ކުޅިވަރު

ގައުމީ ކްރިކެޓް ޓީމުގެ ކޯޗަކަށް ސިންގަޕޫރުގެ ކުރީގެ ކޯޗް

ގައުމީ ކްރިކެޓް ޓީމުގެ ކޯޗަކަށް، ދެކުނު އެފްރިކާގެ ތަޖުރިބާކާރެއް ކަމަށްވާ އާސިފް ހާން ހަމަޖައްސައިފި އެވެ. އޭނާ ވަނީ ކުރިން ސިންގަޕޫރުގެ އެލީޓް ކްރިކެޓް ޓީމުގެ ކޯޗުކަން ކޮށްފަ އެވެ.

ޕާކިސްތާން ދަރިކޮޅުގެ އާސިފް ހާންއަކީ، އައިސީސީ ކްރިކެޓްގެ ކޯޗިންގެ އެންމެ މަތީ ލައިސެންސް އޮތް ކޯޗެއް ކަން ކްރިކެޓް ބޯޑުން ފާހަގަ ކުރެ އެވެ. ސިންގަޕޫރުގެ ކްރިކެޓް ޓީމަށް ކޯޗް ކޮށްދިނުމުގެ ކުރިން އޭނާ ވަނީ ދެކުނު އެފްރިކާގެ ކުލަބުތަކަށްވެސް ކޯޗް ކޮށްދީފަ އެވެ.

ގައުމީ ޓީމާ ހަވާލުވާން އާސިފް ހާން މިއަދު ވަނީ މާލެ އައިސްފަ އެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާހް ވިދާޅުވީ، އާސިފް ހާން އާއެކު ސޮއި ކުރާނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓްގެ ދަށުންނެވެ.

"ކޯޗުގެ މަސައްކަތް ބެލުމަށް ފަހު އަހަރުން އަހަރަށް ކޮންޓްރެކްޓް އެކްސްޓެންޑް ކުރާނަން، މިވަގުތަށް މިއީ އެއް އަހަރަށް." ކުރިން ގައުމީ ޓީމަށް ކުޅުވި އަފްލާހް ވިދާޅުވި އެވެ.

ރާއްޖޭގެ ގައުމީ ކްރިކެޓު ޓީމުން ވަނީ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލުގެ މުބާރާތްތަކުގައި ވާދަ ކުރުމުގެ ދޮރު ހުޅުވާފަ އެވެ. މި އަހަރު ބޭއްވި ޓީޓީ 20 ކްރިކެޓް މުބާރާތުގެ ކޮލިފައިންގައި ދިވެހި ޓީމު ވާދަ ކުރި އެވެ.

އަންނަ އަހަރު ބާއްވާ ސައުތު އޭޝިއަން ގޭމްސްގައި، ކްރިކެޓް ހިމެނުމަށް، ސަރަހައްދީ ޖަމްއިއްޔާއިން ވަނީ ނިންމާފަ އެވެ. މި ފުރުސަތު ލިބުމުން ދުނިޔޭގެ ކްރިކެޓްގެ އެންމެ ބޮޑތި ބާރުތައް ކަމަށްވާ، އިންޑިއާ އާއި ޕާކިސްތާން އަދި ޝްރީލަންކާ އާއި ބަންގުލަދޭޝްއާ ވާދަ ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބޭނެ އެވެ.

އަފްލާހް ވަނީ ދެކުނު އޭޝިއާގެ އޮލިމްޕިކް ކައުންސިލްގެ ނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ސައުތު އޭޝިއަން ގޭމްސްގައި ލިބޭ ފުރުސަތުން ރާއްޖެއަށް ބޮޑެތި ކުރި އެރުންތަކެއް ހޯދޭނެ ކަމަށެވެ.