ހަބަރު

މަގު ހަދާ ސަރަހައްދުގައި ދުއްވުން މަނާކޮށްފި

މާލެ-ހުޅުލެ ބްރިޖާ ގުޅޭ މަގުތަށް ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހައުސިން މިނިސްޓްރީން ފަށާފައިވާ މަޝްރޫއުގެ ދަށުން ބޭރުގެ މަގު ހެދުމަށް ބަންދުކޮށްފައިވާ ސަރަހައްދުގައި މާދަމާއިން ފެށިގެން ވެހިކަލްތައް ޕާކް ނުކުރުމަށް ހައުސިން މިނިސްޓްރީން އަންގައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ، ރިންގް ރޯޑް މަސައްކަތަކީ މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާއި އެ މަސަައްކަތަށް ހުޅުމާލެ ޓާމިނަލް އިން ފެށިގެން މެރީބްރައުންއާ ހަމައަށް ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެސަރަހައްދުގެ ޓްރެފިކަށް ބަދަލު ގެނެސް އެސަރަހައްދުގައި ވެހިކަލްތައް ޕާކް ނުކުރުމަށް ކުރިންވެސް ޓްރާންސްޕޯޓް އޮތޯރިޓީން އަންގާފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، މިދުވަސް ވަރަކީ ރިންގްރޯޑްގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ދުވަސްވަރެއް ކަމަށާއި މާދަމާއިން ފެށިގެން ބަންދުކޮށްފައިވާ ސަރަހައްދުގައި ވެހިކަލް ނުދުއްވުމަށާއި ޕާކް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އެސަރަހައްދުގައި އެއްވެސް ވެހިކަލެއް ޕާކް ކުރާނަމަ، އެވެހިކަލް އެތަނުން ނެގޭނެ ކަމަށާއި، ނެގުމުގެ ތެރޭގައި ވެހިކަލަށް ލިބޭ ގެއްލުމަށް ޒިންމާ ނުނަގާނެ ކަމަށްވެސް މިނިސްޓްރީގެ އިއުލާންގައި ވެއެވެ.

މިނިސްޓްރީން ވަނީ، ޓްރާންސްޕޯޓް އޮތޯރިޓީން ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލާއި އެއްގޮތަށް އަމަލު ކުރުމަށާއި ފުލުހުންގެ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށްވެސް އިލްތިމާސް ކޮށްފަ އެވެ.

ބްރިޖާ ގުޅިގެން ހަދަން ނިންމާފައިވަނީ ބޮޑު ތަކުރުފާނު މަގުން ސަލްމާން ރަސްގެފާނު މިސްކިތާ ހިސާބުން ފެށިގެން ދެކުނު ފަރާތުން މާލޭގެ އިންޑަސްޓްރިއަލް ވިލެޖާ ހަމައަށެވެ. އަދި ބުރިޖާ ގުޅިގެންދާ އެ މަގުތަކުގައި ތާރު އަޅަން ވެސް ވަނީ ނިންމާފަ އެވެ. އެގޮތުން މިހާރު ވަނީ މަގުތައް ކޮނެ ނަރުދަމާގެ މަސައްކަތްތައް ވެސް ކޮށްފަ އެވެ. އަދި މިހާރު ދަނީ މަގުތަކަށް ވެލިއަޅައި އެއް އެއްވަރު ކުރުމުގެ މަސައްކަތް ކުރަމުން ނެވެ. އަދި އިރުމަތީ ފަރާތުން އާޓިފިޝަލް ބީޗުގެ ބޮޑު ބައެއް ތަޅާލައި ޕޭމަންޓު ވެސް ވަނީ ބަދަލުކޮށްފަ އެވެ.

ހައުސިން މިނިސްޓްރީ އިން ބުނެފައި ވަނީ އަންނަ އޮގަސްޓު މަހު ބްރިޖު އަޅައި ނިމުމުގެ ކުރިން ރިން ރޯޑުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.