ޕީއެސްޖީގެ ދެ ފޯވަޑުން ކަމަށްވާ، ކިލިޔަން އެމްބާޕޭ އާއި ނޭމާ ޖޫނިއާ ކައިރި މުސްތަގުބަލެއްގައިވެސް ޕީއެސްޖީ ދޫކޮށް ނުދާނެ ކަމަށް، އެ ކުލަބުގެ ރައީސް ގަތަރުގެ ނާސެރް އަލް ހަލީފީ ވިދާޅުވެއްޖެ އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި ރޭ އެޓަލާންޓާ އާ ދެކޮޅަށް ޕީއެސްޖީ މޮޅުކޮށްދިނުމުގައި މެޗުގެ ފަހު ވަގުތުގައި އެމްބާޕޭއާ އާއި ނޭމާ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ރޭގެ މެޗަށް ފަހު އާރްއެމްސީ ސްޕޯޓަށް ދިން އިންޓަވިއުގައި ހަލީފީ ވިދާޅުވީ ނޭމާ އާއި އެމްބާޕޭ އަކީ ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށެވެ.
"ދުނިޔޭގެ އެންމެ މޮޅު ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި އެ ދެ ކުޅުންތެރިން ހިމެނޭނެ،" އަލް ހަލީފީ ވިދާޅުވި އެވެ. "ނޭމާ އަކީ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ އޭނާ ކުޅުން މެޗުގައި ވަރަށް މޮޅު، އޭނާ އާ ކިލިޔަން [އެމްބާޕޭ] މި ޓީމު ދޫކޮށް ނުދާނެ، އެ ކުޅުންތެރިން ދެމިތިބޭނެ."
ޔޫރަޕްގެ ޕްރީމިއަމް ކުލބު މުބާރަތުގެ ސެމީ ފައިނަލަށް ޕީއެސްޖީ ދަތުރު ކުރީ 25 އަހަރު ފަހުންނެވެ. އަލް ހަލީފީ ވިދާޅުވީ ރޭގެ މެޗަކީ އޭނާގެ ކުލަބަށް ވަރަށް ހާއްސަ މެޗެއް ކަމަށެވެ.
"މިއީ ވަރަށް ފާހަގަ ކުރެވޭ ކަމެއް، އަހަރެމެންނަށް ހާއްސަ ކަމެއް، އަހަރެމެން ޖެހޭ މެންޓަލިޓީ ބަދަލު ކުރަން،" އަލްހަލީފީ އިތުރަށް ވިދާޅުވި އެވެ. "ކޮރޯނާ ވައިރަސް އާ ގުޅިގެން ފްރާންސް ލީގް ހުއްޓާލުމުން އަހަރެމެންނަށް ފަސޭހައެއް ނުވި، އެހެންނަމަވެސް ކުޅުންތެރިން ވަނީ ވަރަށް ރަނގަޅު މެންޓަލިޓީއެއްގައި ކުޅެފައި."
ނޭމާ އާއި އެމްބާޕޭ ވެސް ވަނީ އަންނަ ސީޒަންގައިވެސް ޕީއެސްޖީގައި މަޑުކުރާނެ ކަމަށް ބުނެފައެވެ. ކޮންމެ ސީިޒަނެއް ފެށުމުގެ ކުރިން އެ ދެ ކުޅުންތެރިންގެ ޓްްރާންސްފާ އާ ގުޅުވައިގެން އަބަދުވެސް ވާހަކަ ދައްކަ އެވެ. ނޭމާ އަލުން ބާސާ އަށް ގެންދަން އެ ކުލަބުން ކުރާ މަސައްކަތްވެސް މިވަގުތަށް ވަނީ މަޑުޖައްސާލާފަ އެވެ. އެމްބަޕޭ ގެންދަން ރެއާލް މެޑްރިޑާއި ލިވަޕޫލުން ކުރިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ރެއާލްއިން ބުނެފައި ވަނީ މި ޓްރާންސްފާ ޕީރިއަޑްގައި ކުލަބަށް އާ ކުޅުންތެރިޔަކު ނުގެންނާނެ ކަމަށެވެ.