ކުޅިވަރު

ޓެނިސް ޗެމްޕިއަންޝިޕް ފާއީ ކާމިޔާބުކޮށްފި

އައިލެންޑް އޭވިއޭޝަން ސާވިސް މޯލްޑިވްސް ޓެނިސް ޗެމްޕިއަންޝިޕް، ރާއްޖޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ އަބްދުﷲ ފާއިހް ފަޒީލް (ފާއީ) ކާމިޔާބު ކޮށްފި އެވެ.

އެ މުބާރާތުގެ އޯޕަން ސިންގަލްސްގެ ޗެމްޕިއަންކަން އޭނާ ހޯދީ، ފައިނަލުގައި އިގްނާޒް މަންސޫރާ ވާދަކޮށެވެ. އެ ކެޓަގަރީގެ އިތުރުން ފާއީ ވަނީ އޯޕަންސް ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

ޑަބަލްސްގައި އޭނާގެ ޕެއާއަކީ، ހުސައިން ނާފިޒެވެ. އެ ދެކުޅުންތެރިންނާ ދެކޮޅަށް ފައިނަލުގައި ކުޅުނީ އަހްމަދު އަކުރަމާއި އަހްމަދު މުސްތޮފާ އެވެ.

ފާއީ ވަނީ، މިކްސް ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަންވެސް ހޯދާފަ އެވެ. މިކްސް ޑަބަލްސްގައި ޕެއާ އަކީ، ކުރީގެ ކްރިކެޓް ގައުމީ ޓީމުގެ ކެޕްޓަން މުސާ ކަލީމްގެ ދަރިފުޅު އަޔާނީ މޫސާ ކަލީމް އެވެ. ފައިނަލުގައި އެ ދެ ކުޅުންތެރިންނާ ވާދަ ކުރީ، އިގްނާޒް އާއި މަރްޔަމް ހަޝްމާ ހާނިމެވެ.

އަންހެން ޑިވިޝަންގެ އޯޕަން ކެޓަގަރީގެ ފައިނަލު މެޗު ރޭ ކުޅެން ހަމަޖެއްސި ނަމަވެސް، އަންހެން ސިންގަލްސް ނުކުލެވުނެވެ. އޯޕަން ކެޓަގަރީގެ އަންހެން ސިންގަލްސްގައި ފައިނަލުގައި ވާދަ ކުރަން ހަމަޖެހިފައި އޮތީ އަޔާނީ މޫސާ ކަލީމް އާއި ޒޭނާ އަބްދު ރަޝީދެވެ.

އަންހެން ޑަބްލްސް ޗެމްޕިއަންކަން ހޯދީ، އާމިނަތު އިރުފާ މާހިރު އާއި ޒޭނާގެ ޕެއާ އެވެ. އެ ދެކުޅުންތެރިން ކާމިޔާބު ހޯދީ، ފައިނަލުގައި އަޔާނީ އާއި ރީމް ޝަމްގެ ޕެއާގެ ބަލި ކުރުމަށްފަހު އެވެ.