ހަބަރު

ސަރުކާރު މެދުވެރިކޮށް ރީރެޖިސްޓާ ނުކުރޭ، އުޅެނީ މަކަރު ހަދަން: އިދިކޮޅު

އަންނަ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލުމަށްޓަކައި ރީރެޖިސްޓްރޭޝަންވުމުގެ ކަންކަމުގައި ސަރުކާރުން އޮޅުވާލައި މަކަރު ހަދަމުންދާ ކަމަށާއި އެބޭފުޅުން މެދުވެރިކޮށް ރީރެޖިސްޓާ ނުކުރުމަށް އިދިކޮޅު ކޯލިޝަންގެ ބޭފުޅުން
މިއަދު ގޮވާލައިފި އެވެ.

އިދިކޮޅު ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ، ރީރެޖިސްޓްރޭޝަން ކުރުމުގެ ނަމުގައި ކަންބޮޑުވާ ކަންތައްތަކެއް ހިންގަމުންދާ ކަމަށާއި އެގޮތުން ރީރެޖިސްޓްރޭޝަންގެ ހިނަ ފޯމްތަކެއް އީސީއަށް ހުށަނާޅައި ގިނަ ބަޔަކު ވޯޓް ލުމުން މަހުރޫމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނިޔާޒް ވިދާޅުވީ، މިނިސްޓްރީތަކާއި ކުންފުނިތަކުގެ މުވައްޒަފުން ލައްވައި ޕީޕީއެމުން ރެޖިސްޓާ ކުރަމުން ގެންދާ ކަމަށާއި އެކަމަކީ އޮޅުވާލަން ކުރާ ކަމެއް ކަމަށެވެ. އަދި އެކަމުގައި އިލެކްޝަންގެ ބައިވެރިވުންވެސް ހިމެނޭ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިލްތިމާސް ކުރަން، މަޖުބޫރު ވެގެން އެ ފަދަ ފޯމެއްގައި ސޮއިކުރި ނަމަވެސް ދެ ވަނަ ފަހަރަށް، ތިބޭފުޅުންނަށް އިތުބާރު ހިފޭ ތަނެއްގައި ރަޖިސްޓަރީ ކުރައްވާ، ދެ ވަނަ ފަހަަރަށް ފޯމު ހުށަހެޅުމަކީ މައްސަލައެއް ނޫން ކަަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ވިދާޅުވެފަ،" ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ، އިންތިޚާބުގައި މަކަރު ހަދަން ބޭނުން ކުރަން ރާވާފައިވާ އުކުޅުތައް އިނގޭ ކަމަށާއި ރައީސް ޔާމީންގެ އެ "އަތްބައި" ބަލައިފި ކަމަށެވެ. އަދި އެ އަތްބައިގެ އެއްބަޔަކީ ނުބައި ތަންތަނަށް ރީރެޖިސްޓަރީ ކުރުވުން ކަމަށްވެސް ނިޔާޒް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، އަދާލަތު ޕާޓީގެ ހިއުމަން ރައިޓްސް ކޮމިޓީގެ ޗެއާމަން އަޙްމަދު ނުއުމާން ވިދާޅުވީ، ދައުލަތުގެ މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ބޭނުންކޮށްގެން ރަސްމީ ގަޑީގައި ރީރެޖިސްޓާ ކުރުމުގެ ކަންކަން ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށެވެ. އަދި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާގެ މެންބަރުންގެ މައުލޫމާތު އެއްކުރުމަށާއި އައިޑީކާޑުގެ ކޮޕީ ހަވާލުކުރުމަށް އަންގަމުން އަންނަ ކަމަށްވެސް ނުއުމާން ވިދާޅުވި އެވެ.

ނުއުމާން ވިދާޅުވީ، ރީރެޖިސްޓްރޭޝަން ފޯމުތަކުގައި ވޯޓުލާތަން ހާމަނުކޮށް ހަމައެކަނި ސޮއި ކުރުމަށް އަންގަމުން އަންނަ ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލުމަށް ސަރުކާރުން މިފަދަ ކަންކަން ކުރުމަށް މަސައްކަތް ކުރަމުން އަންނަނީ، ވޯޓު ލުމަށް ރީރެޖިސްޓާ ކުރާ އިރު އިތުބާރު ކުރެވޭ ފަރާތްތައް މެދުވެރުކޮށް އެކަން ކުރެއްވުމަށް އެންމެނަށްވެސް އިލްތިމާސް ކުރަން،" ނުއުމާން ވދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ނައިބު ލިޑަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވީ، ވަރަށް ގިނަ ފަރާތްތަކުން ގުޅިފައިވާ ޕާޓީތަކުގެ މެދުގައި ބަދަހިކަން ނެތް ވާހަކަ ދައްކަމުންދާ ކަމަށެވެ. ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއްގެ ސަޕޯޓް އޮތީ އިދިކޮޅު ޕާޓީއަށް ކަމަށާއި އެހެން ކަމުން އިންތިހާބާ ދިމާކޮށް ޝައްކާއި ވަހުމް އުފެއްދުމަށް އެކި ވާހަތައް ޕީޕީއެމުން ދައްކަމުންދާ ކަމަށެވެ.

"އެ އެވާހަކަތައް ދައްކަ ދައްކަ ތިއްބާ އެވަނީ ކެނޑިޑޭޓަކުވެސް ރަނިންމޭޓަކުވެސް ނެރެފަ، އެހެން ކަމުން އެބަ އިނގޭދޯ ގުޅިގެން މަސައްކަތް ކުރެވޭކަން، އަޅުގަނޑުމެން މެދުގަ ބަދަހިކަން އެބައޮތްކަން،" ހުސެއިން ރަޝީދު ވިދާޅުވި އެވެ.

ހުސެއިން ރަޝީދު ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަނީ 40 ހާހަށްވުރެ ގިނަ ރައްޔިތުން ވޯޓުލުމުން މަހްރޫމް ކުރުމަށް ކަމަށާއި އެކަން ކާމިޔާބުވިޔަކަ ނުދޭނެ ކަމަށެވެ. އަދި ދިވެހި ކޮންމެ ރައްޔިތަކީ ގާނޫނު އަސާސީން ވޯޓުލުމުގެ ހައްގު ކަށަވަރުކޮށްދީފައިވާ މީހެއް ކަމަށާއި ސަރުކާރުގެ އެއްވެސް މުވައްޒަފެއް ކުޑަކަކޫ ޖަހަން ނުޖެހޭ ކަމަށް ވެސް ހުސެއިން ރަޝީދު ވިދާޅުވި އެވެ.