ހޮލީވުޑް

ހެރިސަން ފޯޑް އާ ފިލްމަކަށް މަޝްވަރާކުރަނީ

ޓުވެންޓިއެތް ސެންޗުރީ ފޮކްސްއިން ގެނެސްދޭން ތައްޔާރަވަމުން އަންނަ އާ ފިލްމު "ކޯލް އޮފް ދި ވައިލްޑް" ގައި މުހިންމު ރޯލެއް ކުޅުމަށް، މަޝްހޫރު އެކްޓަރު ހެރިސަން ފޯޑްއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ހޮލީވުޑް ރިޕޯޓާއިން ބުނެފި އެވެ.

މި ފިލްމަކީ އެމެރިކާގެ ވާހަކަ ލިޔުންތެރިޔާ ޖެކް ލަންޑަން، 1903 ގައި "ކޯލް އޮފް ދި ވައިލްޑް" ގެ ނަމުގައި ލިޔުނު ވާހަކައިގެ އެޑަޕްޓޭޝަނެއްގެ ގޮތުގައި ތައްޔާރުކުރާ ފިލްމެކެވެ. މި ވާހަކާގައި ކިޔާދެނީ 1890 ގެ އަހަރުތަކުގައި ވަރަށް ޑިމާންޑު ބޮޑު ކުއްތާއެއް ކަމަށްވާ ސްލެޑް ޑޯގްއެއް ވަގަށް ނެގުމުން ހިނގާ ކަންތައްތަކެވެ.

މި ފިލްމު ޑައިރެކްޓް ކުރާނީ "ދަ ކްރޫޑްސް" އަދި "ހައު ޓު ޓްރެއިން ޔުއާ ޑްރެގަން" ކޯ-ޑައިރެކްޓުކުރި ކްރިސް ސެންޑާސް އެވެ. މި އަހަރު ފަހުކޮޅު މި ފިލްމުގެ ޝޫޓިން ފެށުމަށް ނިންމާފައިވާއިރު، ސިނަމާތަކަށް ފިލްމު ގެންނާނީ އަންނަ އަހަރު ޑިސެމްބަރު 25 ގަ އެވެ.

ހެރިސަން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމަކަށް މީގެ ކުރިން އޮތީ ސްޓީވެން ސްޕީލްބާގްސްގެ ފިލްމު "އިންޑިއާނާ ޖޯންސް" ގެ ފަސް ވަނަ ފިލްމެވެ. އެ ފިލްމު 2020 ގައި ރިލީޒްކުރާ ގޮތަށް ކުރިން ނިންމާފައި އޮތް ނަމަވެސް, ސްކްރިޕްޓުގެ މައްސަލައަކާއި ގުޅިގެން މިހާރު ވަނީ 2021 އަށް ފަސްކޮށްފަ އެވެ.