއް ފެކްޓްތައް

ހިޔާ ފްލެޓްގެ 7،000 އެޕާޓްމަންޓް ހުންނަ މިތަނުގައި 25 ބުރީގެ 16 ޓަވަރު ހުރެ އެވެ. މީގެތެއިން 10 ޓަވަރުގައި ހުންނަނީ 392 އެޕާޓްމަންޓެވެ. އަދި ބާކީހުރި ހަ ޓަވަރުގެ 492 އެޕާޓްމަންޓް ހުރެ އެވެ. މީގެ ތެރެއިން 10 ޓަވަރުގައި ތިން ލިފްޓް އަދި ބާކީހުރި ހަ ޓަވަރުގައި ހަތަރު ލިފްޓް ހުރެ އެވެ. މީގެ ކޮންމެ ލިފްޓެއްގެ މެކްސިމަކް ކެޕޭސިޓީ ނުވަތަ އެންމެ ގިނައިން އެރޭ މީހުންގެ އަދަދަކީ 14 އެވެ. އެއް ފަހަރާ މީގެ 10 ޓަވަރުން 56 މީހުންނަށް އަރާ ފޭބޭނެ އެވެ. އަދި ތިން ލިފްޓް ހުންނަ ހަ ޓަވަރުން 46 މީހުންނަށް އެއް ފަހަރާ އަރާފޭބޭނެ އެވެ. ލިފްޓަކުން 24 ވަނަ ބުރިން ގްރައުންޑް ފްލޯ އަށް 31 ސިކުންތުން އާދެވޭނެ އެވެ. "ހިޔާ ފްލެޓު"ގެ ކޮންމެ އެޕާޓްމަންޓެއްގެ ބޮޑު މިނަކީ 570 އަކަފޫޓެވެ. ހުރިހާ އެޕާޓްމަންޓަކީ ވެސް ދެ ކޮޓަރީގެ ތަންތަނެވެ. ކޮޓަރިއެއްގެ އެވްރެޖު ދިގުމިނަކީ 13.50 ފޫޓެވެ. އަދި ފުޅާމިނަކީ 9.50 ފޫޓެވެ. މި ހުރިހާ އެޕާޓްމަންޓް ތަކެއް ވެސް ރާއްޖޭގައި އާއްމުކޮށް ދިވެހިން ދިރިއުޅޭ އެޕާޓްމަންޓްތަކަށްވުރެ ސިޓިން ރޫމް ބޮޑެވެ. މި ފްލެޓުތަކުގެ ސިޓިން ރޫމްގެ ދިގުމިނަކީ 25 ފޫޓެވެ. އަދި ފުޅާ މިނުގައި 10 ފޫޓު ހުރެ އެވެ. ފާނާތަކުގެ ދިގުމިނުގައި 6.50 ފޫޓު އަދި ފުޅާ މިނުގައި 3.50 ފޫޓު ހުރެ އެވެ. ސަރުކާރުން ވަނީ މީގެ ކޮންމެ ޓަވަރަކުން 280 އެޕާޓްމަންޓް އަސާސީ ހިދުމަތް ގާއިމް ކުރަން ނަގާފަ އެވެ. ފްލެޓުގައި މީހުން ދިއުޅޭނީ 6،720 އެޕާޓްމަންޓުގަ އެވެ. އަދި މިތަނުގައި އެންމެ މަދުވެގެން 35،000 މީހުން ދިރިއުޅޭނެ އެވެ. މި ފްލެޓުތައް ހަދަން 6.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މި ފްލެޓުތައް ކުރިން ޕްލޭން ކުރީ އެއްކޮށް ނިންމައި ހަވާލު ކުރާށެވެ. ނަމަވެސް އިންޓީރިއާގެ ގިނަ މަސައްކަތްތަކެއް ނުނިންމައި މި ފްލެޓް ދޭން ސަރުކާރަށް މަޖުބޫރުވީ ފިނިޝަން އަށް ބޭރުން ހޯދަން ޖެހޭ 46 މިލިއަން ޑޮލަރުގެ ލޯނެއް ހޯދަން ދަތިވުމުން ނުވަތަ އެކަން ނުކުރީމަ އެވެ.

ހިޔާ ފްލެޓްގެ މަސައްކަތް ނިމި މިހާރު މީހުން ވަންނަން ތައްޔާރުވާއިރު މިތަނުގެ ފިނިޝިންގެ މަސައްކަތް ކުރަން ޖެހިފައިވަނީ ފްލެޓު ލިބުނު
މީހުން އަމިއްލަ އަށެވެ. އެހެންވެ މި މީހުންގެ އަތުން 500 މިލިއަން ރުފިޔާއާ އެއް ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވެ އެވެ. މި ފްލެޓުތައް ނިންމުމަށްފަހު އަންނަ ޑިސެމްބަރު މަހުން ފެށިގެން ފްލެޓުތަކަށް ފައިސާ ދައްކަން ފަށަން ޖެހޭނެ އެވެ. ކުރިން މި ފްލެޓުތަކަށް ދައްކަން ޖެހޭނެ ކަމަށް ސަރުކާރުން ބުނެފައިވަނީ ސާވިސް ފީއާ އެކު މަހަކު 8،500ރ. އެވެ.