ހަބަރު

ދައުލަތުގެ އިސް ބޭފުޅުން ޔާމީންގެ އިންޒާރުތަކަށް ބިރުގަންނަން ނުޖެހޭ: ޖަމީލް

ދައުލަތުގެ ނުފޫޒުގަދަ މަގާމްގައި ތިއްބެވި ބޭފުޅުން ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ދެއްވާ އިންޒާރުތަކަށް ބިރުގަންނަން ނުޖެހޭނެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގެ ވަގުތު ހަމަވަނީ ކަމަށާއި ބާރުވެރި މަގާމްތަކުގައި ތިއްބެވި ބޭފުޅުން ރައީސް ޔާމީން ދެއްވާ އިންޒާރުތަކަށް ބިރުގަންނަން ނެޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދު ހަލާކު ކޮށްލަން ރައީސް ޔާމީނަށް ފުރުސަތު ނުދިނުމަށްވެސް ޖަމީލް ގޮވާލާފައި ވެއެވެ.

ޖަމީލް ވިދާޅުވީ، ރައީސް ޔާމީނަށް ޖުޑީޝަރީއާ ޕާލިއަމަންޓާއި ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ބާރު ދެއްވައިފިނަމަ، އީޔޫ އަދި އެހެނިހެން ގައުމުތަކުން ރާއްޖެއަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ބޮޑު ކަމަށެވެ. މިއީ ހޭލަންވީ ވަގުތު ކަމަވެސް ޖަމީލް ވިދާޅުވި އެވެ.

އީޔޫގެ ޕޮލިސީ ލެވަލްގެ ކަންކަން ނިންމާ އީޔޫގެ ފޮރިން މިނިސްޓަރުން ހިމެނޭ ކައުންސިލް ބައްދަލުވުމުގައި ރާއްޖޭގެ އިންސާނީ ހައްގުތަކާއި، ގާނޫނުތައް ނެގެހެއްޓުމަށް އަދި ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ އެންމެހާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅޭ ގޮތަށް ނިންމައި، ފިޔަވަޅު އެޅޭނެ އުސޫލެއް ވަނީ ކަނޑައަޅައިފަ އެވެ.

އެ ނިންމުމާއެކު، ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ވަކި ވަކި ފަރުދުންނާއި ކުންފުނިތަކުން އީޔޫގެ ގައުމުތަކުގައި ހުރި މުދަލާއި އެކައުންޓުތައް ހިފެހެއްޓުމާއި، އެމީހުންނަށް އީޔޫ ގައުމުތަކަށް އެތެރެ ނުވެވޭ ގޮތަށް ފިޔަވަޅު އެޅުމަށް މިހާރު އީޔޫއަށް ހުރަހެއް ނޯންނާނެ އެވެ. އަދި އީޔޫ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ރާއްޖޭގައި މިހާރު އޮތީ ޑިމޮކްރަޓިކް އުސޫލުތަކެއް ނޫން ކަމަށާއި ބާރުތައް ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ނެތް ކަމަށެވެ.

ހަތް ނުކުތާއެއްގެ މައްޗަށް ބިނާކޮށް ފާސްކޮށްފައިވާ ގަރާރުގައިވާ ގޮތުގެ މަތިން، އަޅަން ހުށަހަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އީޔޫ އިން ރާއްޖެއަށް ދޭ އެހީތައް ކަނޑާލުމާއި، ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ވަކި ވަކި ފަރުދުންނާއި ކުންފުނިތަކުގެ އީޔޫ ގައުމުތަކުގައި ހުރި މުދަލާއި އެކައުންޓުތައް ހިފެހެއްޓުމާއި، އެމީހުންނަށް އީޔޫ ގައުމުތަކަށް އެތެރެ ނުވެވޭ ގޮތް ހެދުން ހިމެނެ އެވެ.