ހއ. އާއި ހދ.ގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އަބްދުﷲ ޔާމީން މިއަދު މާލެ ވަޑައިގެންފި އެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގައި ރައީސް ޔާމީން ވަނީ ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފައިވެއެވެ. އަދި، ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން، ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ވަނީ ފައްޓަވައިދެއްވައިފައެވެ.
މީގެއިތުރުން މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހއ. ދިއްދޫއަށް ވަޑައިގެން އެރަށުގައި ގާއިމުކޮށްފައިވާ ރައްކާތެރި ބޯފެނުގެ ހިދުމަތް އިފްތިތާހުކޮށްދެއްވައި، ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައި، ދިއްދޫ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވައި، ދިއްދޫގައި ހަދާފައިވާ ހައުސިން ޔުނިޓްތައް ހުޅުއްވައިދެއްވައިފައެވެ.
އެމަނިކުފާނުގެ މިދަތުރުފުޅުގައި ހއ. ކެލައަށް ވަޑައިގެން އެރަށުގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައި، ހއ. ބާރަށަށް ވަޑައިގެން އެރަށުގައި މެރީނާ ގޮތަށް ހަދާފައިވާ ޖެޓީ ވެސް ރަސްމީކޮށް ހުޅުއްވައި ދެއްވާފައިވެއެވެ. އަދި މިއަދު ހދ. ހަނިމާދޫއަށް ވަޑައިގެން އެ ރަށުގެ ނަރުދަމާގެ ނިޒާމު ވެސް ވަނީ ހުޅުވައިދެއްވާފަ އެވެ.