ހަބަރު

12 މެންބަރުންގެ ގޮނޑީގެ ހުކުމް އިއްވުން ފަސްކޮށްފި

ރައްޔިތުން މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑީގެ މައްސަލާގައި ހުކުމް އިއްވުމަށް މިއަދަށް ތާވަލުކުރި އަޑުއެހުން ސުޕްރީމް ކޯޓުން ކެންސަލްކޮށްފި އެވެ.

އަޑުއެހުން ކެންސަލްކުރިކަން ސުޕްރީމް ކޯޓުން ޔަގީންކޮށްދިން ނަމަވެސް ކެންސަލްކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.

މި މައްސަލާގައި އެންމެފަހުން އަޑުއެހުމެއް ބޭއްވީ މި މަހުގެ ފަސްވަނަ ދުވަހު އެވެ. އެ އަޑުއެހުމަކީ އެ މައްސަލާގެ ބެންޗަށް ބަދަލު ގެނައުމުން އިޖުރާއަތް ފުރިހަމަކުރުމަށް ބޭއްވި އަޑުއެހުމެކެވެ.

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަގުތީ ގޮތުން ސަސްޕެން ޑްކޮށްފައިވާ ބައި ބާތިލް ކުރަން ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން ދުސްތޫރީ މައްސަލަ ކޯޓަށް ހުށަހެޅިއިރު އެ ކޯޓުގައި ތިއްބެވީ ތިން ފަނޑިޔާރުންނެވެ. އެއީ މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ. ކުރިން އެ މައްސަލަ ބެއްލެވީ އެ ތިން ފަނޑިޔާރުންނެވެ.

ބެންޗަށް ގެނައި ބަދަލަކީ އަލަށް ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ދެ ފަނޑިޔާރުން ބެންޗުގައި ހިމެނުނެވެ. އަލަށް ބެންޗަށް ގުޅިވަޑައިގަތީ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

އެކެއް ފެބުރުއަރީ އަމުރުގައި މިހާރު ބާތިލްނުކޮށް ވަނީ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެފައިވާ ބަޔާއި އެއްވެސް ކޯޓެއްގެ ފަނޑިޔާރުކަން ސުޕްރީމް ކޯޓުން ހުއްދަ ހޯދުމަށްފަހު ނޫނީ ބަދަލު ނުކުރުމަށް އަންގާފައިވާ ބަޔެވެ.