ހަބަރު

ރިންގު ރޯޑްގައި މިރޭ ތާރު އަޅަން ފަށަނީ

ބްރިޖާ ގުޅިފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިރޭ ފަށާނެ އެވެ. މިރޭ ތާރު އަޅަން ފަށާނީ ބޮޑުތަކުރުފާނު މަގުގަ އެވެ.

މިރޭ ތާރު އަޅަން ފަށާނީ ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދު ކައިރިންނެވެ. އެ މަގު މިހާރު ވަނީ ތާރު އެޅުމަށް ތައްޔާރުކޮށްފަ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ، ތާރު އަޅަން ފަށާ ޓާމިނަލް ސަރަހައްދަކީ ކާބޯތަކެތި ވިއްކާ ތަންތަނާއި ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަން ހުރި، މީހުން ގިނައިން އެއްވާ ސަރަހައްދަކަށް ވާތީ މަސައްކަތުގެ ވަގުތުގައި ދިމާވެދާނެ ދަތިތަކަށް ސަމާލުވާން އެދޭ ކަމަށެވެ.

"މަސައްކަތް ކުރިމަތިވާއިރު ދިމާވެދާނެ ދަތިތަކަށް މައާފަށް އެދެން. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުން އަބަދުވެސް ފާހަގަކުރަން،" މިނިސްޓްރީން ބުންޏެވެ.

މާލެ ބޭރު މަގު ތާރު އަޅައިގެން ތަރައްގީކުރުމަށް ހައުސިން މިނިސްޓްރީން ފަށާފައިވާ މަސައްކަތުގެ ދަށުން ހުޅުމާލެ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ބޭރު މަގުގައި ތާރު އަޅާނެ އެވެ. އަދި މަގުތައް ފުޅާކޮށް އެ މަގުތަކުގައި ޕާކު ނުކުރެވޭ ގޮތް ވެސް ހަދާނެ އެވެ. މަގުތައް ހުންނާނީ ދެކޮޅަށް ދުއްވޭ ގޮތަށް ލޭން ވަކިކޮށްފަ އެވެ.