ރިޕޯޓް

ފާރިސް ޖަލުގައި ހުންނަވާތާ އަހަރެއް!

ޖޫން 2015 އިގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމުން އެ ދާއިރާއަށް ވާދަ ކުރައްވާ ގޮނޑި ކާމިޔާބު ކުރެއްވީ އޭރު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ދަަރިކަލުން އަހުމަދު ފާރިސް މައުމޫނެވެ. އޭގެ ފަހުން ޕީޕީއެމްގެ ތެރެއިން އުފަންވި އެތައް މައްސަލައާއެކު ރައީސް މައުމޫންގެ އަތްޕުޅުން ޕާޓީ ގެއްލުނެވެ. އެމަނިކުފާނު ރައީސް ޔާމީނަށް ކުރައްވަމުން ގެންދެވި ތާއީދު އަނބުރާ ގެންދެވިއެވެ.

އެކަން އިއުލާން ކުރެއްވި ހިސާބުން އެ މަނިކުފާނުގެ ލެގަސީ ކުރިޔަށް ގެންދަވާނެ ބޭފުޅަކީ ފާރިސްކަން ހާމަވެގެން ދިޔައެވެ. އެއާއެކު ފާރިސްގެ ހަގީގީ ސިޔަސީ މަސައްކަތް ވެސް ފެއްޓެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހިގަމުންދަނީ ހަމަޖެހިފައިވާ އުސޫލުތަކުން ބޭރުން ކަމަށް ވިދާޅުވެ މަޖިލީހުގެ ތެރެއިން އިސްލާހީ ބަދަލުތަކެއް ގެންނަން މަސައްކަތް ފެއްޓެވި އެވެ.

އާންމުން އުންމީދު ނުކޮށް ތިއްބާ ސިޔާސީ ދާއިރާގެ "ތެލާއި ފެން" އެއްކުރުމުގެ މޭސްތިރިއަކީވެސް ފާރިސް އެވެ. ރައީސް މައުމޫނާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެއް ގަލަކަށް އަރުވާ، އިސްލާހީ މަސައްކަތުގައި އަދާލަތު ޕާޓީއާއި، ޖުމްހޫރީ ޕާޓީއާއި. އެމްޑީޕީން ފެށި މަސައްކަތުގެ ވެސް ބޮޑު ހިއްސާއެއް އޭނާ އަށް ލިބެ އެވެ.

އޭގެ ފަހުން ޕީޕީއެމްގެ ނަމުގައި އެ ޕާޓީގެ ހުއްދަ ނެތި ބައްދަލުވުމެއް ބޭއްވި ކަމުގެ ތުހުމަަތުގައި ޝަހުސު އޮޅުވާލި ކަމަށްް ބުނެ ފާރިސްގެ މައްޗަށް ދައުވާއެއް އުފުލިއެވެ. އެ ދައުވާގެ ތެރޭގައި އުޅުއްވަނިކޮށް، އިސްލާހީ މަސައްކަތުގެ ތެރެއިން ފާރިސް އިސްވެ ހުންނަވާ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތަށް ޖުލައި 18، 2017 ގައި ފާރިސް ހައްޔަރު ކުރި އެވެ.

ރިޝްވަތާއި ގުޅުވައިގެން ދެ ފަހަރުމަތިން ފާރިސް ހައްޔަރު ކުރި އެވެ. މީގެ އިތުރުން އެ މައްސަލައިގައި އޭނާ ޖަލު ބަންދުގައި ހުންނެވި ނަމަވެސް، ފެބްރުއަރީ އެއް ވަނަ ދުވަހުގެ ސުޕުރީމް ކޯޓުގެ އަމުރާއި ގުޅިގެން މިނިވަން ކުރުމަށްފަހު، 24 ގަޑި އިރުވެސް ނުވަނީސް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އަނެއްކާވެސް ހައްޔަރުކުރި އެވެ.

ފާރިސް ބަންދުގައި ހުންނަވަތާ މިއަދަށް އަހަރުވީ އެވެ. މަޖިލީހުގައި ދިއްގަރު ދާއިރާއަށް ހިދުމަތް ކުރައްވަން ފާރިސްއަށް ލިބި ވަޑައިގަތީ އަހަރެއްހާ ދުވަހެވެ.

މި މުއްދަތުގެތެރޭގައި ފާރިސްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުުގެ ވާޖިބު އަދާ ކުރުމުގެ ފުރުސަތު ހޯދުމަށާއި، ފާރިސްއަށް ލިބިގެންވާ އަސާސީ ހައްގުތަށް ހޯދުމަށް ފާރިސްގެ ވަކީލުން ވަނީ ދައުލަތުގެ އެކި އިދާރާތަކަށް 70 އަށްވުރެ ގިނަ ސިޓީ ފޮނުވާފަ އެވެ. ނަމަވެސް އެ އިދާރާތަކުން އެކަށީގެންވާ ޖަވާބެއް ލިބިފައިނުވާ ކަމަށް ވަކީލުން ވިދާޅުވެ އެވެ.

ފާރިސްގެ މައްޗަށް އުފުލި ޝަހުސު އޮޅުވާލުމުގެ ދައުވާ ސާބިތުވާކަމަށް ނިންމާ 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ވަނީ ޖޫން މަހުގެ 27 ވީ ދުވަހު ހުކުމްކޮށްފައެވެ. އެ ހުކުމް އިސްތިއުނާފު ކުރުމަށް މިހާރު ވަނީ ހައިކޯޓަށް ހުށަހަޅާފަ އެވެ.

ފާރިސް ހައްޔަރުކޮށް ހުކުމް އިއްވުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުންނާއި، ބައިނަލް އަގުވާމީ މުޖުތަމައުއިން ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެމްނެސްޓީ އިންޓަނޭޝަނަލްއިން ވެސް ވަނީ ފާރިސް އަކީ ޒަމީރުގެ ގައިދީއެއްގެ ގޮތުގައި ކަނޑައަޅައި ޝަރުތަކާނުލައި ފާރިސް ދޫކޮށްލަން ގޮވާލާފަ އެވެ.