ހޮލީވުޑް

އެންމެފަހުން "ގޭމް އޮފް ތްރޯންސް" އަށް ވިންޓާ އަތުވެއްޖެ!

މި ޝޯގެ ދުވެލި އޭގެ އޮރިޖިނަލް ވާހަކަ އަށް ވުރެ އަވަސްކޮށްލުމާ އެކު އެންމެފަހުން ވިންޓާގެ ފިނިކަމާއި ބިރުވެރިކަން ޝޯ އަށް ވަދެއްޖެ އެވެ.

"ގޭމް އޮފް ތްރޯންސް" ގައި "ވިންޓާ" އެއްގެ ވާހަކައެއް ދައްކަމުން އަންނަނީ އެޗްބީއޯ އިން މީގެ ފަސް އަހަރު ކުރިން މި ޝޯއެއް ފެށި ހިސާބުން ފެށިގެންނެވެ. ސީރިޒް އެންމެ ފުރަތަމަ ފެށިގެން އައީ ވެސް "ވިންޓާ" ފިނިކަމާއި ބިރުވެރިކަމާއި ވައިޓް ވޯކާސްގެ ވާހަކަތަކުންނެވެ.

ނަމަވެސް އަބަދުވެސް ބެލުންތެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ މި "ވިންޓާއެއް" އެމީހުންނާ ބައްދަލުނުކުރާތީ އެވެ. ނަމަވެސް މިހާރު ކުރިއަށް ދާ ފަސް ވަނަ ސީޒަނުގެ އަށް ވަނަ އެޕިސޯޑް ރޭ ދެއްކިއިރު ބެލުންތެރިންނަށް މި ވަނީ "ގޭމް އޮފް ތްރޯންސް" ގެ ވިންޓާގެ ފިނިކަމާއި މި ޝޯގެ މަޝްހޫރު ވައިޓް ވޯކާގެ ސިފަތައް ވެސް ނިކަން ރަނގަޅަށް ފެނި އޭގެ ބިރުވެރިކަން ތަޖުރިބާކުރެވިފަ އެވެ.

އެހެންވީމަ މިއޮތްހާ ދުވަހު ފަރުދާގެ ފުރަގަހުގައި ތިބެގެން ބެލުންތެރިން ބިރުގެންނުވި ވައިޓް ވޯކާސްތައް ޝޯ އިން ކޮންމެ ހަފުތާއަކު ފެނުމުގެ ފުރުސަތު ބޮޑުވީ އެވެ.

ސީޒަނުގައި ބާކީ އޮތް ދެ ޝޯގައި ވައިޓް ވޯކާސްގެ އެޕޮކެލިޕްސްއެއް ބަންޑުންވާނެ ކަމުގެ އިޝާރާތްތަކެއް މި ދަނީ ފެންނަމުންނެވެ.

ވިންޓާ އާއި ވައިޓް ވޯކާސް ޝޯ އިން ދައްކާލުމުގެ އިތުރުން މި ޝޯގެ އެންމެ މަގްބޫލު ދެ ކެރެކްޓާ ކަމުގައިވާ ޓީރިއަން ލެނިންސްޓާ އާއި މަދާ އޮފް ޑްރެގަންސް އެންމެފަހުން އެއްތަންވުމަކީ ވެސް ބެލުންތެރިން އެކްސައިޓްވާން ޖެހޭ ސަބަބެކެވެ.

ދެން މިހައި ހިސާބުން މި "ގޭމް އޮފް ތްރޯންސް" އަކާ ބެހޭ ގޮތުން މާ ގިނަ އެއްޗެއް ނޭނގޭ ކިޔުންތެރިންނަށް ދެ ތިން ރޮނގެއް އަޅާލަ ދޭނަމެވެ.

މިއީ ފެންޓަސީ ވާހަކަ ލިޔުންތެރިޔާ ޖޯޖް އާރް އާރް މާޓިންގެ ސިލްސިލާ ވާހަކަ "އަ ސޯންގް އޮފް އައިސް އެންޑް ފަޔާ" ގެ އަސްލަށް އެޗްބީއޯ އިން 2001 ވަނަ އަހަރުން ފެށިގެން އުފައްދަމުން އަންނަ ޓީވީ ޝޯ އެކެވެ.

މީގައި ދައްކުވައި ދެނީ ހިޔާލީ ބައްރެއް ކަމުގައިވާ ވެޓަރޮސް ގެ ހަތް ކިންގްޑޮމްއެއްގައި ހިނގާ ސިޔާސީ އަދި އާއިލީ ކުރިމަތިލުމާއި ލޭ އޮހޮރުވުމެވެ. ސިލްސިލާގެ ހުރިހައި މުހިންމު އާއިލާތަކުން ވެސް ހިފަނީ ތަހުތުގެ ގޮތުގައި މަޝްހޫރުވެފައިވާ އަޔަން ތްރޯން އަތުލައި ހަތް ކިންގްޑޮމްގެ ކޮންޓްރޯލް އަތުލުމަށެވެ.

މިހާރު ވެރިކަމުގައި ތިބީ ލެނިސްޓާސްތަކެވެ. ނަމަވެސް ފަން ވަނަ ސީޒަން ނިމުމަކަށް އަންނައިރު އެމީހުންގެ ބާރު އެއްކޮށް ކެނޑި އެހެން ބަޔަކު ތަހުތަށް އައުމުގެ ފުރުސަތު މިހާރު ފެންނަ މަންޒަރުތަނުން ވަރަށް ބޮޑެވެ.