ކުޅިވަރު

ފުރަތަމަ ހެޓްރިކުން މިސްބާހަށް އާ ހިތްވަރެއް

މިދިޔަ ހަފުތާގައި، ފ. ނިލަންދުއާ ދެކޮޅަށް ގްރީން ސްޓްރީޓް ކުޅުނު މެޗު އެންމެ ހާއްސަވީ، ގްރީންގެ އަބްދުﷲ މިސްބާހް (މިސްބެ) އަށެވެ. އެއީ އޭނާގެ ސީނިއާ ކެރިއަރުގައި ފުރަތަމަ ހެޓްރިކު ހެދި ދުވަހެވެ. ފުރަތަމަ ހެޓްރިކާއެކު ކެރިއަރުގައި ކުރިއަށްދާން ބޮޑު ހިތްވަރެއް އޭނާއަށް ލިބިއްޖެ އެވެ.

ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅައަށް މިސްބާހް ނެރެ ދިނީ، ގްރީންގެ ކޯޗް އަލީ ސުޒޭން އެވެ. ސުޒޭން މާޒިޔާގައި މަސައްކަތް ކުރިއިރު، 2016 ވަނަ އަހަރުގެ ސީޒަނަށް، ޕްރީ ސިޒަން ފެށީ އެ ކުލަބުން ޒުވާން ކުޅުންތެރިންނަށް ހުޅުވާލި ޓްރެޔަލްއިންނެވެ. އެ ފުރުސަތުގެ ބޭނުން ހިފައި މިސްބާހް މާޒިޔާގެ އެތެރެއަށް ދެމިގަތެވެ.

އެ އަހަރު އޭއެފްސީ ކަޕަށް މާޒިޔާއިން އެކުލަވާލި ސްކޮޑުން ވެސް، ސުޒޭން ވަނީ މިސްބާހަށް ޖާގަ ދީފަ އެވެ. އޭއެފްސީކަޕުގައި އިންޑިއާއަށް ކުރި ދަތުރުގައި މާޒިޔާގެ ސްކޮޑުގައި ހިމެނިގެން މިސްބާހް އިންޑިއާއަށްވެސް ދިޔަ އެވެ.

އެ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި، މާޒިޔާގައި މޮޅު ކުޅުމެއް އޭނާ ދެއްކި އެވެ. ނަމަވެސް އެ މުބާރާތަށް ފަހު އޭނާ ގެއްލިޖެ އެވެ. މާޒިޔާގެ ޓީމުންވެސް އޭނާ އުނިވެއްޖެ އެވެ. ތަފާތު ސަބަބުތަކާ ހުރެ އޭނާގެ ކުޅުން އެއް ފެންވަރެއްގައި ނުހިފެހެއްޓުނީ އެވެ.

އެންމެ ބޮޑު މައްސަލައަކަށް ދިމާވީ އަނިޔާގެ މައްސަލަތަކެވެ. އުފަން ރަށް ހއ. ބާރަށުގައި ކުޅުނު މުބާރާތެއްގައި އޭނާ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް އެއް ފެންވަރެއްގެ ނުހިފެހެއްޓުނެވެ. ދެން އަނެއްކާވެސް ފެނުނީ، މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ ޓީމުންނެވެ. އެޓީމުގައި މޮޅު ކުޅުމެއް ދެއްކި އެވެ. މިދިޔަ އަހަރު ލީގްގައި އޭނާގެ އެންމެ ހާއްސަ މެޗަކަށް ވާނީ މާޒިޔާއާ ދެކޮޅަށް ދެ ވަނަ ބުރުގައި ކުޅުނު މެޗެވެ. އެ މެޗުގައި އޭނާގެ ބޯއީހުޑް ކުލަބު ކޮޅަށް ދެ ލަނޑު ޖެހި އެވެ.

މި ސީޒަނަކީ، ރެގިއުލާކޮށް އޭނާ ކުޅޭ ފުރަތަމަ ސީޒަނެވެ. ގްރީން ސްޓްރީޓާއެކު ދިވެހި ޕްރިމިއާ ލީގާ ހަމަޔަށް ދިޔައިރު މިހާރު އޭނާ ހުރީ ރަނގަޅު ފޯމެއްގައެވެ. ނިލަންދުއާ ދެކޮޅަށް ކުޅުނު މެޗުގައި ހެޓްރިކު ހެދުމުގެ އިތުރަށް، އިތުރު ދެ ލަނޑު ޖެހަން ވެސް އޭނާ ފުރުސަތު ތަނަވަސް ކޮށްދިނެވެ.

"އެންމެ ބޮޑު ހިތްވަރަކީ، ކޯޗް [އަލީ ސުޒޭން] އަޅުގަނޑު ގްރީން ސްޓްރީޓަށް ގެންދިޔައީވެސް ކޯޗް،" މިސްބާހް ކިޔައިދިނެވެ.

"ސީޒަން ފެށުމުގެ ކުރިން ފުރަތަމަ ފަސް ދުވަހު ޕްރެކްޓިސްއަށް ގޮސް އަނެއްކާވެސް ކޮންމެވެސް ވަރަކަށް އިންޖަރީ ވެގެން އަޅުގަނޑު ޕްރެކްޓިހަށް ދިއުން ހުއްޓާލައިގެން ހުއްޓާ ކޯޗް ސުޒޭން އަޅުގަނޑަށް ގުޅާފަ ހިތްވަރު ދިނީ ޕްރެކްޓިހަށް ނިކުންނަން، ކޯޗް ބުނި މިސްބާހް އަށް ވާނެޔޭ، އެހެން ބުނީމަ ވަރަށް ބޮޑު ހިތްވަރެއް ލިބުނު، އެހެންވެ ދާއިމީކޮށް ދާން ފެށީވެސް."

"ސީޒަން ފަށައިގެންވެސް އަޅުގަނޑަށް އެންމެ ރަނގަޅަށް ކުޅުން ނުދެއްކޭއިރުވެސް އެކި ގޮތްގޮތުން ކޯޗް ހިތްވަރު ދިން."

ސީނިއާ ކެރިއަރުގައި ހެދި ފުރަތަމަ ހެޓްރިކާއެކު މިސްބާހް ހުރީ ބޮޑު އުންމީދެއްގަ އެވެ. އެ ދުވަހު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޭނާ އެވެ.

"އެ މެޗަށް ފަހު ހިތައް އެރި އަދި މިއަށްވުރެވެސް އަޅުގަނޑުގެ ޕާފޯމަންސް މަތި ކުރެވޭނެޔޭ، އިތުރަށް މަސައްކަތް ވެސް ކުރާނަން،" އޭނާއަށް ލިބުނު ހިތްވަރާއެކު މިސްބާހް،23 ބުންޏެވެ. "އެބަ ހިތައް އަރާ އޯގަސްޓްގައި ލީގް މެދު ކަނޑާލީމަ އިތުރަށް ރިކަވަރީ ޕްރޮގްރާމް އަމިއްލައަށްވެސް ކުރިއަށް ގެންދާނަމޭ."