ބޮލީވުޑް

އަމީތާބުގެ ދޮށީ ދަރިފުޅު ފުރަތަމަ ފަހަރަށް އެކްޓުކޮށްފި

ސުޕަ ސްޓާ، އަމީތާބް ބައްޗަން އާއި އަންހެނުން ޖާޔާ ބައްޗަންގެ އަންހެން ދަރިފުޅު، ޝްވެތާ ބައްޗަން ނަންދާ ފުރަތަމަ ފަހަރަށް އެކްޓްކޮށްފި އެވެ. ޝްވެތާއަކީ އަމީތާބްގެ ދެމަފިރިންގެ އެންމެ ދޮށީ ދަރިފުޅެވެ.

ޝުވެތާ އެކްޓުކުރީ އޭނާގެ ބައްޕައާއެކު "ކަލްޔާން ޖުވެލާސް" ގެ އިޝްތިހާރެއްގަ އެވެ. އެއް މިނެޓާއި 30 ސިކުންތައް ދެމިގެންދާ އިޝްތިހާރުގައި ދައްކުވައި ދެނީ އުމުރުން ދުވަސްވީ މީހަކު އޭނާއަށް އެހެން މީހެއްގެ ޕެންޝަން ފައިސާ ލިބުމުން އެ ފައިސާ އަނބުރާ ރައްދު ކުރުމަށް ޕެންޝަން އޮފީހަށް ދާ މަންޒަރެވެ.

އުމުރުން ދުވަސްވީ މީހާގެ ބައި އަމީތާބް ކުޅޭއިރު، ޝުވެތާ ކުޅެނީ އަމިތާބް ގޮވައިގެން ޕެންޝަން އޮފީހަށް ދާ އޭނާގެ ދަރިފުޅުގެ ރޯލެވެ. ބައްޕައަކާއި ދަރިއެއްގެ އޮންނަ ގާތް ގުޅުން މި އިޝްތިހާރުގައި ދައްކުވައިދެ އެވެ. މި އިޝްތިހާރު އާންމު ކުރުމާއެކު އަމީތާބް ކުރި ޓުވީޓެއްގައި އެނާ ބުނީ މިއީ އޭނާއަށް ވަރަށް ފުން އަސަރެއް ކުރުވި އިޝްތިހާރެއް ކަމަށެވެ.

ޝްވެތާ އަމީތާބްއާއެކު ކުޅުނު އިޝްތިހާރު.

އަމީތާބްގެ ދެމަފިރިންނާއި ހަގު ދަރިފުޅު އަބީޝޭކް ބައްޗަންއަކީ ވެސް ބޮލީވުޑްގައި މަޝްހޫރު އެކްޓަރުންނެވެ. ނަމަވެސް ޝުވެތާ އުޅެމުން އައިީ އެކްޓިންގެ ދާއިރާއާއި ވަރަށް ދުރުގަ އެވެ. އެހެން ނަމަވެސް ބައެއް މަޝްހޫރު ޓީވީ ޓޯކް ޝޯތައް ކަމަށްވާ "ކޮފީ ވިތް ކަރަން" އާއި "ރެންޑެޒްވަސް ވިތް ސިމީ ގަރޭވާލް" އަށް އޭނާ ވަނީ އިންޓަވިއުތައް ދީފައިވެ އެވެ.