ބޮލީވުޑް

ބަޑިއެއް ގެންގުޅުމުން ވަރަށް ހިތި ލިބިއްޖެ: ސަންޖޭ ދަތު

މަޝްހޫރު އެކްޓަރު ސަންޖޭ ދަތު ބުނާގޮތުން އޭނާގެ ދިރިއުޅުމުގައި ހިތްދަތި އެތައް ކަމަކާއި ކުރިމަތިލާންޖެހުނެވެ. އަދި އެއިން އެއްވެސް ކަމަކީ ދިރިއުޅުމުގައި ކުރިމަތިލާން ބޭނުންވި ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ. އޭނާގެ ހަޔާތައް ތައްޔާރުކުރި ފިލްމު "ސަންޖޫ" އާއެކު މި ދުވަސްކޮޅު ހަބަރުތަކުގައި ފަލަސުރުހީގައި އޮންނަ ސަންޖޭ މިހެން ބުނީ އިންޑިއާގެ ވިއޯންއަށް ދިން ހާއްސަ އިންޓަވިއުއެއްގަ އެވެ.

މި ފިލްމު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ނަމަވެސް ބައެއް ކްރިޓިކުން ވަނީ ފިލްމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެންމެ ބޮޑު ފާޑުކިޔުމަކަށްވީ ފިލްމު އުފެއްދި ފަރާތުން ސަންޖޭ އޭނާގެ ހަޔާތުގައި އޭނާ ކޮށްފައިވާ ނުބައި ކަންކަން ރަނގަޅު ކަމެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތްކޮށްފައިވުން ކަމަށް ބުނެ އެވެ. މިއީ ސަންޖޭ ފައިސާދީގެން އެނާގެ ޝަހުސިއްޔަތު މަތި އޮމާންކޮށްލުމަށް ކުރި ކަމެއް ކަމަށްވެސް ބުނަމުންދެ އެވެ. ސަންޖޭގެ ހަޔާތުގައި ހިނގާފައިވާ ހުރިހާ ކަމެއް ނުގެނެސްދީގެންވެސް ކްރިޓިކުން ވަނީ ފާޑުކިޔާފަ އެވެ.

އިންޑިއާގެ މުމްބާއީގައި 1993 ވަނަ އަހަރު ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ސަންޖޭ ހައްޔަރުކުރި އެވެ. އޭނާ ހައްޔަރުކުރީ އެހަމަލާއި އާއި ގުޅުންހުރި ބަޑިއެއް ގޭގައި ބާއްވައިގެން އުޅުނުކަމަށް ތުހުމަތުކުރެވިގެންނެވެ. އޭނާގެ މައްޗަށް ފުރަތަމަ ކުރީވެސް ޓެރަރިޒަމްގެ ދައުވާ އެވެ. ނަމަވެސް ތަހުގީގަށް ސަންޖޭ ބުނީ އެ ބަޑިއާއި މުމްބާއީގައި ދިން ހަމަލާއާއި އެއްވެސް ގުޅުމެއް ނުވާކަމަށެވެ. ނަމަވެސް އެ ބަޑިއަކީ އެ ދުވަސްވަރު މުމްބާއިގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކާއެކު އޭނާގެ އާއިލާގެ ހަށި ރައްކަލަކަށް ގެންގުޅުނު އެއްޗެއް ކަމަށް ބުންޏެވެ. މި ހާދިސާ ފިލްމުގައި ތަފްސީލުކޮށް ގެނެސްދީފައިވެ އެވެ.

"ސަންޖޫ" ޓްރެއިލާ.

"ބަޑިއެއް ގެންގުޅެގެން ވަރަށް ހިތި ލިބިއްޖެ. އޭގެ އަގު އަދާކޮށްފިން. އަހަންނަކީ ޓެރަރިސްޓެއް ނޫން. އަހަރެންގެ ފުލުސް ބަޔާން ކިޔާލައި. އަހަރެން ޖަލަށް ލީ ގަވާއިދާ ހިލާފަށް ބަޑިއެއް ގެންގުޅެގެން. ޓެރަރިޒަމްގެ ތުހުމަތަކު ނޫން،" ސަންޖޭ ބުންޏެވެ. އެ ބަޑީގެ މައްސަލާގައި ސަންޖޭއަށް ފަސް އަހަރަށް ޖަލަށްވެސް ދާންޖެހުނެވެ. އޭނާ މިނިވަންވީ 2016 ވަނަ އަހަރު ފެބްރުއަރީ މަހު އެވެ.

ސަންޖޭ ބުނީ މަތި އޮމާންކުރާށޭ ބުނެ ފިލްމެއް އުފައްދަން އެއްވެސް މީހަކު 50 ކްރޯޑު ރުޕީސް އިންވެސްޓެއް ނުކުރާނެ ކަމަށެވެ. ފިލްމު އުފެއްދި ފަރާތްތައް އޭނާގެ ހަޔާތުގައިި ހިނގާފައިވާ ހުރިހާ ވާހަކަތަކެއް ކިޔައިދިނިން ކަމަށާއި ފިލްމުގައި ހިމަނާނެ ބައިތައް ނިންމީ އެމީހުން ކަމަށެވެ. ސަންޖޭ ކުރިން ކައިވެނިކުރި ދެމީހުން ކަމަށްވާ ރިއާ ޕިލައީ އާއި ރިޝާ ޝަރްމާ ވާހަކަ ނުހިމަނަންވެސް ނިންމީ އެމީހުން ކަމަށް ބުންޏެވެ. އެ ވާހަކަތައް ނުގެނެސްދީގެންވެސް ކްރިޓިކުން ވަނީ ވަރަށް ފޯރި އަރުވާލާފަ އެވެ.