ކުޅިވަރު

ބާސާއަށް ރެކޯޑް އާންމުދަނީއެއް

ސްޕެއިންގެ ޗެމްޕިއަން އެފްސީ ބާސެލޯނާގެ މިދިޔަ ސީޒަންގައި ރެކޯޑް އަދަދަކަށް އާންމުދަނީ ލިބިފައިވާ ކަމަށް އެ ކުލަބުން ބުނެފި އެވެ.

ބާސެލޯނާގެ އާންމުދަނީ ވަނީ މިދިޔަ އަހަރު 914 މިލިއަން (16 ބިލިއަން ދިވެހި ރުފިޔާ) އަށް އަރާފަ އެވެ. މިދިޔަ ސީޒަންގައި އެންމެ އަގުބޮޑު ޓްރާންސްފާގެ ޑީލެއް ހެދީ ބާސެލޯނާއިންނެވެ. އެއީ އެ ކުލަބަށް ކުޅުނު ނޭމާ، ޕީއެސްޖީއަށް ބަދަލު ވުމުމަށް ހެދި ޓްރާންސްފާގެ އެއްބަސްވުމެވެ.

ނޭމާ ގެންދިއުމަށް ޕީއެސްޖީން ވަނީ 222 މިލިއަން ޔޫރޯ ބާސެލޯނާއަށް ހުށަހަލާފަ އެވެ. އޭގެ ފަހުން ބާސާއިން ވެސް ވަނީ އަގު ބޮޑު ދެ ޓްރާންސްފާއެއް ހަދާފަ އެވެ. އެއީ އުސްމާން ޑެމްބެލޭ އާއި ފިލިޕޭ ކްޓީނިއޯ އެވެ.

ޑެމްބެލޭ ގެންދިއުމަށް ބާސާއިން ވަނީ 96.8 މިލިއަން ޔޫރޯ ހޭދަ ކޮށްފަ އެވެ. ޖަނަވަރީ ޓްރާންސްފާ ޕީރިއަޑްގައި، ބާސާއިން ގެންދިޔައީ ލިވަޕޫލްގެ ކުޓީނިއޯ އެވެ. އޭނާ ގެންދަން ބާސާއިން 106 މިލިއަން ޕައުންޑް ހޭދަ ކުރި އެވެ.

ބާސެލޯނާއިން ބުނީ އެ ކުލަބުގެ އަމާޒަކީ 2021 ވަނަ އަހަރާ ހަމަޔަށް ދާއިރު އެއް ބިލިއަން ޔޫރޯ ގެ އާންމުދަނީއަކަށް ޖެއްސުމެވެ.