ހަބަރު

އެހެން ގައުމުތަކުން ރާއްޖޭގެ ވެރިންނަށް ފިޔަވަޅު އަޅަން އީޔޫއިން ބާރުއަޅާނެ

Jul 18, 2018
7

ރާއްޖޭގެ އިންސާނީ ހައްގުތަކާއި ސިޔާސީ ހަމަނުޖެހުމަށް ހުރަސް އަޅާ އެންމެހާ ފަރާތްތަކަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުން އަޅާނެ ފިޔަވަޅުތައް އެ އިއްތިހާދުގެ ކައުންސިލުން ފާސްކޮށް އާންމުކޮށްފައިވާ އިރު، އެ ފިޔަވަޅުތައް އަޅަން އީޔޫ އިން އެހެން ގައުމުތަކަށް ވެސް ބާރުއަޅާނެ ކަމަށް އީޔޫއިން ފާސްކުރި ފިޔަވަޅު އަޅާނެ ގޮތުގެ ފްރޭމްވާކްގައި ބުނެފި އެވެ.

އީޔޫގެ ޕޮލިސީ ލެވަލްގެ ކަންކަން ނިންމާ އީޔޫގެ ފޮރިން މިނިސްޓަރުން ހިމެނޭ ކައުންސިލުން ރާއްޖޭގެ އިންސާނީ ހައްގުތަކާއި، ގާނޫނުތައް ނެގެހެއްޓުމަށާއި، ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ އެންމެހާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅޭ ގޮތަށް ނިންމައި، ފިޔަވަޅު އެޅޭނެ އުސޫލެއް ކަނޑައަޅައިފައި ވަނީ އިއްޔެ އެވެ. ނަމަވެސް، ފިޔަވަޅު އަޅާނެ ވަކި ވަކި ފަރާތްތަކެއް ކަނޑައަޅާފައިނުވާއިރު، ފިޔަވަޅު އަޅާނީ ރާއްޖޭގެ ހާލަތު ރަނގަޅު ނުވާނަމަ އެވެ.

އާންމުކޮށްފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، ގާނޫނުތައް ނެގެހެއްޓުމަށާއި، ސިޔާސީ ހައްލެއް ހޯދުމަށް ހުރަސްއެޅުމުގެ ގޮތުން ހަމަނުޖެހުން ނަގާލަން ރާވައި ހިންގުމާއި ހިތްވަރު ދިނުމުގައި ބައިވެރިވާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ އެވެ. އަދި އިންސާނީ ހައްގުތައް ނިގުޅައިގަތުމަށް ރާވައި ހިންގުމާއި، އެފަދަ އަމަލުތަކުގައި ބަައިވެރިވާ މީހުންކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

އެތެރެވުން މަނާކުރުން

މިގޮތުން، ފިޔަވަޅު އެޅުމަށް ނިންމާ ވަކިވަކި މީހުންނަށް، އީޔޫ ގައުމަކަށް އެތެރެނުވުމުގެ އިތުރުން ޓްރާންސިޓް ވެސް ނުކުރެވޭނެ އެވެ. މީގެ ތެރޭގައި، އީޔޫ ގައުމެއްގައި ބޭއްވޭ ބައިނަލްއަގުވާމީ ކޮންފަރެންސްތަކާއި ބައްދަލުވުންތަކުގައި ވެސް ބައިވެރިއެއްނުވެވޭނެ އެވެ. އަދި އީޔޫގެ އެއްވެސް ގައުމަކުން ހާއްސަ ހުއްދައެއްގެ ދަށުން، އެ ލިސްޓުގައިވާ މީހަކު އެތެރެވުމަށް ހުއްދަ ދީފިނަމަ އެކަން ކައުންސިލަށް އަންގަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް، އެ އުސޫލުގެ ދަށުން އީޔޫ ގައުމުތަކުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުމަށް ހުރަސްނޭޅޭ އެވެ.

މުދަލާއި އެކައުންޓު ފްރީޒް ކުރުން

މި އުސޫލުގެ ދެ ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އެ ލިސްޓުގައި ހިމެނިއްޖެ މީހެއްގެ ނުވަތަ ފަރާތެއްގެ އީޔޫގެ ގައުމެއްގައި ހުރި ހަރު މުދަލާއި ބޭންކު އެކައުންޓުތައް ހިފެހެއްޓުމުގައި އަމަލުކުރަންޖެހޭ ގޮތެވެ. މިގޮތުން އެ ލިސްޓުގައި ހިމެނޭ ހުރިހާ ފަރާތެއްގެ މުދަލާއި އެކައުންޓުތައް ވަގުތުން ފްރީޒް ކުރަންޖެހޭ ކަމަށް ވަނީ އުސޫލުގައި ލާޒިމްކޮށްފަ އެވެ.

ނަމަވެސް، ހިފެހެއްޓޭ މުދާ ނުވަތަ އެކައުންޓުގައި ހުރި ފައިސާއަކީ އެ ފަދަ ފަރުދެއްގެ ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތެއްކަން ކަށަވަރު ކުރެވިއްޖެނަމަ، އެކަމަށް ދޫތަކެއް ދެވިދާނެ ހާލަތްތަކެއް ވެސް އެ އުސޫލުގައި ކަނޑައަޅާފައިވެ އެވެ.

ލިސްޓު އެކުލަވާލުން

މި އުސޫލުގެ ދަށުން ފިޔަވަޅު އަޅާ ފަރާތްތައް ކަނޑަޅާނީ ނުވަތަ ބަދަލުގެންނާނީ، އީޔޫގެ ގައުމަކުން ނުވަތަ ހައި ރެޕްރެޒެންޓެޓިވް އޮފް ދަ ޔޫނިއަން ފޮ ފޮރިން އެފެއާޒް އެންޑް ސެކިޔުރިޓީ ޕޮލިސީގެ ހުށަޙެޅުމުގެ މަތިން، އީޔޫގެ ފޮރިން މިނިސްޓަރުން ހިމެނޭ ކައުންސިލުގެ
އިއްތިފާގުންނެވެ.

އަދި މި ލިސްޓުގައި ހިމަނަން ނިންމާ ފަރާތްތަކަށް އެކަން ލިޔުމުން އަންގާ، އެކަމަށް ދިފާއުވުމުގެ ފުރުސަތު ދެވޭނެ ކަމަށް އުސޫލުގައިވެ އެވެ.

މީގެ އިތުރުން، ފިޔަވަޅުތަކުގެ އަސަރު އިތުރުކުރުމުގެ ގޮތުން، އީޔޫގެ ބޭރުން އެހެން ގައުމުތަކުން ވެސް މިފަދަ ފިޔަވަޅުތައް އެޅުމަށް ބާރު އެޅޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި މި ނިންމުން އެއް އަހަރުގެ މުއްދަތަށް ކަނޑައެޅިފައިވާއިރު، އީޔޫ އިން ބޭނުންވާ މަގުސަދު ހާސިލް ނުވާނަމަ، މި ނިންމުމަށް ބަދަލު ގެނައުމުގެ ބާރު ކައުންސިލަށް ލިބިގެންވާ ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.