ބާސެލޯނާއިން ތާރަފް ކުރި ފުޓްބޯޅަ ސްޓައިލް "ޓިކީޓަކާ" ގެ މާސްޓާ މައިންޑަކީ، އެ ޓީމުގެ ލެޖެންޑް ހޮލެންޑްގެ ޔޯހާން ކްރައިފް އެވެ. އެ ސިސްޓަމްގައި ހަގިގީ ކުލަ ޖެއްސީ، ބާސާގެ ކުރީގެ ކޯޗް މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗް، ޕެޕް ގާޑިއޯލާ އެވެ. އެ ސިސްޓަމް އާންމުންނަށް ފެނުމުގެ ކުރިން، އެ ސިސްޓަމް ތަންފީޒު ކުރީ ބާސެލޯނާގެ އެކެޑެމީ "ލަ މާސީއާ" ގަ އެވެ. ލަމާސީއާގައި އެ ސިސްޓަމް ބިނާ ކުރުމުގައި، ޕެޕް ގާޑިއޯލާއަށް އެންމެ ބޮޑަށް އެހީވީ ބާސެލޯނާގެ މެތޮޑިއޮލަޖީ ޑައިރެކްޓާ ޖޯން ވިޔާ އެވެ.
ބާސާގެ ބެކްރޫމް ސްޓާފެއްގެ ގޮތުގައި މަސައްކަތް ކުރާތީ، ގިނަ ބަޔަކަށް ވިޔާ ނޭންގުމަކީ އެކަށީގެންވާ ކަމަކެވެ. ނަމަވެސް ޒަވީ ހެނާންޑޭޒް އާއި ކާލޯސް ޕްޔޮލް އާއި އަންޑްރެސް އިނިއެސްޓާ އަދި ލިއޮނަލް މެސީފަދަ ކުޅުންތެރިންގެ ސްޓައިލް ބައްޓަން ކުރީ ޖޯން ވިޔާ އެވެ. މިދިޔަ ހޯމަ ދުވަހަކީ ވިޔާ،64 ގެ ދިގު ކެރިއަރުގެ އެހެން މަރުހަލާއެއް ފެށުނު ދުވަހެވެ. ސާޅިސް އަހަރަށް ފަހު އާނާ ވަނީ ބާސެލޯނާއިން ވަކި ވެފަ އެވެ. ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ، އޭނާ ބާސާއިން ވަކީވީ ހިޔާލު ތަފާތުވުން އުފެދިގެން ކަމަށެވެ.
ވިލާ ބާސާއިން ވަކިވީ ޓިކީޓަކާ ސްޓައިލް ދެމެހެއްޓުމުގައި މި ފަހުން ބާސާއަށް މަސައްކަތް ނުކުރެވޭތީ އެވެ.
"އެއީ ރަނގަޅު ވާހަކައެއް، އެ ސްޓައިލް މުޅިން ހިނގައްޖެ، ނަމަވެސް ހަމަ ޔަގީން އަލުން އެ ސްޓައިލް އަންނާނެ، ގެނެވޭނެވެސް މެ،" ލަ މާސީއާގެ އޮފިޝަލަކު ބުންޏެވެ. "މިހާރު އަނެއްކާވެސް އިތުރު ސްޓައިލްތައް ވަދެއްޖެ، އެއީ ތަންކޮޅެއް ބޮޑަށް ފިޒިކަލް ގޭމެކަށް ވެފައި ޕޮޒެޝަން ގޭމް މަދު ކޮށް އެޓޭކިން ފުޓްބޯޅައެއް ކުޅުވުން."
ޓިކީޓަކާއަށް ބައްޓަންކޮށް ބާސާގެ އެކެޑެމީން އުފެއްދި އެންމެ މޮޅު ކުޅުންތެރިޔަކީ ލިއޮނަލް މެސީ އެވެ. އޭނާ ވެސް ވަނީ ބާސާގެ ޔޫތު ސިސްޓަމްގެ ތެރެއިން ސީނިއާ ޓީމަށް، ކުޅުންތެރިން ނާންނާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބާސާގެ ޔޫތު ޓީމު ޔޫރަޕްގެ ލެވަލްގައިވެސް ކާމިޔާބު ހޯދަ އެވެ. ނަމަވެސް ސީނިއާ ޓީމާ ހަމަޔަށް އައުމުގައި ކާމިޔާބު ހޯދޭ ތަނެއް މިހާރު ނުފެނެ އެވެ.
"އެކެޑެމީ [ލަ މާސިއާ] އަށް އަހަރެމެން ދޭން ޖެހޭ ސަމާލުކަން ކުޑަ ވެއްޖެ، މުހިންމު ޒުވާން ކުޅުންތެރިންތަކެއް އެކެޑެމީ ދޫކޮށްވެސް ހިނގައްޖެ، ދުނިޔޭގެ އެންމެ މޮޅު ކުލަބުގައި މަދުން ނޫނީ މިކަހަލަ ހާލަތެއް ދިމާވެގެން ނުވާނެ، ނަމަވެސް އެ ހާލަތު މެދުވެރި ވެއްޖެ." މެސީ ކުރިން ބުނެފައި ވެއެވެ.
"ގާޑިއޯލާ އަދި ލުއިސް އަރަގޯނޭޒް އަކީ ކޯޗުންގެ ގޮތުގައި އަހަންނާ އެންނެ ގާތް ކޯޗުން ފުޓްބޯޅައިގެ އިތުރުން ޕާސަނަލީވެސް އަހަންނަށް ވަރަށް ކަމުދާ ދެ ކޯޗުން،" ބާސާގެ ކުރީގެ ކެޕްޓަން ޒަވީ ބުނެފައި ވެއެވެ. "އެ ކޯޗުންގެ އިތުރުން ދެން އަހަރެން ފާހަގަ ކުރަނީ ޖޯން ވިޔާ، އަހަރެންގެ ކުރިއެރުމުގައި އެނާ އަދާ ކުރި ދައުރު އަބަދުވެސް އަހަރެން ފާހަގަ ކުރާނަން."