ތާރު އަޅައިގެން ތަރައްގީކޮށްފައިވާ ބޮޑުތަކުރުފާނު މަގު މިރޭ 8:00 ގައި އާންމުން ނަށް ހުޅުވައިލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ. މަގު ހުޅުވާލާއިރު އެ މަގުގެ އެއްވެސް ހިސާބެއްގައި ޕާކް ނުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބޮޑު ތަކުރުފާނު މަގު ރަނގަޅު ފެންވަރަކަށް ތަރައްގީކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއް ބަންދުކޮށް، އެ މަގާއި ގުޅިފައިވާ ބައެއް މަގުތަކާއި ގޯޅިތަކުގެ ޓްރެފިކް ފްލޯއަށް މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު ގެނައި ބަދަލު އުވާލައި މިރޭ 8:00 ގައި މަގުތަށް އާންމުންނަށް ހުޅުވާލާނެ ކަމަށެވެ. އެހެންކަމުން ކުރިއެކޭ އެއްގޮތަށް ބޮޑުތަކުރުފާނު މަގާއި އެމަގާއި ގުޅިފައިވާ އެހެން މަގުތަކާއި ގޯޅިތަކުގެ ޓްރެފިކް ބަދަލުވެގެންދާނެ ކަމަށެވެ.
ސިނަމާލެ ބްރިޖާއި އިންޑަސްޓްރިއަލް ވިލެޖާ ގުޅިފައިވާ ތާރުއެޅި މަގުތައް މިރޭ ހުޅުވާލުމުން، ފިލިގަސް މަގު މިހާރެކޭ އެއްގޮތަށް އެއްކޮޅަށް އުތުރުން ދެކުނަށް ދުއްވާގޮތަށް ހަމަޖެހިގެންދާނެ އެވެ. އަދި މެހެލި ގޯޅި ފިލިގަސްމަގުން ފެށިގެން ބޮޑުތަކުރުފާނުމަގާ ހަމައަށް އެއްކޮޅަށް، އަދި ފިލިގަސް މަގުން ވަދެވޭގޮތަށް ނަސަންދުރާ އިރުން ބޮޑުތަކުރުފާނުމަގަށް ވަދެވޭގޮތަށް ހަމަޖެހިގެންދާނެ އެވެ.
ތާރު އަޅައިގެން ތަރައްގީކޮށްފައިވާ ބޮޑުތަކުރުފާނުމަގު ހުޅުވައިލާނެ ކަމަށް ހައުސިންއިން އެންމެ ފުރަތަމަ އިއުލާންކުރި ސުންގަޑި ހަމަވީ ހޯމަދުވަހަށެވެ. ނަމަވެސް ބުރާސްފަތި ދުވަހަށް ހުޅުވުން ލަސްކުރީ ބައެއް މަގުތަކުގެ ފިނިޝިން މަސައްކަތް އިއްޔެއަށް ނުނިމޭތީއެވެ.
ހުޅުމާލެ ފެރީ ޓާމިނަލުން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ބޮޑުތަކުރުފާނު މަގު ތަރައްގީކޮށްފައިވާއިރު މަގުގައި ހަތަރު ލޭން ހަދަން ނިންމައި މަގު ވަނީ 12 މީޓަރަށް ފުޅާކޮށްފަ އެވެ. މަގުގައި ގަސް ޖަހައި ޒީނަތްތެރިކުރަން ވެސް ނިންމާފައިވެ އެވެ.
މަގުތަށް މިރޭ ހުޅުވާއިރު، ހުޅުލެއާއި މާލެއާ ދެމެދު އަޅާފައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މާދަމާ ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.