ވޭތުވެދިޔަ ހަތަރު ހަފުތާއެއްހާ ދުވަހުގެ ތެރޭ ރާއްޖެ އައި ބަންގުލަދޭޝްގެ މީހުންގެ އަތުން ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި ފެނި އަތުލައިގެންފައިވާ ކަމަށާއި އެހެންވެ ރާއްޖެ އަންނަ ބަންގުލަދޭޝްގެ މީހުންގެ ބަލައި ފާސް ކުރުން އިތުރުކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.
ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް މުހައްމަދު ޖުނައިދު ވިދާޅުވީ މަސްތުވާތަކެތި އެތެރެ ކުރާ މީހުން އަތުލައިގަތުމަށް ފުލުހުންނާއެކު ކުރާ މަސައްކަތުގައި ކަސްޓަމަށް ބޮޑެތި ކުރިއެރުންތައް މިހާރު ހޯދިފައިވާއިރު މިދިއަ މަހެއްހާ ދުވަހުގެ ތެރޭގައި ބޮޑެތި އަދަދުތަކުން ރާއްޖެއަށް މަސްތުވާތަކެތި ގެނެސްފައިވަނީ ބަންގުލާދޭޝްގެ މީހުން ކަމަށެވެ. އެކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވާތީ ބަންގުލަދޭޝް މީހުންނާއި އެ ގައުމުން އަންނަ މީހުން ޗެކު ކުރުން އެއާޕޯޓް ކަސްޓަމްސް އިން އިތުރު ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެނަށް ފާހަގަ ކުރެވޭ ގޮތުގައި ބަންގުލަދޭޝްގެ ވަރަށް ގިނަ މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ޑްރަގު އަތުލެވިއްޖެ އަޅުގަނޑު ހަވާލުވި ފަހުން ވެސް. އޭގެ ތަފުސީލްތައް ވަރަށް އަވަހަށް މީޑިއާއަށް ދޭނެ." ޖުނައިދު ވިދާޅުވި އެވެ. "އެހެންވެ މިހާރު ބަންގްލަދޭޝްގެ އެންމެން ފާސް ކުރަން ފަށައިފިން. ބަންގުލާދޭޝް ޕާސްޕޯޓެއް އޮތިއްޔާ ފާސް ކުރާ ސްކޭލް ވާނީ މަތީކޮށްފައި."
އޭނާ ވިދާޅުވީ އެކަން އެގޮތަށް ކުރަން ޖެހުނީ މިދިއަ މަހެއްހާ ދުވަހުގެ ތެރޭގައި އާދަޔާހިލާފު ގޮތަކަށް ފާހަގަ ކުރެވޭވަރަށް ބަންގުލާދޭޝްގެ ރައްޔިތުން އަތުން ބޮޑެތި އަދަދުތަކުން ޑްރަގު ފެނިފައި ހުރުމުން ކަމަށެވެ.
"މީހުންގެ ދަތިކަން ހުރުމާއެކު ވެސް ބަންގުލާދޭޝްގެ އެންމެން ބައިލާ ފާސް ކުރުމުން މިހާރު މިދަނީ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ބިދޭސީ މަސައްކަތު އާބާދީގައި އެންމެ ގިނައީ ބަންގުލަދޭޝްގެ ރައްޔިތުންނެވެ.