ހަބަރު

އިއްޔެގެ މާރާމާރީގައި ޒަހަމްވި ޒުވާނާގެ ހާލު ރަނގަޅު

ހުޅުމާލޭގައި ވަޅިން ހަމަލާދީ އިއްޔެ ޒަހަމްކުރި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާއަށް ފަރުވާދިން ހުޅުމާލޭ ހޮސްޕިޓަލުން ބުނެފި އެވެ.

އިއްޔެ ހަވީރު ހުޅުމާލޭގައި ޒަހަމްކޮށްލާފައިވަނީ 29 އަހަރުގެ ޒުވާނެކެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، ޒަހަމްވި މީހާގެ ބުރަކަށީގެ ފަސް ތަނަކަށް ވަޅި ހަރާފައިވީ ނަމަވެސް މިހާތަނަށް ހެދި ޓެސްޓުތަކުން އެތެރެހައްޓަށް މާ ބޮޑު ގެއްލުންތަކެއް ވެފައިވާކަން އެނގިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ބަނޑުގައި ރިއްސާކަމަށް އެ ޒުވާނާ ބުނާތީ ސީޓީ ސްކޭން ހެދުމަށް އޭނާ މިހާރު އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ވެސް ހުޅުމާލޭގައި 24 އަހަރުގެ ޒުވާނަކަށް ވަޅިން ހަމަލާދީ ވަނީ ޒަހަމްކޮށްލާފަ އެވެ. އޭނާގެ ހާޅުވެސް މިހާރު ރަނގަޅެވެ.