އެފްރިކާގެ ސިޔާސީ ލީޑަރު ނެލްސަން މަންޑޭލާއަށް 100 އަހަރު ފުރުން ދެކުނު އެފްރިކާގައި ފާހަގަކޮށްފި އެވެ. މަންޑޭލާގެ 100 ވަނަ އުފަންދުވަސް ފާހަގަކުރުމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވަނީ އެ ގައުމުގައި ހާއްސަ ފޯރަމެއްވެސް ބާއްވާފަ އެވެ.
މަންޑޭލާގެ އުފަންދުވަހަކީ 18 ޖުލައި އެވެ. ކޮންމެ އަހަރަކު މިދުވަސް ފާހަގަކުރަމުން އަންނަނީ "މަންޑޭލާ ޑޭ" ގެ ނަމުގަ އެވެ. ނެލްސަން މަންޑޭލާ ފައުންޑޭޝަނުން ކޮންމެ އަހަރަކު މި ދުވަސް ކުލަ ގަދަކޮށް ފާހަގަކުރަމުން އަންނައިރު، އެ ފައުންޑޭޝަނުން ކޮންމެ އަހަރަކުވެސް އަންނަނީ ދުނިޔޭގައި ގޯހުން ހިނގަމުންދާ ކަންކަން އިސްލާހުކުރުމަށް ގޮވާލަމުންނެވެ.
ދެކުނު އެފްރިކާގެ ޖޮއާންސްބާގުގައި އޮބާ ބޭއްވި ފޯރަމުގައި 15،000 ވުރެ ގިނަ މީހުން ބައިވެރިވި އެވެ. މަންޑޭލާއާއި ބެހޭގޮތުން އޮބާ ވަނީ ތަފާތު އެކި ވާހަކަތައް ދައްކަވާފަ އެވެ. އަދި 1990 ވަނަ އަހަރު މަންޑޭލާ ޖަލުން މިނިވަންވެގެން ދިއުމާއެކު އާވި އުންމީދުތަކުގެ ވާހަކަތައްވެސް އޮބާމާ ދެއްކެވި އެވެ.
"މަންޑޭލާ ވީ ގުރުބާނީ އާއި އެމަނިކުފާނުގެ ލީޑާޝިޕާކީ މުޅި ދުނިޔެއަށްވެސް ބޮޑު މިސާލެއް. މިނިވަންކަމާއި ޑިމޮކްރަސީއަށް ލޯބިކުރާ މީހުންގެ ހިތްވަރުގަދަވާންޖެހޭނެކަން އެމަނިކުފާނު ސާބިތުކޮށްދެއްވި،" އޮބާމާ ވިދާޅުވި އެވެ.
މަންޑޭލާ އަވަހާރަވީ 2013 ވަނަ އަހަރު ޑިސެމްބަރު މަހު ފަހެއްގަ އެވެ. ޖުމްލަ 27 އަހަރުވަންދެން ޖަަލުގައި އިންނެވި މަންޑޭލާއަކީ ނަސްލީ ތަފާތުކުރުމާއި ދުނިޔޭގެ އަމާންކަމަށް މަސައްކަތްކުރުމުގައި މިސާލު ދެއްކެވި ބޭފުޅެއްގެ ގޮތުގައި ވަނީ މަޝްހޫރުވެފަ އެވެ.
މަންޑޭލާ ޖަލަށް ލީ 1962 ގަ އެވެ. އެއީ އޭރު ދެކުނު އެފްރިކާގައި އޮތް ސަރުކާރުން ރައްޔިތުންނާއި މެދު ގެންގުޅެމުންދިޔަ ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް އޭނާ އަޑުއުފުލަން ފެށުމުންނެވެ. ޖަލުން މިނިވަންވުމަށްފަހު 1994 ގައި އެ ގައުމުގައި އޮތް އާންމު އިންތިހާބު ކާމިޔާބުކުރައްވާ ވެރިކަމަށްވެސް ވަޑައިގަތެވެ. މަންޑޭލާ ވަނީ އެއް ދައުރު ހަމަވަންދެއް ވެރިކަން ކުރައްވާފަ އެވެ.