ހަބަރު

ސިޔާދު ގާސިމް މިނިވަން ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި

ފެބުރުއަރީ އެކެއްގެ އަމުރަށް ފަހު، ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އަދި ވިލާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ގާސިމް ޝަރުތުތަކާ އެކު މިނިވަން ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. އޭނާ ހައްޔަރުކޮށްފައި ހުރީ ޝަރީއަތް ނިމެންދެން އެވެ.

ސިޔާދު ދޫކޮށްލަން މިއަދު ކްރިމިނަލް ކޯޓުން އަމުރުކުރީ، ސިޔާދުގެ މައްޗަށް ދައުލަތުން އުުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމުގަ އެވެ. މިއަދުގެ އަޑުއެހުން ބާއްވާފައި ވަނީ ސިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ މަދަނީ މިންގަނޑުން ކުރިޔަށް ގެންދެވޭނެ ދައުވާއެއްތޯ ކަނޑައެޅުމަށެވެ. އެހެން ނަމަވެސް ދައުލަތުގެ ފަރާތުން ދައުވާ ބިނާކޮށްފައިވާ މައިގަނޑު ހެކި ކަމަށްވާ، ފަނޑިޔާރުންނަށް ފައިސާ ހަމަޖައްސަން ސިޔާދު ސޮއި ކުރި ކަމަށް ބުނާ ސިޓީ އަދިވެސް ދައުލަތުން ކޯޓަށް ހުށަހަޅާފައިނުވާތީ މައްސަލަ ބައްލަވާ ކުރިމިނަލްކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ވަނީ ދައުލަތަށް އިތުރު ފުރުސަތެއް ދީފައެވެ.

މިއަދުގެ އަޑުއެހުން ފެށުމާއެކު ސިޔާދުގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވަނީ ދައުލަތާއި ސުވާލުތަކެއް ކުރިމަތި ކުރުވާފަ އެވެ. އެގޮތުން ދައުލަތުން އެބުނާ ލިއުންތައް ހޯދުމުގެ މަސައްކަތް ފެށި ތާރީހާއި، ކުރާ މަސައްކަތަކާއި، އެ މަސައްކަތް ގޮސްފައިވާހިސާބު އޮޅުން ފިލުވާދިނުމަށް އޭނާވަނީ އެދިވަޑައިގެންފަ އެވެ.

ނޫރުއްސަލާމްގެ ސުވާލުތަަކަށް ޖަވާބުދެއްވަމުން ދައުލަތުގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ، އެ ލިއުންތަށް ހޯދުމުގެ މަސައްކަތް ފެށީ މާރޗް 1ގައި ކަމަށާއި، އެ ލިއުންތަށް ހޯދަން ދައުލަތުގެ އިދާރާތަކުގައި ދަންނަވާފައިވާނެ ކަމަށެވެ. އަދި އެމްއެމްއޭ މެދުވެރިކޮށް، މެލޭޝިޔާގެ އިދާރާތަކުން ލިބެންޖެހޭ ބައެއް ލިޔެކިއުންތަށް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، މިހާރު އެ ލިއުންތަށް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ދައުލަތުގެ ވާހަކަތަކާއި ގުޅިގެން، ސިޔާދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލާ ހިސާން ހުސައިން ވިދާޅުވީ، ޖިނާއީ އިޖުރާތުގެ ގާނޫނުގެ 83 ވަނަ މާއްދާގައި މީހެއްގެ މައްޗަށް ދައުވާ ކުރަން ހުށަހަޅާއިރު، ދައުވާ ސާބިތު ކުރުމަށް ބޭނުންވާ ހުރިހާ ލިޔެކިއުމެއް ހުށަހަޅަންޖެހޭނެ ކަމަށް ބަޔަންކޮށްފައިވަ ކަމަށާއި، އެގޮތަށް ބަޔާން ކޮށްފައިވާ އިރު، ދައުލަތުން އެ ލިޔެކިއުންތައް ހުށަހެޅޭނެ ކަމަށް ގަބޫލު ކުރަނީ ކޮން ގާނޫނީ އުސޫލަކުންތޯ ވިދާޅުވެ ވަނީ ސުވާލު ކުރައްވާފައެވެ.

