ވިޔަފާރި

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މަދު ކުރަން ކުންފުނިތަކާ ހަވާލު ކުރަން ފަށައިފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މަދު ކުރުމުގެ ގޮތުން، ކުންފުނިތަކާ ހަވާލު ކުރަން ފަށައިފި އެވެ.

ސިޓްރޮން ރެސްޓޯރެންޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި "ޝެއާޑް ރެސްޕޮންސިބިލިޓީ" ފައްޓަވައި ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި ޕްރޮގްރާމަކީ ރާއްޖޭގެ އިގްތިސާދު ފުޅާކޮށް، ބިދޭސީން މަދުކޮށް، ވަޒީފާތައް އުފެއްދުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ފިޔަވަޅުގެ ދަށުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑޮކިއުމެންޓްތައް ހަމަކޮށް ކުންފުނިތަކާ ހަވާލު ކުރެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"މި ޕްރޮގްރާމުގެ އެންމެ މުހިންމު ކަމަކީ ވަޒީފާގެ ބާޒާރު އިތުރު ކުރުން،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމް ފެށުމުގެ ގޮތުން ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އާއި ޓޫރިޒަމް އެސޯސިއޭޝަން (މަޓީ) އަދި ކުދި ކުންފުނިތަކުގެ ހިލާލު ހޯދާފައިވާ ކަމަށެވެ.

"މި މަސައްކަތުގައި މުޅި ލޭބަ މެނޭޖުމަންޓަށް ހައްލު ހޯދޭނެ ދުރު ރާސްތާ އާއި މެދު ރާސްތާގެ ޕްލޭންތަކެއް ވެސް އަޅުގަނޑުމެން ހެދިން. އެގޮތުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން މަސައްކަތްކުރާ 94،000 ބިދޭސީންގެ ތެރެއިން މި ދެއްކެނީ 30،000 ބިދޭސީންގެ ވާހަކަ. ބެލީ މި އިޝޫއާގެން ކުރިއަށް ދާނީ ކިހިނެއް ތޯ؟ އިމިގްރޭޝަނުން ކުރި ބުރަ މަސައްކަތުން 2082 ބިދޭސީން ވަނީ ފުރުވާލާފަ،" ސައީދު ވިދާޅުވި އެވެ.

ޝެއާޑް ރެސްޕޮންސިބިލިޓީގެ ނަމުގައި ފެށި މި ޕްރޮގްރާމުގެ ދަށުން މިއަދު ސޮއިކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން އާއި އެންސިސް ފިޝައީޒް އަދި ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންގެ އިތުރުން ޗައިނާގެ މެޝިނަރީ ކޮންސްޓްރަކްޝަން އެވެ. 

މިނިސްޓަރު ސައީދު ވިދާޅުވީ މި ޕްރޮގްރާމް ފެށުމުގައި ރާއްޖޭގެ އިގްތިސާދަށް ގެއްލުން ނުވާނެ ގޮތްތަކެއް ބަލާފައިވާ ކަމަށެވެ.

"ބޭނުމަކީ އިގްތިސާދަށް ހީނަރު ކަމެއް ނައިސް ނުވަތަ އަންނާނެ ގޮތްތައް މަދުކޮށް، ރާއްޖޭގައި އުފެދިފައި ހުރި މިފަދަ އިޖުތިމާއީ މައްސަލަތައް ހައްލުކޮށް ޕޮޒިޓިވް ރޫހެއްގައި ހައްލު ކުރުން. އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މި ފަސް އަހަރުގެ ތެރޭގައި މި މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް،" ސައީދު ވިދާޅުވި އެވެ.