ރިޕޯޓް

ރައީސްގެ އުމުރާއި ގާބިލްކަމުގެ ސުވާލު!

ގައުމުގެ ރައީސް ކަމަށް ކުރިމަތިލެވޭ އެންމެ ހަގު އުމުރަކީ ގިނަ ގައުމުތަކުގައި 35 އަހަރެވެ. ބައެއް ގައުމުތަކުގައި 40 އަހަރު ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ. އެކަމަކު ވެރިކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރެއް އޮތުމަކީ ނާދިރު ކަމެކެވެ. އެންމެ ބޮޑު ޑިމޮކްރަސީ ކަމަށްވާ އިންޑިއާ އާއި އެންމެ ދުވަސްވީ ޑިމޮކްރަސީ ކަމަށްވާ އެމެރިކާގައި ވެސް ވެރިކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރެއް ނޯވެ އެވެ. އެކަަމަކު މިއީ ބަހުސްކުރެވޭ މައުލޫއެކެވެ.

ރާއްޖޭގެ ރައީސް ކަމަށް ކުރިތިލެވޭ އެންމެ މަތީ އުމުރަކީ 65 އަހަރުގެ ގޮތުގައި ހަމަޖެއްސުމަށް ގާނޫނުއަސާސީ އަށް އިސްލާހު ހުށަހެޅުމާ އެކު، ރައީސް ކަމުގެ ހުވަފެން ދެކެވަޑައިގަންނަވާ ބައެއް ސިޔާސީ ބޭފުޅުންނަށް ވަނީ މާޔޫސްކަން ގެނުވައިފަ އެވެ. މި އިސްލާހަކީ ޖުމްހޫރީ ޕާޓީީގެ ލީޑަރު ގާސިމް އިބްރާހިމް ވެރިކަމަށް ވަޑައިގެންފާނެތީ ގެންނަ އިސްލާހެއް ކަމަށް އެއް ބަޔަކު ބުނެ އެވެ. ނުވަތަ މިއީ 30 އަހަރު ވެރިކަން ކުރައްވާފައިވާ މައުމޫން އަބްދުލްގައްޔޫމަށް އެޅި ހުރަހެއް ކަމަށް ވެސް ބުނެ އެވެ. އެކަމަކު ކޮންމެ މީހަކީ ވެސް ދުނިޔޭގައި ހުރިއްޔާ އުމުރުން 65 އަހަރުން މައްޗަށް ދާނެ މީހެއްތާ އެވެ!

ޒުވާނުންނަކީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން ކަމަށް ބުނާއިރު ޒުވާނަކަށް ވެރިކަން ކުރެވޭނެ ގޮތެއް ނެތް ކަމަށް، ޒުވާނުންގެ ހައްގުތަކަށް މަސައްކަތްކުރާ މީހުން ބުނެ އެވެ. ޒުވާނުންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން މި މައްސަލަ އަބަދު ވެސް ފާހަގަކުރެ އެވެ.

އުމުރުން މާ ހަގު ނަމަ ގައުމެއްގެ ވެރިކަންކުރެވޭ ވަރުުގެ ސިކުނޑިއެއް ނޯންނާނެ ކަމަށް ބުނެ އެވެ. ހަމަ އެގޮތަށް، އުމުރުން މާ މައްޗަށް ހިނގައްޖެ ނަމަ ވެސް ހަމަ މި ހާލަތު މެދުވެރި ވާނެ ކަމަށް ބަލަ އެވެ. އެކަމަކު އުމުރު މަތިވުމަކުން މީހެއްގެ ގާބިލްކަން ދަށްވާނެ ކަމަށް ބުނެ ޝަކުވާކުރާ އަޑު އެހާ ގަދައެެއް ނޫނެވެ.

އެމެރިކާގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް، ވެރިކަންކުރާ ޑިމޮކްރަޓިކް ޕާޓީން ނިކުންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކެންޑިޑޭޓް ކަމަށްވާ ހިލަރީ ކްލިންޓަނަށް އިންތިހާބުގެ ތާރީހު އަންނައިރު 69 އަހަރު ވާނެ އެެވެ. އެކަމަކު 1996 ވަނަ އަހަރު އުމުރުން 73 އަހަރުގެ ބޭފުޅަކު ވެސް ވަނީ އިންތިހާބުގައި ވާދަކުރައްވައިފަ އެވެ. އެއީ ސެނެޓަރު ރޮބަޓް ޑޮލް އެވެ. ފެންނަ ފެނުމަށް އޭނާގެ ސިއްހަތު ރަނގަޅު ނަމަވެސް އޭރު އޭނާ އަކީ އެއް ކިޑްނީ ނަގާފައިވާ ބޭފުޅެކެވެ. ނުނަގައި އޮތް ވާތު ކިޑްނީގައި ހިލަ ހުއްޓެވެ. ކެންސަރަށް ބަދަލުވަމުން ދިޔަ ކޮލޮނިކް ޕޮލިޕްސްތަކެއް އޮޕަރޭޝަންކޮށް ނަގާފައިވެ އެވެ. މި ކެންޑިޑޭޓަކީ ވަރަށް ގަދަޔަށް ދުންފަތުގެ އިސްތިއުމާލުކުރެއްވި ބޭފުޅެކެވެ.

