ޖަލުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޭ ބަންދުގައި ހުންނެވުމަށް ފުރުސަތު ދެއްވާފައިވާނެ ކަމަށާއި ނަމަވެސް އެ ފުރުސަތުގެ ބޭނުން ކުރީގެ ރައީސް ނުހިއްޕެވި ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުއްވެއްޖެ އެވެ.
ހދ. ހަނިމާދޫގައި ކުރިޔަށް ގެންދިޔަ މަޝްވަރޫއުތަކުގެ ނިމުން ފާހަގަ ކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް މިއަދު ޖަލުގައި އެކަހެރިކޮށް އިންނަވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. ރައީސް މައުމޫނަށް އުފުލުނު ދައުވާތަކުގެ ތެރެއިން އެކި ފަހަރުގެ މަތިން ގޭގައި ހުންނަވަން އެ މަނިކުފާނަށް ފުރުސަތު އެރުވުނު ކަމަށާއި އެއްގޮތަށް އެކަން ކުރެއްވި ނަމަ އެމަނިކުފާނު މިއަދު ޖަލުގައި ހުންނަވާކަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވޗެ.
އެގޮތުން 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ މައްސަލާގެ ތަހުގީގަށް ފުރަތަމަ ދުވަހު ވެސް ފުލުހުންނަށް ފޯނު ދެއްވި ނަމަ މިއަދު ޖަލުގައި އެކަހެރިވެގެން އިންނަވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ ވެސް ފޯނު ދެއްވި ނަމަ އެ ހުކުމެއް ނައިސް، އެހެންވެ އެ އޮތީ މީގެ އަސާސެއް މީގެ ކުރިއަށް ފިޔަވަޅެއް އެޅިފައި، ރައީސް މައުމޫންއަށް ވެސް އެ ފުރުސަތު ލިބިވަޑައިގެންނެވި، މަައުމޫނަށް ވެސް ހިނގައިދިޔަ ކަންކަމުގެ ތެރޭގައި ފުލުހުންގެ ތަހުގީގުގެ ތެރެއިން އެންމެ ފުރަތަމަ ފުލުހުން އެހީ މަނިކުފާނު މި މުއާމަލާތްތައް ހިންގި ފޯނު ދެއްވާށޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް ޔަމީން ވިދާޅުވީ ފޯނުގެ މައްސަލާގައި ފުރަތަމަ އުންމީދީ ވާހަކަތަކެއް އަޑު އިވިގެން ދިޔަ ކަމަށާއި ނަމަވެސް ފަހުން ގޭ ބަންދަށް ބަދަލު ކުރުމުގެ ފުރުސަތުގައި ރައީސް މައުމޫން ނުހިއްޕެވީ ކަމަށެވެ. އަދި އެއީ ރައީސް ޔާމީންގެ ކުށެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ތަހުގީގަށް ފޯނު ނުދެއްވި ކަމަށް ބުނެ ރައީސް މައުމޫންގެ މައްޗައް ދައުލަަތުން އުފުލާފައިވާ އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާ އެމަނިކުފާނަށް ވަނީ 18 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.