ހިސާންގެ ސުވާލުގެ ޖަވާބުގައި ޑީޕީޖީ ނިހާޔަތު ވިދާޅުވީ، ދައުވާ ކުރަން ހުށަހެޅި އިރު، އެ ލިއުންތަކާއި ބެހޭގޮތުން ސިޓީއެއް ހުށަހަޅާފައިވާ ކަމަށާއި، އެ ސިޓީގައި އެ ލިއުންތަށް ހުށަހަޅަނީ ކޮންކަމެއް ސާބިތުކުރަން ކަން ބަޔާންކޮށްފައިވާނެ ކަމަށެވެ.

ދައުލަތުގެ އެ ވާހަކަތަކާއި ގުޅިގެން ނެތް ހެއްކެއްގެ މައްޗަށް ދައުވާ ކުރަނީ ކޮން އުސޫލަކުންތޯއާއި އެހެކި ނެތް ކަމުގެ އެންމެ ބޮޑު ހެއްކަކީ ސިޔާދު ގާސިމް 5 މަހާއި 13 ދުވަސްވަންދެން ބަންދުގައި ހުރިއިރުވެސް އެ ހެކި ދައުލަތުން ކޯޓަށް ހުށަހެޅިފައި ނުވުން ކަމަށް ނޫރުއްސަލާމް ވަނީ ވިދާޅުވެފަ އެވެ. އަދި ދުނިޔޭގެ އެއްވެސް ތަނެއްގައި، އެއްވެސް ނިޒާމެއްގައިވެސް ދައުވާ ކުރުމަށްފަހު ހެކި ހޯދުމަކީ އެއީ އޮންނަ ކަމެއް ނޫން ކަމަށް ނޫރުއްސަލާމް ވަނީ ވިދާޅުވެފަ އެވެ. ދައުވާ ކުރަން ޖެހޭނީ ހެކި ލިބިގެން އެއަށް ބިނާކޮށްގެން ކަމަށް ވެސް ނޫރުއްސަލާމް ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތާއި، ސިޔާދުގެ ވަކީލުންގެ ވާހަކަތައް އަޑުއެހުމަށްފަހު އިސްގާޒި ހައިލަމް ނިންމެވީ ހެކި ހުށަހަޅަން ދައުލަތަށް އިތުރު ފުރުސަތެއް ދިނުމަށެވެ. އެއާއެކު ސިޔާދުގެ ވަކީލުން ވަނީ ސިޔާދުން ބަންދުން މިނިވަންކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އެހެން ނަމަވެސް ދައުލަތުން ވަނީ ސިޔާދު ގޭބަންދަށް ބަދަލު ކުރުމާއި މެދު ދައުލަތުގެ އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. ދައުލަތުން އެގޮތަށް ވިދާޅުވުމުން، ސިޔާދުގެ ވަކީލުން ވަނީ ގޭބަންދަކީވެސް ބަންދެއް ކަމަށާއި، ސިޔާދުއަށް ވިޔަފާރީގައި ޝާމިލްވެ އުޅެވޭގޮތަށް އެއްކޮށް މިިނިވަން ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު، އަދި ދައުލަތަށް ކަނޑައެޅިގެން އެ ލިއުންތަށް ލިބޭނެ ދުވަހެއް ބުނަން ނޭގުމާއެކު، އިސްގާޒީ ހައިލަމް ނިންމެވީ ސިޔާދު ބަންދުން ދޫކޮށްލުމަށެވެ. އަދި ޝަރުތުތަކުގެ ގޮތުގައި ކަނޑައެޅީ، މާލެއިން ބޭރަށް ނުދިޔުމާއި ނަމްބަރާއި އެޑްރެސް ބަދަލުވާ ނަމަ އެކަން އެންގުން އަދި ކޯޓުން ފޮނުވާ ޗިޓްތަކާ ހަވާލުވުމެވެ. ސިޔާދު ބަންދުން މި ދޫކޮށްލީ، ފަސް މަހާއި 13 ދުވަސް ފަހުން އެވެ.