ކުޅިވަރު

ނޭމާ އާއި އެމްބާޕޭ ޕީއެސްޖީ ދޫކޮށް ނުދާނެ

ޕީއެސްޖީގެ ނޭމާ ޖޫނިއާ އާއި ކިލިޔާން އެމްބާޕޭ، އެ ޓީމު ދޫކޮށް އެހެން ޓީމަކަށް ނުދާނެ ކަމަށް، ޕީއެސްޖީގެ ރައިސް ގަތަރުގެ ނާސެރު އަލް ހަލަފީ ވިދާޅުވެއްޖެ އެވެ.

ނޭމާ އާއި އެމްބާޕޭއާ ގުޅުވަނީ ރެއާލް މެޑްރިޑާ އެވެ. އެ ދެ ކުޅުންތެރިން ގެންދަންވެސް ރެއާލް މެޑްރިޑުން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ބްރެޒިލްގެ ސައުޕޯލޯގައި، ނޭމާގެ ޗެރީޓީ ފައުންޑޭޝަނުން ހިންގި ހަރަކާތެއްގައި ބައިވެރިވުމަށް ބްރެޒިލަށް ގޮސް ހުރި އަލް ހަލަފީ ވިދާޅުވީ ނޭމާ އާއި އެމްބާޕޭ އެހެން ކުލަބަކަށް ނުދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ވޯލްޑްކަޕުގައި އަހަރެމެންގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ޕާފޯމް ކުރި، ބްރެޒިލަށް ވޯލްޑްކަޕުގައި ވަރަށް ބޮޑަށް ޕްރެޝާ ކުރިމަތިވި، ފްރާންސްގެ ވޯލްޑްކަޕު ވަރަށް ރަނގަޅު އަދި އެ ޓީމަށް ހައްގު ވޯލްޑްކަޕުގެ ޗެމްޕިއަންކަން،" ނާސެރު ވިދާޅުވި އެވެ. "އެމްބާޕޭ ވޯލްޑްކަޕުގައި ފެނުނީ ތަފާތުކޮށް އަނިޔާއިން ރަނގަޅުވެގެން އައިސް ނޭމާ ވެސް ދެއްކި ކުޅުން ވަރަށް ރަނގަޅު."

ނޭމާގެ މައްޗަށް އެމްބާޕޭ ގަދަވެގަނެއްޖެ ކަމަށް މީޑިއާއިން ފަތުރާ ވާހަކަތަކާ ގުޅިގެން، ނާސެރު ވިދާޅުވީ، ނޭމާ އާއި އެމްބާޕޭއާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އެބައޮތް ކަމަށާއި އެ ދެކުޅުންތެރިން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް ވަރަށް ބޮޑަށް އިހްތިރާމު ކުރާ ކަމަށެވެ.

ނޭމާ ފައުންޑޭޝަންގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ނޭމާ ވެސް ބުނީ އޭނާ ޕީއެސްޖީގައި މަޑު ކުރާނެ ކަމަށެވެ. އަދި އޭނާ ވަނީ ކިލިޔަން އެމްބާޕޭ ވޯލްޑްކަޕުގައި ހޯދި ކާމިޔާބަށް މަރުހަބާ ކިޔާފަ އެވެ. ޕީއެސްޖީއަށް ސޮއި ކުރި އިޓަލީގެ ތަޖުރިބާކަރު ކީޕަރު ޖިއާންލުއީޖީ ބުފޮން ޕީއެސްޖީއަށް ސޮއި ކުރުމުން ނޭމާ ބުނީ ބުފޮން ކަހަލަ ކުޅުންތެރިޔަކާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ އޭނާގެ ފަރާތުން ގިނަ ކަންކަމެއް ދަސްވާނެ ކަމެއް ކަމަށެވެ.