ވިޔަފާރި

ކުންފުނިތަކުގެ އަހަރީ ހިސާބު ހަމައެކަނި މީރާއަށް ހުށަހަޅަން ޖެހޭ ގޮތަށް ހަދައިފި

ކުރިން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ، ކުންފުނިތަކުގެ އަހަރީ ހިސާބު، ހަމައެކަނި މީރާ އަށް ހުށަހަޅަން ޖެހޭގޮތަށް ހަމަޖައްސައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މީރާ އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދުވަނީ މި މަސައްކަތް ފެށުމުގެ ގޮތުން، މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފަ އެވެ.

މި އެމްއޯޔޫގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވީ މިނިސްޓަރު މުހައްމަދު ސައީދެ އެވެ. އަދި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދެވެ.

އިކޮނޮމިކް ސައީދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ރާއްޖެއަކީ ވިޔަފާރި ކުރުމަށް ފަސޭހަ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި އިތުރު އެހީއަކަށް ވެގެންދާނެ ކަމަށެވެ.

"ސަރުކާރަކީ އިގްތިސާދީ އެޖެންޑާއާއެކު އައިސްފައިވާ ސަރުކާރެއް. ސަރުކާރު ބައްޓަންވެފައިވަނީ ވިޔަފާރީގެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށް ކުރުމަށް،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެމްއޯޔޫގެ ދަށުން އަހަރީ ހިސާބުތައް މިނިސްޓްރީއަށް ހުށަހެޅުމުގެ ބަދަލުގަ މީރާއަށް ހުށަހެޅުމުން ފުދޭނެ ކަމަށެވެ.

"ހަމަ ގައިމުވެސް މިއީ ޓްރޭޑް ކޮމިއުނިޓީ ވަރަށް ބޮޑަށް ބަލައި ގަންނާނެ ކަމެއް. މިހާރު މި އެއް މަސައްކަތެއް ތަކުރާރުކޮށް ކުރަން ޖެހުން ނިމުމަކަށް އައީ،" ސައީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މި ނިންމުމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިތަކެއް ލިބިގެން ދާނެ ކަމަށެވެ.

"މިކަމުގެ ސަބަބުން ވޯލްޑް ބޭންކުގެ ޑުއިން ބިޒްނަސް އިންޑެކްސްގައި ރާއްޖޭގެ ރޭންކިން ދަށަށް ދާން ދިމާވެފައި ހުރި މައްސަލަ ހައްލު ވެގެން ދާނެ. އެހެންވެ ދެން ހައްދަވާ އޮޑިޓްތަކުގައި މީގެ ޕޮޒިޓިވް ފެނިގެން ދާނެ،" ސައީދު ވިދާޅުވި އެވެ.

މީރާގެ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު ވިދާޅުވީ މިއީޓެކްސް ދައްކާ ފަރާތްތަކަށް ލިބިގެންދާނެ ލުޔެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް އުނދަގޫ ކުރުމުގެ ބަދަލުގައި ލުއި ފަސޭހަ ގޮތް ތަކެއް ހޯދައި ދިނުން. މީރާއަކީ އެސްއެމްއީ ކައުންސިލް ވެސް ރެޕްރެޒެންޓް ކުރާ ބަޔަކަށް ވާތީ މިގޮތަށް އަންނަ ދަތިތައް އެނގޭ. އެކަންކަން މި ދަނީ ހައްލު ކުރަމުން،" ޔަޒީދު ވިދާޅުވި އެވެ.

ރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ކުންފުނިތަކުގެ އަހަރީ ހިސާބުތައް 31 އޮކްޓޫބަރުގެ ކުރިން ހުށަހަޅަން ޖެހެ އެވެ. ހުށަނާޅައިފިނަމަ، ކުންފުނީގެ އެމްޑީ ޖޫރިމަނާކޮށް ފިޔަވަޅު އެޅުމުގެ ބާރު ކޮމްޕެނީ ރަޖިސްޓްރާއަށް ލިބިގެންދެ އެވެ.