ރައްޔިތުންގެ ވޯޓު ހޯދުމަށް ރައީސްގެ "މިނިމަސް ކާން" ނުޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވުމުގެ ގޮތުންނެވެ.
ހދ. ހަނިމާދޫގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މީހުން ހިޔާލު ފާޅުކުރުން ރާއްޖޭގައި ހުއްޓުވައި ހަނިކޮށްފައިނުވާނެ ކަމަށެވެ. ހިޔާލު ފާޅުކުރުމަށް ހުއްޓުމެއް ގެނައީ އިސްލާމީ ޝަރީއަތާ ހިލާފު ކަންކަމުގަ ކަމަށެވެ. ރައްޔިތުންގެ ތާއިދު ހޯދާނީ ވާދަވެރިޔާގެ އަބުރު ކަތިލައިގެން ނޫން ކަމަށެވެ.
"އެއްވެސް އަސާސެއް ނެތި މީހުންގެ އަބުރަށް އަރައިގަތުން ހުއްޓުވާފަ އޮންނާނީ، ވޯޓު ހޯދާނީ އެހެން މީހުންގެ މިނިމަސް ކައިގެނެއް ނޫން، އެމީހަކު ކުރަންޖެހޭ ކަމަކީ އޭނާ މީހުންނާ ގުޅޭ މިންވަރާއި ރައްޔިތުންގެ އުއްމީދުތައް ފައްދައިދޭނެ މިންވަރާއި ރާއްޖެ ކުރިއަށް ގެންދާނެ ގޮތް ކަށަވަރުކޮށްދިނުން، އެކަން ކުރާކަށް ނުޖެހޭ ރައީސް ޔާމީންގެ މިނިމަސް ކާކަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، އަބުރާ ބެހުމަކީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއް ނޫން ކަމަށާއި އަބުރާ ބެހުމަކީ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި ވެސް ކުށެއް ކަމަށެވެ. އެގޮތުން އޮސްޓްރޭލިއާގެ މިސާލު ރައީސް ޔާމީން ދެއްކެވި އެވެ. ރައީސް ޔާމީން އެ ގައުމުގައި ހިނގާފައި ދަމުން މީހަކާ ފޮށިއްޖެނަމަ އޭނާ ހިފާ ހައްޔަރުކުރާނެ ކަމަށާއި އަބުރުގެ ދައުވާ ކުރަނީ ވެސް ބެއިލްގެ ފައިސާ ދެއްކުމުން ކަމަށެވެ.
"އެހެންވީމަ ރާއްޖޭގަ ނެތިގެން މި އުޅެނީ ޑިމޮކްރަސީއެއް ނޫން، ސިކުނޑި ހުރި ވެރިން ނެތިގެން މި އުޅެނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ގައުމު ހަލަބޮލިކޮށް ލޭ އޮހޮރުވުންތަކާ ހަމައަށް ދިޔުމަކީ އެންމެ ބޮޑު ނުރައްކާ ކަމަށާއި އެއީ ރާއްޖޭގެ ތަރައްގީއަށް އެޅޭނެ ހުރަހެއް ކަމަށެވެ. އަމިއްލައަށް ގައުމަށް މުސީބާތްތައް ގެންނަން ނުވާނެ ކަމަށާއި އޭގެ ހިތި ނަތީޖާ ގިނަ ދުވަސްތަކަކަށް ދެމިގެންދާނެ ކަމަށެވެ.