އާންމު ގައިދީންނަށް ޖަލުގައި ލިބޭ އިނާޔަތްތައް ވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރަށް ނުލިބޭ ކަމަށް އޭނާގެ ވަކީލުން މިރޭ ވިދާޅުވެއްޖެ އެވެ.
ވަކީލުން މިހެން ވިދާޅުވީ އަދީބު ޖަލުގައި ހުންނަވާތާ 1000 ދުވަސްވުމުން ނެރުނު ބަޔާނެއްގަ އެވެ. ބަޔާނުގައި ބުނެފައިވަނީ ފަހުގެ ތާރީހެއްގައި 1000 ދުވަހު އެކަހެރިކޮށް ބަންދުކުރެވިފައިވާ ސިޔާސީ ފަރާތަކީ ހަމައެކަނި އަދީބު ކަމަށާއި މި މުއްދަތުގައި އަދީބަށް އާންމު ގައިދީއަކަށް ލިބޭ މިންވަރަށްވެސް އެއްވެސް އިނާޔަތެއް ސަރުކާރުން ފޯރުކޮށްދީފައެއް ނުވާ ކަމަށެވެ.
އަދީބަކީ ސްޕެޝިއަލް ޕްރޮޓެކްޝަން ލިބިދޭންޖެހޭ ބޭފުޅެއް ކަމަށާއި ނަމަވެސް އެކަން ވެސް ކޮށް ނުދޭކަން ވަކީލުން ފާހަގަކުރެއްވި އެވެ. އަދި އާއިލީ ބައްދަލުވުން އަދި ވަކީލު ބައްދަލުވުން ގާނޫނާ ގަވައިދާ އެއްގޮތަށް ދެމުން ގެންދިއުމަށް މުއައްސަސާތަކަށް
ވަނީ ގޮވާލާފަ އެވެ.
އެއްހާސް ދުވަސްވެފައިވާތީ އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ، މިއަދާ ހަމައަށް ވެސް އަދީބު ބަންދުކޮށްގެން ގެންގުޅެނީ އެކަހެރިކޮށްގެން އެހެން މީހުންނާ ބައްދަލުނުވާ ގޮތަށް ކަމަށެވެ. އެއީ ޓޯޗާގެ އަމަލެއް ކަމަށްވީ ނަމަވެސް އެކަމުގައި ފިޔަވަޅެއް އަޅާނެ މުއައްސަސާއެއް ނުވި ކަމަށެވެ.
އަދީބަކީ ނައިބު ރައީސްކަން ކުރައްވައި ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެއް ނަމަވެސް އޭނާއަށް ސްޕެޝަލް ޕްރޮޓެކްޝަން ނުދެ އެވެ. އަދީބު ވެސް ޖަލުގައި ހުންނެވި އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި ހައްޔަރުކޮށް ހުކުމް އިއްވާފައިވާއިރު އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތަށް މިހާރު ވެސް ސްޕެޝަލް ޕްރޮޓެކްޝަން ދަނީ ދެމުންނެވެ.