ހަބަރު

ގާނޫނު އަސާސީއަށް ކުޑަ ބަދަލެއް ގެނެސް ރައީސް ޔާމީންގެ ވެރިކަން ދަންމާލެވިދާނެ: ނިހާން

ރައީސް އަބުދުﷲ ޔާމީންގެ ވެރިކަން އިތުރު ދައުރުތަކަަކަށް ދަންމާލުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި، ގާނޫނަށް ގެންނަ ކުޑަ ކުޑަ ބަދަލަކުން އެކަމަށް މަގުފަހި ކުރެވިދާނެ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު، ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރަނިންމޭޓް ޑރ. ޝަހީމް އަލީ ސައީދު ހުވަދު އަތޮޅު ރައްޔިތުންނާއި ބައްދަލުކުމަށް ބޭއްވި ޖަލްސާއެއްގައި ނިހާން ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ ދައުރަކީ 5 އަހަރުގެ ދެ ދައުރު ކަމަށް ގާނޫނު އަަަސާސީގައި ކަނޑައަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް، ބޮޑުވަޒީރުގެ ދައުރުގެ ވާހަކައެއް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ނުވާ ކަމަށާއި، ގަނޫނަށް ކުޑަ ކުޑަ ބަދަަލެއްް ގެނެސް ރައީސުލް ޖުމްހޫރިއްޔާ ކަމުގައި ނުވަަތަ ބޮޑުވަޒީރު ކަމުގައި ރައީސް ޔާމީން ބެހެއްޓި ދާނެ ކަމަށެވެ. އަދި އެކަމަށް މަގު ތަނަވަސްވާނެ ކަމަށްވެސް ނިހާން ވަނީ ވިދާޅުވެފައެވެ.

ނިހާން އިތުރަށް ވިދާޅުވީ، ރައީސް އަބުދުﷲ ޔާމީން ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ދީނަށް ނަސްރު ދެއްވާނެ ބޭފުޅެއް ކަމަށެވެ. އަދި އެއްވެސް ވެރިކަމެއްގައި ހުވަދު އަތޮޅު ތަރައްގީ ނުކުރާވަރަށް ރައީސް ޔަމީންގެ ވެރިކަމުގައި ތަރައްގީ ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ހުވަދު އަތޮޅަށް ޖުމްލަ 2.7 ބިލިއަން ރުފިޔާ ރައީސް ޔާމީން ހަރަދު ކުރައްވާފައިވާ ކަމަށާއި، އެއީ ބޮލަކަށް 65،000 ރުފިޔާ ކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީނަށް ވޯޓު ނުދޭންޖެހޭ އެއްވެސް ސަބަބެއް ހުވަދު އަތޮޅުގެ ރައްޔިތުންނަށް ނެތް ކަމަށާއި، ރައީސް ޔާމީނަށް ހުވަދު އަތޮޅުން ވޯޓު ނުދޭނީ "ރީނދޫ ހުން" ޖެހިފައި ތިބި ވަރަށް މަދު ބައެއް ކަމަށް ނިހާން ވަނީ ވިދާޅުވެފަ އެވެ.