ބޮލީވުޑް

މޯނީގެ ތިންވަނަ ފިލްމުގައި ރާޖްކުމާރް

ހިންދީ ޓީވީ ސިލްސިލާތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އެކްޓްރެސް، މޯނީ ރޯއީ ބޮލީވުޑަށް ތައަރާފުވާ ފިލްމު "ގޯލްޑް" އަންނަ މަހު 15 ގައި ރިލީޒް ކުރާނެ އެވެ.

އެ ފިލްމު ރިލީޒް ކުރުން ކުރިއަށް އޮތްއިރު، އޭނާއަށް ވަނީ އިތުރު އެހެން ފިލްމަކުން ވެސް ފުރުސަތު ލިބިފަ އެވެ. އެއީ ރަންބީރް ކަޕޫރް، އާލިއާ ބަޓް، އަމީތާބް ބައްޗަން އަދި ނާގްއަރުޖުން މުހިންމު ރޯލުތަކުން ފެނިގެންދާ ފިލްމު "ބްރަހްމަސްތުރާ" އެވެ. އެ ފިލްމު ނިކުންނާނީ އަންނަ އަހަރު އެވެ.

"ބްރަހްމަސްތުރާ" އަށްފަހު އަނެއްކާ ވެސް މޯނީ މިހާރު ވަނީ އާ ފިލްމަކުން ފުރުސަތު ލިބިފަ އެވެ. މިއީ އޭނާގެ ތިން ވަނަ ފިލްމަށް ވާނެއިރު، މި ފިލްމުގައި ފެނިގެންދާނީ ރާޖްކުމާރް ރާއޯއާއެކުގަ އެވެ. "މޭޑް އިން ޗައިނާ" ކިޔާ މި ފިލްމުގައި އޭނާ ފުރަތަމަ ފަހަރަށް ބޮޑު ރޯލަކުން ފެނިގެންދާނެ އެވެ. މި ފިލްމުގައި މޯނީ ކުޅެނީ ރާޖްކުމާރްގެ އަންހެނުންގެ ރޯލެވެ.

ތަރަން އަދަރްޝް ކުރި ޓުވީޓް.

އިންޑިއާގެ މަޝްހޫރު ފިލްމު ކްރިޓިކް އަދި ޓްރޭޑް އެނަލިސްޓް ތަރަން އަދަރްޝް ވަނީ ޓުވިޓާ މެދުވެރިކޮށް މި ހަބަރު ކަށަވަރުކޮށްދީފަ އެވެ. ކޮމެޑީ މި ފިލްމު ޑައިރެކްޓުކުރަނީ މިކިލް މުސަލޭ އެވެ. ދިނޭޝް ވިޖަން ޕްރޮޑިއުސްކުރާ މި ފިލްމުގެ މަސައްކަތްތައް ސެޕްޓެމްބަރުގައި ފަށާނެ އެވެ. މި ފިލްމު ޝޫޓުކުރަނީ އިންޑިއާގެ ގުޖުރާތާއި ޗައިނާގަ އެވެ.