އެފަހަރު އިންތިހާބަށް ފަހު ސްޓެންފަޑްގެ ޕޮލިޓިކަލް ސައިންޓިސްޓެއް ކަމަށްވާ ރިޗަޑް ބްރޯޑީ ވަނީ ދިރާސާއެއް ހައްދަވައިފަ އެވެ. އޭނާގެ ދިރާސާ އިން ހާމަވި ގޮތުގައި އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެފަހަރު ވޯޓު ދިން މީހުންގެ 60 ޕަސެންޓަށް ވުރެ ގިނަ މީހުން 73 އަހަރުގެ ޑޮލްގެ އުމުރާ މެދު އެއްވެސް ވަަރަކަށް ނުވިސްނަ އެވެ. އަދި އޭނާ ހޮވުނު ކަމުގައި ވިޔަސް އުމުރުގެ ސަބަބުން ވެރިކަމުގެ ޒިންމާތައް އަދާކުރުމަށް ހުރަހެއް ކުރިމަތިވެދާނެތޯ ވެސް ވިސްނާފައެއް ނުވެ އެވެ.

ނަމަވެސް މި ދިރާސާގައި ބުނެފައި ވަނީ އުމުރުން 65 އަހަރުން މައްޗަށް ގޮސްފައިވާ ވެރިޔަކު ހޮވާ ނަމަ އެކަމާ ވިސްނަންޖެހޭ ކަމަށެވެ. ވެރިކަމަކީ ސްޓްރެސް ބޮޑު ވަޒީފާއަކަށް ވުމުން، އެ ސްޓްރެސްގެ ތެރޭގައި ވެރިކަމުގެ ދައުރު ފުރިހަމަކުރެވިދާނެ ގާބިލްކަން ކެންޑިޑޭޓްގެ ކިބައިގައި ހުރިތޯ ވިސްނާލުން ރަނގަޅު ކަމަށް ޕްރޮފެސަރު ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވެފައި ވަނީ އުމުރުން އެހާ މައްޗަށް ގޮސްފައި ވަނިކޮށް އެހާ ސްޓްރެސް ބޮޑު ވަޒީފާއެއް އަދާކުރާ ނަމަ ސްޓްރޯކާއި ހާޓް އެޓޭކާއި ޑިޕްރެޝަން ފަދަ މައްސަލަތައް ވަރަށް ބޮޑުވެދާނެ ކަމަށެވެ. ހަމަ އެހެންމެ މަސައްކަތަށް ސަމާލުކަން ނުދެވުމާއި ހަނދާން ނެތުމާއި ނިދީގެ މައްސަލަތައް ވެސް ކުރިމަތިވާނެ ކަމަށް ވިދާޅުވެފައިވެ އެވެ. ނަމަވެސް މިއީ 65 އަހަރުން މަތީ ކޮންމެ މީހެއްގެ ހާލަތަކަށް ވާކަށް ނުޖެހެ އެވެ. އެކަމަކު އެ އުމުރުގައި އެހާ ބޮޑު ޒިންމާތަކަކާ ހަވާލުވުމުން މި ކަންކަމުގެ ތެރެއަށް މިހާ ވެއްޓިދާނެ ކަމުގެ ބިރު ބޮޑުވެގެންދާ ކަމަށް ދިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ.

މި ދިރާސާގައި ލަފާ ދީފައި ވަނީ ވެރިކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރެއް ގާނޫނީ ގޮތުން ކަނޑައެޅިފައި އޮތުން މުހިންމު ކަމަށެވެ. އެއީ ދިރާސާގައި ބުނެފައިވާ ގޮތުން ނަމަ ގައުމުގެ ދުވަސްވީ މީހުންނަށް ކަމޭ ހިތުމުގެ ގޮތުންނެވެ. އުމުރުން 60 ނުވަތަ 65 އިން މައްޗަށް ދިއުމަށް ފަހު ވެރިކަން ހަވާލުކުރުމަކީ އެ ބޭފުޅުންނަށް ދެވޭ އަނިޔާއެއް ފަދަ ކަމެއްގެ ގޮތުގައި ވަނީ ދިރާސާގައި ފާހަގަކޮށްފަ އެވެ. ނަމަވެސް އެމެރިކާގެ އެންމެ ކާމިޔާބު ރައީސުންގެ ތެރޭގައި 65 އަހަރުން މަތީގެ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް މަތީ އުމުރުގެ ބޭފުޅުންގެ ވެރިކަމުގެ ލަދުވެތި ވަރަށް ގިނަ ކަންކަން އެކި ގައުމުތަކުގައި ހިނގާފައިވެ އެވެ.

މީހެއްގެ ބަލިކަށިކަން އަންނަނީ އެ މީހެއްގެ އުމުރަކުން ނޫނެވެ. ކިތަންމެ ޒުވާނަކަށް ވެސް ސީރިއަސް ބަލިމަޑުކަމެއް ޖެހިދާނެ އެވެ. އެކަމަކު ބަލިމަޑުކަމާއި އުމުރު ވަރަށް ބޮޑަށް ގުޅިފައިވެ އެވެ. ނަމަވެސް ވެރިކަމުގެ އުމުރު ވަކި މީހަކަށް އަމާޒުކޮށްގެން ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ކަނޑައަޅާ ނަމަ އެއީ ބޮޑު ނުރައްކަލެކެވެ.