ބޭރު ކުޅިވަރު

ބެނިޓޭޒް ކޯޗަކަށް ހަމަޖައްސާނެ ކަމުގެ އިޝާރާތެއް ރެއާލް ނައިބު ރައީސް ދީފި

ރެއާލް މެޑްރިޑްގެ ކޯޗަކަށް ސްޕެއިންގެ ރަފައެލް ބެނިޓޭޒް މި ހަފުތާގެ ތެރޭގައި ހަމަޖައްސާނެ ކަމުގެ އިޝާރާތެއް ރެއާލްގެ ނައިބު ރައީސް ދީފި އެވެ.

ކުރިން ލިވަޕޫލާއި ވެލެންސިއާ އާއި އިންޓަ މިލާން އަދި ޗެލްސީ އަށް ކޯޗުކޮށްދިން ބެނިޓޭޒް ވަނީ ނަޕޯލީގެ ކޯޗުކަމުން ދުރުވެފަ އެވެ. އިޓާލިއަން ލީގުގައި ރޭ ލާޒިއޯ އަތުން 4-2 އިން ނަޕޯލީ ބަލިވި މެޗަކީ ބެނިޓޭޒް އެ ޓީމަށް ކޯޗުކޮށްދިން ފަހު މެޗެވެ.

ބެނިޓޭޒް ނަޕޯލީ އިން ވަކިވުމަށް ނިންމުމާއެކު، ކާލޯ އެންޗަލޮޓީގެ ބަދަލުގައި އޭނާ ރެއާލްގެ ކޯޗަކަށް ހަމަޖައްސާނެ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ.

ހޮނިހިރު ދުވަހު އޮތް ރެއާލްގެ ސަޕޯޓަރުންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ރެއާލްގެ ނައިބު ރައީސް އެޑުއާޑޯ ފެނާންޑޭޒް ވަނީ މި ހަފުތާގެ ތެރޭގައި ބެނިޓޭޒް ،55، ރެއާލްގެ ކޯޗަކަށް ހަމަޖައްސާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.

"އެންޗަލޮޓީ އަކީ ތަފާތު ކޯޗެއް. އެންޗަލޮޓީ އަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗު މީގެ ދެ އަހަރު ކުރިން ޖޯސޭ މޮރީނިއޯ ވީގޮތަށް. އަދި މި ހަފުތާގައި ރަފައެލް ބެނިޓޭޒް ވެސް މޮޅު ކޯޗަށް ވާނެ،" ފެނާންޑޭޒް ބުންޏެވެ.

އެންޗަލޮޓީ މަގާމުން ވަކިކުރީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ކަޕް އެ ޓީމަށް ކާމިޔާބުކޮށްދީފަ ވަނިކޮށެވެ. މި ސީޒަންގައި އޭނާގެ އިރުޝާދުގެ ދަށުން ރެއާލަށް ކާމިޔާބުކުރެވުނީ ކްލަބް ވޯލްޑް ކަޕެވެ.

ރެއާލްގެ ކޯޗުކަމުން ޖޯސޭ މޮރީނިއޯ 2013 ވަަ އަހަރު ވަކިކުރިއިރު، ތިން ސީޒަންގެ ތެރޭގައި އޭނާ ވަނީ ސްޕެއިން ލީގާއި ސްޕެނިޝް ކަޕް ކާމިޔާބުކޮށްފަ އެވެ.

ބެނިޓޭޒް ވަނީ ލިވަޕޫލާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ޗެލްސީ އަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްދީފަ އެވެ. އަދި ނަޕޯލީ އަށް އިޓާލިއަން ކަޕް ކާމިޔާބުކޮށްދިނެވެ.