ރައްޔިތުންނަށް ގެއްލުންވާ އިރު ވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޮތް ދޫނުކުރައްވާތީ ހިތާމަ ކުރާ ކަމަށް އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
އިބޫ މިހެން ވިދާޅުވީ ރައީސް ޔާމީން ހއ. ކެލާއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އީޔޫ އިން އެމަނިކުފާނު ހައްޔަރެއް ނުކުރައްވާނެ ކަމަށާއި އެހެންވެ ޝަހުސީ ގޮތުން ޒާތީ ގޮތުން އެމަނިކުފާނަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ވިދާޅުވެފައިވަނިކޮށެވެ. އެކަމާ ގުޅިގެން އިބޫ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީޔޫ އިން ރައީސް ޔާމީންއަށް ފިޔަވަޅު އަޅާނެ ކަމާއި އެކަމުން އެމަނިކުފާނަށް ދައްޗެއް ނެތް ކަމަށާއި ފިޔަވަޅު އެޅީމަ ދަތިވާނީ ރައްޔިތުންނަށް ކަމަށް ވިދާޅުވެ ރައީސް ޔާމީން ގޮތް ދޫނުކުރައްވާތީ ހިތާމަ ކުރާ ކަމަށެވެ. އަދި އިރާދަކުރެއްވީއާ އިދިކޮޅު ފަރާތްތަކުން ކޮށްދެއްވާނީ އޯގާތެރިވެރިކަމެއް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
އީޔޫ އިން މިހާރު ވަނީ ރައީސް ޔާމީންއަށް ފިޔަވަޅު އެޅޭނެ ގޮތުގެ އުސޫލެއް ފާސްކޮށްފަ އެވެ. އަދި ރާއްޖެއިން ކަންކަން އިސްލާހުނުކޮށްފި ނަމަ ރާއްޖޭގެ ސިޔާސީ އިސް ވެރިންނަށާއި ވިޔަފާރިވެރިންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.