ބޭރު ކުޅިވަރު

10 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ދިނިން، އެކަމަކު އެއީ ރިޝްވަތެއް ނޫން: ދެކުނު އެފްރިކާ

ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ބިޑް ކާމިޔާބުކުރުމަށް ފީފާގެ ކުރީގެ އޮފިޝަލަކަށް ދެކުނު އެފްރިކާ އިން 10 މިލިއަން ޑޮލަރު ދިން ކަމަށް ތުހުމަތުކުރެވިފައިވާއިރު، އެ އަދަދުގެ ޕޭމަންޓެއް ދީފައިވާ ކަމަށް ދެކުނު އެފްރިކާ އިން އެއްބަސްވެއްޖެ އެވެ.

ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ފީފާގެ އިސް އޮފިޝަލުންތަކެއް އެމެރިކާ އިން ހައްޔަރުކޮށްފައިވާއިރު، އެމެރިކާ އިން ބުނެފައިވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަަޕް ބޭއްވުމުގެ ފުރުސަތު ދެކުނު އެފްރިކާ އަށް ދޭ ގޮތުގެ މަތިން، އެ ގައުމުން ވަނީ އޭރު ފީފާގެ ނައިބު ރައީސްއަކަށް ހުރި ޖެކް ވޯނާ އަށް 10 މިލިއަން ޑޮލަރު ދީފަ އެވެ. އެފްރިކާގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ދެކުނު އެފްރިކާ އިން ހޯދީ މޮރޮކޯ ފަހަތަށް ޖައްސާލުމަށް ފަހު އެވެ.

ދެކުނު އެފްރިކާގެ މީޑިއާއާ ވާހަކަދައްކަމުން ދެކުނު އެފްރިކާގެ ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ޑެނީ ޖޯޑަން ވަނީ އުތުރު އެމެރިކާ އާއި ސެންޓްރަލް އެމެރިކާ އަދި ކެރީބިއަންގެ ފުޓްބޯޅަ ޖަމިއްޔާ ކޮންކަސާފް އަށް 10 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ދިން ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އެކަމަކު އެއީ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ހޯދަން ދިން ފައިސާއެއް ނޫން ކަމަށް ޑެނީ ވިދާޅުވި އެވެ. 

ވޯނާ އަކީ އޭރު ކޮންކަސާފްގެ ރައީސް އެވެ. ފީފާ އިން ދެކުނު އެފްރިކާ އަށް 2008 ވަނަ އަހަރު ދިން ޕޭމަންޓަކުން އެ ބައި އުނިކުރި ނަމަވެސް، އެ ފައިސާ ކޮންކަސާފް އަށް ދިނުމަށް ފަހުން ވަނީ އެދިފަ އެވެ.

ބީބީސީއާ ވާހަކަދައްކަމުން ދެކުނު އެފްރިކާ އެފްއޭގެ އޮފިޝަލެއް ބުނީ އޭރު އެ ފައިސާ ކޮންކަސާފް އަށް ދިނީ އެ ސަރަހަައްދުގެ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވުމަށް ކަމަށެވެ. އެކަމަކު ވޯލްޑް ކަޕަށް ދެކުނު އެފްރިކާ އިން ބިޑްކޮސްފައިވަނިކޮށް، އެ ފައިސާ ދިނުމަކީ ސުވާލު އުފެދޭ ކަމެކެވެ.

ކޮރަޕްޝަންގެ މައްސަލައެއްގެ ފީފާގެ އޮފިޝަލުންތަކެއް ހައްޔަރުކުރުމާ ގުޅިގެން ފީފާ އަށް ވނަީ ގިނަ ފާޑުކިއުންތައް އަމާޒުވެފަ އެވެ. ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް، ފީފާގެ ރައީސްގެ މަގާމަށް ފަސް ވަނަ ދައުރަކަށް ޖޯސެޕް ބްލެޓާ ވަނީ އިންތިހާބުވެވަޑައިގެންފަ އެވެ. އިންތިހާބު ކާމިޔާބުކުރެއްވި ނަމަވެސް، ޔޫރަޕްގެ ގިނަ ގައުމުތަކުން ދަނީ ބްލެޓާ އަށް ޕްރެޝަރުކުރަމުންނެވެ.