ވިޔަފާރި

މީރާގެ ޕޮލިސީތައް ހަދާފައިވަނީ ކުދި ވިޔަފާރިތަކަށް އުނދަގޫ ކުރާކަށް ނޫން: ކޮމިޝަނާ ޖެނެރަލް

މީރާގެ ޕޮލިސީތައް ހަދާފައިވަނީ ކުދި ވިޔަފާރިތަކަށް އުނދަގޫ ކުރަން ނޫން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން ޔަޒީދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުންފުނިތަކުގެ އަހަރީ ރިޕޯޓުތައް މީރާއިން ބަލައި ގަންނަން ފެށުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީއާއެކު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޔަޒީދު ވިދާޅުވީ މީރާގެ ޕޮލިސީތައް ކުދި ވިޔަފާރިތަކަށް ލުއި ފަސޭހަ ވާނެ ގޮތައް ކަމަށެވެ.

"އަޅުގަނޑުމެންގެ އަބަދު ވެސް ފޯކަސް މި ހުންނަނީ އެސްއެމްއީ ތަކަށް އަބަދުވެސް ލުއި ގޮތްތަކެއް ހަދައި ދިނުން. ސަރުކާރުގެ މާލީ އަދި އިގްތިސާދީ ސިޔާސަތުތަކާ އެލައިންވާ ކަހަލަ އެކްޝަން ތަކެއް ނަގައި، ދޭން ޖެހޭ ލުއި ފަސޭހަކަމެއް ދިނުން،" ޔަޒީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށަށް ގޮސް ވެސް ވިޔަފާރިތަކަށް އެހީތެރިކަން ދެމުން ގެންދާ ކަމަށެވެ.

"މިރާގައި ރަޖިސްޓްރީ ކުރެވި ޖޫރިމަނާ އަރަމުންދާ ކުންފުނިތަކާއި މީރާ އިން ޑީ ރަޖިސްޓްރާ ކުރަން ޖެހޭ ކަންތައްތައް ނުކޮށް. އުނދަގޫ ވެގެން އެކަން ނުކުރެވި ތިބި ކުންފުނިތަކަށް މިދަނީ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ޖޫރިމަނާތައް މާފުކޮށްދީ ކުދި ވިޔަފާރިތަކަށް ގިނަ މަސައްކަތްތަކެއް ކޮށްދެމުން،" ޔަޒީދު ވިދާޅުވި އެވެ.