ވޯނާ ބްރަދާސް ޕިކްޗާސްއިން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ބޮޑު ހަތަރު ފިލްމެއްގެ ޓްރެއިލާ މިއަދު ދޫކޮށްލައިފި އެވެ. އެއީ ޑީސީ އެކްސްޓެންޑެންޑް ޔުނިވާސްގެ ސުޕަހީރޯ ދެ ފިލްމު ކަމަށްވާ "އެކުއަމޭން" އާއި "ޝެޒޭމް" އަދި "ގޮޑްޒިއްލާ: ކިންގު އޮފް މޮންސްޓާޒް" އާއި "ފެންޓާސްޓިކް ބީސްޓްސް: ދި ކްރައިމްސް އޮފް ގްރިންޑްވާލްޑް"ގެ ޓްރެއިލާ އެވެ.
އެކުއަމޭން
މި ޓްރެއިލާއަކީ މިހާރު ޔޫޓިއުބުގައި ނަންބަރު ވަން ޓްރެންޑިން ޓްރެއިލާ އެވެ. އެކުއަމޭންގެ ރޯލުން މި ފިލްމުގައި ފެނިގެންދާނެ ޖޭސަން މޮމޯއާ ފުރަތަމަ ތައާރަފުވީ ޑީސީގެ ފިލްމު "ޖަސްޓިސް ލީގް" އިން މިދިޔަ އަހަރު އެވެ. އެކުއަމޭންއަކީ ހަތް ކަނޑުގެ މައްޗަށް ރަސްކަންކުރާ ރަސްގެފާނެ އެވެ. އޭނާގެ ބޭބެ ބިމުގައި ހަނގުރާމަކުރަން އުޅޭތީ އޭނާ ހުއްޓުވުމަށް އެކުއަމޭން ބޭބެއާއި ދެކޮޅަށް ހަނގުރާމަ ފަށާނެ އެވެ. ކަނޑުއަޑީގެ ގިނަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ މި ފިލްމު ރިލީޒްކުރަނީ އަންނަ ޑިސެމްބަރު މަހު 21 ގަ އެވެ.
ޝެޒޭމް
ސުޕަހީރޯ އެކްޝަން އަދި ކޮމެޑީ މި ފިލްމުގެ ޓްރެއިލާއިން ގިނަ ބަޔަކު ހެއްވާލި އެވެ. ކުޑަކުއްޖަކަށް ސުޕަހީރޯއެއް (ޝެޒޭމް) ގެ ބާރު ލިބުމުން ހިންގާ ކަންތައްތައް މި ފިލްމުގައި ގެނެސްދޭނެ އެވެ. ޝެޒޭމްގެ ރޯލުން މި ފިލްމުގައި ފެނިގެންދާނީ ޒެކެރީ ލެވީ އެވެ. މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު އޭޕްރީލް ފަހެއްގަ އެވެ.
ގޮޑްޒިއްލާ: ކިންގު އޮފް މޮންސްޓާޒް
މިއީ "ގޮޑްޒިއްލާ" ގެ ދެ ވަނަ ފިލްމެވެ. ނެޓްފްލިކްސްގެ ސީރީޒް "ސްޓްރޭންޖާ ތިންގްސް" ގައި ލީޑުން ފެންނަ އެކްޓްރެސް މިލީ ބޮބީ ބްރައުން ހާއްސަ ރޯލަކުން މި ފިލްމުގައި ފެންނާނެ އެވެ. މި ފިލްމުގައި މޮންސްޓާ ގޮޑްޒިއްލާއާއި އެހެން މޮންސްޓާސްތައް ކަމަށްވާ މޮތްރާ އާއި ރޯޑަން އަދި ތްރީ ހެޑެޑް މޮންސްޓާ ކިންގު ގިޑޯރާ ތަޅައިގަތުމުން އިންސާނުންނަށް ދުނިޔޭގައި އުޅުމަށް ނުރައްކަލަކަށް ވެގެންދެ އެވެ. މި ފިލްމު ސިނަމާތަކަށް އަންނަނީ އަންނަ އަހަރު މެއި 31 ގަ އެވެ.
ފެންޓާސްޓިކް ބީސްޓްސް: ދި ކްރައިމްސް އޮފް ގްރިންޑްވާލްޑް
ފޮޓާ ހެޑްސް މިހާރު އެންމެ އިންތިޒާރުކުރާނީ މި ފިލްމަށެވެ. މިއީ 2016 ވަނަ އަހަރު ގެނެސްދިން "ފެންޓާސްޓިކް ބީސްޓްސް" ސީކުއެލް ފިލްމެވެ. ޖާދުލުގެ ދުނިޔޭގެ ހިނގާ އެތައްކަމެއް މި ފިލްމުގައިވެސް ގެނެސްދޭނެ ކަމަށްވެ އެވެ. ފުރަތަމަ ފިލްމު ނިމުނުއިރު ފެނިގެންދިޔައީ ނުބައި ޖާދޫގަރު ގްރިންޑަލްވާލްޑް ހައްޔަރުކުރި ތަނެވެ. މި ފިލްމުގައި ފެނިގެންދާނީ ގްރިންޑަލްވާލްޑް ހައްޔަރުން ފިލާ އޭނާ ކޮޅަށް މީހުން އެއްކޮށް، އޮޅުވައިލެގެން އެމީހުން ލައްވާ ނުބައި ކަންކަންކުރުވާތަނެވެ. ޖޭކޭ ރޯލިން ސްކްރީންޕްލޭ ތައްޔާރުކޮށްފައިވާ މި ފިލްމު ނެއްލާނީ އަންނަ ނޮވެމްބަރު މަހު 16 ގަ އެވެ.